Advertisement

އީރާނުން ޔުރޭނިއަމް ހޯދަން އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ޓްރަމްޕް ވިސްނަވަނީ


އީރާނުން ޔުރޭނިއަމް ހޯދަން އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް ޓްރަމްޕް ވިސްނަވަނީ

އީރާނުގައި ހުރި 1،000 ޕައުންޑުގެ ޔުރޭނިއަމް އެ ގައުމުން ބޭރުކުރުމަށްޓަކައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމާ މެދު އެމެރިކާގެ ރައީސް ވިސްނަވަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފި އެވެ.

ނަން ހާމަކުރަން ބޭނުންނުވާ ސަލާމަތީ ދާއިރާގެ އިސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގައިފި ނަމަ އެމެރިކާގެ ސިފައިން ދުވަސްތަކެއް ވަންދެން ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް އީރާނުގެ ސަރަހައްދުގައި މަޑުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިކަމާ މެދު ޓްރަމްޕް އަދި ވަކި ގޮތެއް ނިންމަވާފައި ނުވި ނަމަވެސް، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އޭނާ ގެންގުޅުއްވާ މައިގަނޑު ސިޔާސަތު ކާމިޔާބު ކުރުމަށްޓަކައި މިފަދަ ފިޔަވަޅެއް އެޅުމަށް އޭނާ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފުސީލު ހޯދުމަށް ބީބީސީން ވައިޓް ހައުސް އަދި ޕެންޓަގަންއާ މުއާމަލާތް ކުރި ނަމަވެސް، އަދި ވަކި ޖަވާބެއް ލިބިފައެއް ނުވެ އެވެ.

ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ސަރަހައްދަށް ފޮނުވާ ސިފައިން ބޭނުންކުރާނީ އިސްފަހާން ނިއުކްލިއަރ ސައިޓުގައި ހުރި މަތީ ދަރަޖައަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމް އަތުލުމަށެވެ. މީގެ އިތުރުން ޚާރްޖް އައިލެންޑް ހިފުމަށް ނުވަތަ ހޮރްމޫޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް އެ ސިފައިން ބޭނުންކޮށްފާނެ ކަމަށް އެ ނޫހުން ބުނެ އެވެ.

މި މަހުގެ ކުރީކޮޅު ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްފަހާންގެ ފަރުބަދައެއްގެ އަޑީގައި ރައްކާކޮށްފައިވާ ބޮން އުފެއްދުމަށް ބޭނުންކުރެވޭ ފަދަ ނިއުކްލިއަރ މާއްދާތައް އަތުލައި ނައްތާލުމުގެ އޮޕަރޭޝަނަކާ މެދު ޓްރަމްޕް ގެންދަވަނީ ވަރަށް ސީރިއަސްކޮށް ވިސްނަވަމުންނެވެ.

އަދި މިފަދަ އޮޕަރޭޝަނަކީ އިންތިހާއަށް ނުރައްކާތެރި އަދި އޮޅުންބޮޅުން ބޮޑު ކަމެއްގެ ގޮތުގައި ދެ ނޫހުން ވެސް ފާހަގަކޮށްފައި ވެ އެވެ.