about 1 hour 0
މުހައްމަދު ޝަހްޒާން
އީދު ބައިބަލާ ޗެލެންޖު 1447 ގެ ޗެމްޕިއަން ޓީމް، ޒެޕޯ ސްޕޯޓްސް ކްލަބަށް ތަށި ލިބުމުން އުފާ ފާޅުކުރަނީ -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
about 1 hour 0
ބައިބަލާގެ ރަސްގެފާނު، ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް އީދު ބައިބަލާ ޗެލެންޖު 1447 ގެ ޗެމްޕިއަންކަން ޒެޕޯ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
ހުޅުމާލޭގައި ރޭ ކުޅުނު ބައިބަލާ މުބާރާތުގެ ފައިނަލް މެޗު ޒެޕޯއިން ކާމިޔާބުކުރީ ގަދަ ހިފުމުގެ ފަސްވަނަ ހިފުން ކާމިޔާބު ކޮށްގެންނެވެ. ޒެޕޯއަށް މެޗު ކާމިޔާބު ކޮށްދިނީ މި އަހަރުގެ މުބާރާތުގެ މިސްޓާ ބައިބަލާގެ މަގާމު ހޯދި، މުހައްމަދު ނައްވާފް (މާކީ) ފަހު ހިފުމުގައި ބޭރުން އަރަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޭމުގައި ޒެޕޯ ކުޅުނީ އެތެރެއިންނެވެ. ބައިބަލާގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމެނުނު ބީޖީން ބޭރުން ކުޅެ، އެ ގޭމު ކާމިޔާބު ކުރީ ގޭމުގެ ބާކީ ތިން މިނެޓު އޮއްވަ އެވެ. ނަތީޖާ 9-4 ގައި އޮއްވައި، ތިން ކުޅުންތެރިން ބޭރުކޮށްގެން އެ ގޭމު ބީޖީއަށް ކާމިޔާބު ކޮށްދިނީ ކުރީގެ މިސްޓާ ބައިބަލާ، ފަރަހު ޝާމް އެވެ.
ޖަވާބުގައި، ޒެޕޯއިން ބޭރުން ކުޅެން އަރައި ދެވަނަ ގޭމު 6-5 އިން ކާމިޔާބުކުރީ 2:37 ސިކުންތު ބާކީ އޮއްވަ އެވެ. ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމެނުނު ޒެޕޯއަށް އެ ގޭމު ކާމިޔާބު ކޮށްދިނީ މި މުބަރާތުގައި ތަވާތު މޮޅު ކުޅުމެއް ދެއްކި މާކީ އެވެ.
މެޗުގެ ނަތީޖާ ނެރުމަށް ގަދަ ހިފުމަށް ގޮސް، ފުރަތަމަ ހަތަރު ހިފުމުގެ ތެރެއިން، ކޮންމެ ޓީމަކުން ވެސް ދެ ހިފުން ކާމިޔާބުކުރި އެވެ. އެންމެފަހު ހިފުމުގައި ގުރު ދިމާވީ ޒެޕޯއަށެވެ. އެ ޓީމުން ނިންމީ ބޭރުން ކުޅޭށެވެ.
މި އަހަރުގެ ބައިބަލާ މުބާރާތުގައި ޖުމުލަ 38 ޓީމު ވާދަކުރި އެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ މީގެ ކުރިއާ ތަފާތުކޮށް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. އެހެންކަމުން، މުބާރާތުގެ ކުއާޓާއާ ހަމައަށް ކޮންމެ ޓީމެއް ވެސް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ދެ މެޗުން ބަލިވުމުންނެވެ.
އޭގެ އިތުރުން މި އަހަރުގެ މުބާރާތުގެ ގަވާއިދަށް ގެނައި ބަދަލާއެކު، މީގެ ކުރިން ތިން ހަދަ ހިފުމުގެ، ތިން ހިފުމުގެ ބަދަލުގައި ފަސް ހިފުން ކުރިއަށް ގެންދާ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.
Comment