about 1 hour 0
ސާއިފް ޝިޔާދު
ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވި ބެންޗު
about 1 hour 0
ރިޔާސީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި ގޮތެއް ނިންމަން އެ ކޯޓުން ތާވަލުކޮށްފި އެވެ.
ގާނޫނީ ވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ މި މައްސަލަ ހުށަހެޅީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީސް އަދި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ.
އެ މައްސަލާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގާނޫނުއަސާސީގައި ހިމެނި މާއްދާތަކުގެ އިމުގެ ބޭރުން ކަންކަން ވަނީ ހިމަނާފަ އެވެ.
"ރައްޔިތުންނަށް ސާފުވާން އެބަޖެހޭ ސުވާލެއް ރައްޔިތުންގެ ކުރިމައްޗަށް އަންނައިރު މި ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ. ގެ ދެވަނަ ނަންބަރުގެ ދަށުން މި ވަނީ ކީއްކަން ރައްޔިތުންނަށް ސުވާލުން ސާފުވާން ޖެހޭ. ރައްޔިތުންނެއް ނުޖެހޭނެ ބިލު ބަލައިގެން މި ވަނީ ކީއްތޯ ބަލާކަށް. ހިޔާލު ހޯދަން މި ޖެހޭ ސަބަބަކީ މަޖިލީހުގެ އުމުރަށް ބަދަލެއް އަންނާތީ،" މައްސަލަ ހުށަހެޅުއްވި ޝިޔާމް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
ޝިޔާމް އާއި އައިކު ދެކެނީ ރައްޔިތުންނަށް އެޕްރީލް ހަތަރެއްގައި ކުރިމަތިކުރުވާ ސުވާލަކީ ގާނޫނުއަސާށީގެ 262 ވަނަ މާއްދާގެ (ށ) އިން ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލެއް ނޫން ކަމަށެވެ.
""އުމުރު ކުރުވާކަން ރައްޔިތުންނަށް އެބަޖެހޭ ބަޔާންކޮށްދޭން. އެ ސުވާލުން އެނގެން އެބަޖެހޭ ރައްޔިތުން މަޖިލީހުގައި މިހާރު ހޮވާފައި ތިބި މެންބަރުންތަކެއްގެ ދުވަސްތަކެއް، އުނިވާކަން، މިކަން އެ ސުވާލުން ސާފުވާން އެބަޖެހޭ... ރައްޔިތުން ކުރިމައްޗަށް އަހާ ސުވާލަކީ ވަރަށް ސާފު ސީދާ ސުވާލަކަށް ވާން ޖެހޭ. ހިސާބު އިލްމުން ކަލްކިއުލޭޝަންތަކެއް ހަދައިގެން ރައްޔިތުން އަމިއްލައަށް ހިސާބު ހަދަން ޖެހޭ ސުވާލަކަށް ވެގެން ނުވާނެ،" ޝިޔާމް ވިދާޅުވި އެވެ.
މައްސަލަ ހުށަހެޅި ވަކީލުން
(ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވިޔަސް މި ގާނޫނުއަސާސީގެ އަންނަނިވި މާއްދާތަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރާންވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއްގައި، އެ އިސްލާހެއް ގެނައުމަށް، ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ. އެ އިސްލާހެއް ގެނައުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުދިން މީހުންގެ އަގުލަބިއްޔަތު ނުލިބިއްޖެނަމަ އެ ބިލެއް ބާތިލްވީ އެވެ.
އެ މާއްދާގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށް ބަޔާންކުރަނީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ މާއްދާތަކާ ގުޅޭ ބިލުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރާއި، ރިޔާސީ ދައުރާއި، ރާއްޖޭގެ ސަރަހައްދު އަދި ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ ވޯޓަށް އަހަން ޖެހޭނީ މުޅި ބިލަކަށް ނޫންކަން. 262 ވަނަ މާއްދާގެ އިބާރާތުގައި ބިލާއި އިސްލާހު އޮތީ ފަރަގުކޮށްފައި. ރައްޔިތުން ރުހޭތޯ ބަލަން ޖެހެނީ ބިލުން ގެންނަން އިސްލާހަށް،" މައްސަލަ ހުށަހެޅި ފަރާތެއްގެ ވަކީލެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި އޮތީ މި ހިނގަމުންދާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ހަ މަސްދުވަސް އުނިވާ ގޮތަށެވެ. ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލުގައި އެ ވާހަކަ ހިމަނާފައެއް ނުވެ އެވެ. ނަމަވެސް، މަޖިލީހުގެ އުމުރަށް ބަދަލެއް ނާދެ އެވެ.
އެ ބިލު މަޖިލީހުން ފާސްކުރުމުގައި ގެންގުޅެފައިވާ އިޖުރާއަތްތަކާ މެދު ވެސް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ޝަރީއަތުގައި ކަންބޮޑުވުން ހިއްސާކޮށްފަ އެވެ.
"މި އިސްލާހަކީ ދެ ދުވަހުގެ ތެރޭގައި، ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލިސް ރިސެސްގައި އޮއްވައި ކުއްލި ގޮތަކަށް ޖަލްސާއެއް ބާއްވައިގެން ގެނެވުނު އިސްލާހެއް،" އަލީ ހުސައިން ވިދާޅުވި އެވެ.
މަޖިލީހުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި ބިލު އެންމެ ފުރަތަމަ ހުށަހެޅީ ޖެނުއަރީ 5، 2026 ގައި ބޭއްވި ދައުރުން ބޭރު ޖަލްސާއެއްގަ އެވެ. އެއަށްފަހު މަޖިލިސް ޗުއްޓީގައި އޮތުމަށް ފަހު ފެބްރުއަރީ 9، ގައި ކޮމިޓީ ބައްދަލުވުމެއް ބާއްވައި ބިލު ފާސްކުރުމަށް ފަހު ޖެހިގެން އައި ފެބްރުއަރީ 10، ގައި އެ ބިލު މަޖިލީހުން ފާސްކުރި އެވެ.
ދައުލަތުގެ ފަރާތުން މި މައްސަލާގައި އެދުނީ ރައީސް ނެރުނު ގަރާރުގައި ހިމަނާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ށ. އާ ހިލާފު އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް ކަނޑައަޅައި މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތަށް ފެންނަ ނުފެންނަ ވޯޓު ބާއްވަން ނުޖެހޭ ކަމަށް ކަނޑައަޅައި ދެވޭނެ ހަމައެއް ނެތް ކަމަށް ހުކުމް ކޮށްދިނުމަށެވެ.
ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވާ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން
"ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހިމަނާފައިވާ ސުވާލަކީ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި އެންމެހޭ ކަންކަން ހިމެނޭ ގޮތަށް އަދި އެ ކަންކަމަށް ރައްޔިތުންގެ ރުހުން އޮތްކަން އަދި ނޫންކަން ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް،" އެޓާނީ ޖެނެރަލް އޮފީހުގެ އެސިސްޓަންޓު ޗީފް ކައުންސެލް ހައްވާ ސަނާ ވިދާޅުވި އެވެ.
ދައުލަތުން ދެކެނީ ސުވާލު ފަރުމާކުރަން ޖެހޭ ގޮތް ނުވަތަ ސުވާލުގެ އިބާރާތް ކަނޑައެޅުމުގެ އިހުތިޔާރު އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށެވެ. އަދި ދުސްތޫރީ މައްސަލައެއް ހުށަހެޅޭނެ ކަމަށް ވެސް ދައުލަތުން ނުދެކެ އެވެ.
"ރެފަރެންޑަމް ގާނޫނަށް ބެލުމުން ވެސް ސުވާލު ފަރުމާ ކުރަން ޖެހޭ ގޮތް، ސުވާލުގެ އިބާރާތް އޮންނަން ޖެހޭ ގޮތް، މިއީ ރައީސުލްޖުމްހޫރިއްޔާގެ ޑިސްކްރެޝަންއަށް (އިހުތިޔާރަށް) ދޫކޮށްފައި އޮންނަ ކަމެކޭ،" ސީނިއާ ސްޓޭޓް އެޓާނީ ޝިއުތު މުހައްމަދު ވަހީދު ދައުލަތުން ދެކޭ ގޮތް ހާމަކުރައްވަމުން ވިދާޅުވި އެވެ.
"ސުވާލެއްތޯ ނުވަތަ ޖުމުލައެއްތޯ، ސްޓޭޓްމަންޓެއް ބަޔާންކޮށްފައި އެއަށް ފެންނަ ނުފެންނަ ބުނާނީތޯ މި މިންވަރު ވެސް ބަޔާންކުރާ މާއްދާއެއް ނޫން 262 ވަނަ މާއްދާގެ ށ. އަކީ."
މައްސަލަ ހުށަހެޅި ފަރާތާއި ރައްދުވާ ފަރާތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަށް ފުރުސަތު ދިނުމަށް ފަހު އަޑުއެހުން ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ދެން އޮންނާނީ މައްސަލައާ މެދު ގޮތެއް ނިންމުންކަން ހާމަކުރައްވާފަ އެވެ.
ނަމަވެސް، އެ އަޑުއެހުން އޮންނާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ހާމައެއް ނުކުރައްވަ އެވެ. ހަމައެހެންމެ މައްސަލަ ދިރާސާކުރަމުން އަންނައިރު ކޮންމެހެން ސާފުކުރަން ޖެހޭ ކަމެއް ފާހަގަކުރެވިއްޖެނަމަ އިތުރު ޝަރީއަތުގެ މަޖިލީހެއް ބޭއްވުމުގެ ފުރުސަތު އޮތްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.
މި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަނުކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
Comment