Advertisement

އިންތިހާބަށް ފަހު އަޅަން ބަހައްޓާފައި ހުރި ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއް ނުހުންނާނެ: މުއިއްޒު

ޕީއެންސީގެ ޕޯޑިއަމެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ.


އިންތިހާބަށް ފަހު އަޅަން ބަހައްޓާފައި ހުރި ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއް ނުހުންނާނެ: މުއިއްޒު

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމުގެ މަޝްވަރާއެއް ވެސް ނުކުރާ ކަމަށާއި ކައުންސިލް އިންތިހާބު ނިމިގެން އަޅަން ނިންމާފައި ހުރި ފިޔަވަޅެއް ނުހުންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހަށް ލިބިފައިވާ ބައެއް މައުލޫމާތުގެ މައްޗަށް ބިނާކޮށް ރައީސްއާ ސުވާލުކުރީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުން ނުދަނީ ކީއްވެގެންތޯ ސާފުކުރުމަށެވެ. އަދި ފިޔަވަޅުތައް އަޅާނީ އިންތިހާބަށް ފަހުތޯ ބެލުމަށެވެ.

"އެކަހަލަ އެއްވެސް މަޝްވަރާއެއް ވެސް ނުކުރަން، އަދި އެގޮތަށް ނިންމާފައި އޮތް ކަމެއް ވެސް ނޫން،" އެ ސުވާލުގެ ޖަވާބުގައި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރުމުގައި ފަހަތު ފަޔަށް ބުރަވަމުން އަންނަނީ އެޕްރީލް މަހުގެ ކުރީކޮޅު އޮންނަ އިންތިހާބާ ގުޅިގެން ކަމަށް އިދިކޮޅު ޕާޓީތަކުން އަންނަނީ ބުނަމުންނެވެ. އެ އިންތިހާބާ ދިމާކޮށް އެތައް ސަތޭކަ މުވައްޒަފުންނެއް ސަރުކާރުން އަންނަނީ ހިއްސާ އޮންނަ ކުންފުނިތަކަށް ނަގަމުންނެވެ.

ނަމަވެސް، އެ ތުހުމަތުތަައް މިއަދު މުއިއްޒު ދޮގު ކުރެއްވި އެވެ.

"އިންތިހާބު ނިމިގެން އަޅަން ބަހައްޓާފައި ހުރި ފިޔަވަޅެއް ނުހުންނާނެ، އަޅުގަނޑުމެން މިދަނީ ވީކްލީ މީޑިއާ މެދުވެރިކޮށް ފިޔަވަޅުތައް، އަޅަން ގަސްތުކުރާ ސިޔާސަތުތައް އިއުލާން ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަރުތީބަށް ބަދަލު ގެނެސް ބޭރު ގައުމުތަކަށް ފޮރިން މިނިސްޓްރީ ފިޔަވައި އެހެން މިނިސްޓްރީތަކުން ކުރާ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ.

ހަނގުރާމަ މާދަމާ ހުއްޓުނު ނަމަވެސް ކުރިން އޮތް އާންމު ހާލަތަށް ރުޖޫއަވުމަށް ހަތަރު މަސްދުވަސް ނަގާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އޮތީ މީގެކުރިން ވިދާޅުވެފަ އެވެ.

ރާއްޖެއަށް ވުރެ މާ މާލީ ގޮތުން ބާރުގަދަ، ރިޒާވުތައް ވަރުގަދަ ގައުމުތަކުން ވެސް އަންނަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އޭގެ ތެރޭގައި ޗައިނާ، ޖަޕާން، ފިލިޕީންސް، ދެކުނު ކޮރެއާ، މެލޭޝިއާ، އިންޑޮނީޝިއާ، އިންޑިއާ އާއި ހުޅަނގާއި އެމެރިކާ އަދި އެފްރިކާގެ ގައުމުތައް ހިމެނެ އެވެ.

އެ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ތަރައްގީގެ ބައެއް މަޝްރޫއުތައް މަޑުޖައްސާލުމާއި، ދައުލަތުން ބޮޑު މުސާރަ ލިބޭ މީހުންގެ މުސާރަތައް ކުޑަކުރުމާއި، ސަބްސިޑީތައް ކޮންޓްރޯލް ކުރުމާއި، ހަކަތަ އިގުތިސޯދު ކުރުމުގެ ފިޔަވަޅުތައް ހިމެނެ އެވެ.