Advertisement

ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފި

ޗައިނާގެ ރައީސް ޝީ ޖިންޕިން


ހަނގުރާމަ ހުއްޓުވުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފި

އީރާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި ޗައިނާ އާއި ޕާކިސްތާނުން ފަސް ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭނެއް ހުށަހަޅައިފި އެވެ.

މި ޕްލޭނުގައި ހިމެނޭ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ވަގުތުންވަގުތަށް ހަނގުރާމަ ހުއްޓާލުމާއި، ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުން ހިމެނެ އެވެ.

މި އިސްނެގުމަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ކުރެވޭ މަޝްވަރާތަކުގައި ޗައިނާގެ އެހީތެރިކަމަށް އެދިވަޑައިގެން ޕާކިސްތާނުގެ ހާރިޖީ ވަޒީރު ބެއިޖިންއަށް ކުރެއްވި ދަތުރުފުޅަށްފަހު އެކުލަވާލެވުނު ޕްލޭނެކެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، ދެ ގައުމުން މިހާރު ކުރަމުންދަނީ ސުލްހަ ގާއިމުކުރުމަށް ބާރުއެޅުމުގެ ގޮތުން ކުރެވޭ މުޅިން އައު މަސައްކަތްތަކެކެވެ.

މިހާތަނަށް އައިއިރު އީރާނުގެ ހަނގުރާމައާ މެދު ޗައިނާއިން ގެންގުޅެފައިވަނީ ވަރަށް މަޑުމައިތިރި ސިޔާސަތެކެވެ.

ބެއިޖިންގައި ތެލުގެ ބޮޑު ރިޒާވްއެއް އޮތުމާއެކު، އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު ތެލުގެ ދަތިކަމުގެ އަސަރު ޗައިނާއަށް ކުރާ މިންވަރު ކުޑަ އެވެ. ނަމަވެސް، މި ކްރައިސިސް ދިގުލައިގެން ހިނގައްޖެނަމަ، ދުނިޔޭގެ މުދާ އުފައްދާ މައި މަރުކަޒުގެ ގޮތުގައި ބެލެވޭ ޗައިނާގެ ސިނާއީ ދާއިރާއަށް ދިގުމުއްދަތުގެ ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފަ އެވެ.

ހަނގުރާމައަށް މަހެއް ވެފައިވާއިރު، ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ، ޗައިނާ ސަރުކާރުން މިހާރު ވަނީ ހަނގުރާމަ ހުއްޓުވުމަށް ކުރާ މަސައްކަތްތައް ދެގުނަ ކޮށްފަ އެވެ.

މީގެ ކުރިން ވެސް މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޗައިނާއިން ވަނީ މަސައްކަތް ކޮށްފަ އެވެ.

އެ ގޮތުން 2023 ވަނަ އަހަރު ސައުދީ އަަރަބިއްޔާ އާއި އީރާނާ ދެމެދު އެއްބަސްވުމެއް ގާއިމުކޮށް، ދެ ގައުމުގެ ދޭދޭ ގުޅުން އަލުން އިއާދަކުރުމުގައި ޗައިނާ މުހިންމު ދައުރެއް އަދާކުރި އެވެ. އަދި އޭގެ އަހަރެއް ފަހުން، ފަލަސްތީނުގެ 14 ޖަމާއަތެއްގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ ނަތީޖާއެއްގެ ގޮތުން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށްވެސް މަގުފަހިކޮށްދިނެވެ.

މިހާރު ހުށަހަޅާފައިވާ މަޝްރޫއަށް އެކި ފަރާތްތަކުން އިޖާބަދޭކަމުގެ ނިޝާންތަކެއް އަދި ފެންނާން ނެތް ނަމަވެސް، މިފަދަ އިސްނެގުންތަކުގެ ސަބަބުން ރައީސް ޝީއަށް ވަކި ފަރާތަކަށް ނުޖެހޭ ސުލްހަވެރިއެއްގެ ދައުރު ދުނިޔޭގެ ކުރިމަތީގައި ދެއްކުމުގެ ފުރުސަތު ލިބިގެންދެ އެވެ. މިއީ ދުނިޔޭގެ އަނެއް ބޮޑު ބާރުގެ ވެރިޔާއާ ތަފާތު ސިޔާސަތެއް ގެންގުޅުއްވާކަން ހާމަކޮށްދިނުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައިވެސް ބެލެވެ އެވެ.