Advertisement

ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ މީހުން ޝަރުތުތައް ބަދަލު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ


ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ މީހުން ޝަރުތުތައް ބަދަލު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭ މީހުން ޝަރުތުތައް ބަދަލު ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އިތުރުން އެހެނިގެން އިންތިހާބީ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ތައުލީމީ ފެންވަރު ކަނޑައަޅައި، ޝަރުތުތައް ހަރުކަށި ކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

"އެއީ މަޖިލީސް ކަމަށްވިޔަސް އަދި އެހެން އިލެކްޓެޑް ޕޮޒިޝަނަކަށްވިޔަސް އަންނަ މީހެއްގެ ހުންނަންވީ ތައުލީމީ ފެންވަރު ކަނޑައެޅުން. ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާއިރު ވެސް މިހާރު ގާނޫނުގައި ކަނޑައެޅިފައި އޮތް މިންވަރު ވެސް މަތިކުރުން. ނޫނިއްޔާ މިހާރަށްވުރެ ވެސް ހަރުކަށިކުރުން. ތައުލީމީ މީހުންނަށް އިސްކަން ލިބުން. އެއީ މަފްހޫމަކީ އަޅުގަނޑުގެ ވާހަކައިގެ،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ، ހަމަ ހަގީގަތުގައި ބޭނުން ވަނީ ކޮންމެ މަސައްކަތަކާ ވެސް ކުރިމަތިލާން ތައުލީމީ މީހުން."

މުއިއްޒު އިތުރަށް ވިދާޅުވީ އިންތިހާބުތަކަށް ކުރިމަތިލާ މީހުންގެ ތައުލީމީ ފެންވަރު މަތިވުމުގެ އިތުރުން ހިލްމު ވެސް ލިބިފައި ހުންނަންޖެހޭ ކަމަށެވެ.

"ތައުލީމާއި ތަޖުރިބާ. ހަމައެކަނި ތައުލީމު ހުއްޓަކަސް ނުވާނެ. އިލްމާއި އެއްވަރަށް ހިލްމުވެސް ހުންނަންޖެހޭނެ. އެހެންވީމަ އެންމެ ކޭޕަބަލް މީހުން ހޮވާލެވިގެން އައިސް އެމީހުންނަށް ފުރުސަތު ލިބުން. އެ ނިޒާމު އަޅުގަނޑު ވަރަށް ތާއީދު،" މުއިއްޒު ވިދާޅުވި އެވެ.

މަޖިލީހާއި އިންތިހާބީ އެކި މަގާމުތަކަށް ކުރިމަތިލާ މީހުންގެ ތައުލީމީ ފެންވަރު ކަނޑައެޅުމަށްޓަކައި ސަރުކާރުގެ ތެރެއިން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސައިދޭނެކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އާންމު ރައްޔިތުންގެ މެދުގައި އެކަމާ ބަހުސް ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ހަމަ އެކަމަށް ސަރުކާރުގެ ތެރެއިން ފެސިލިޓޭޓް ކޮށްދޭންޖެހޭ ކަމެއްވިއްޔާ އަޅުގަނޑު ކުރަން މިހިރީ ތައްޔާރަށް. އެހެންވީމަ އަޅުގަނޑު އެދެން ޕަބްލިކު ތެރޭގައި މި ޑިބޭޓް ރަނގަޅަށް ކުރަން،" ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް އާންމުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު (ރެފެރެންޑަމް) އާ ގުޅިގެން މުއިއްޒު އަންނަނީ މަޖިލީހަށް ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހާމަކުރައްވަމުންނެވެ.

މިގޮތުން މަޖިލީހުގައި ތަމްސީލްކުރާ މެންބަރުންގެ ވަކި ޕަސެންޓޭޖަކީ އުމުރުން 30 އަހަރުން ދަށުގެ ޒުވާނުންގެ ގޮތުގައި ކަނޑައަޅައި، ވަކި ޕަސަންޓަކީ އަންހެނުން ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެންނާނެކަން މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ވޯޓު ނަގަނީ އަންނަ ހޮނިހިރު ދުވަހު އެވެ. ހަމަ އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ވެސް ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ.