about 2 hours 0
ލީވާން އަލީ ނާސިރު
about 2 hours 0
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ހިންގާ ތަރައްގީގެ އެކި މަޝްރޫއުތަކުގެ ބިންގާ އަޅަމުންދިޔުމަކީ އިއްތިފާގެއް ކަމަށް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އިންތިހާބެއް އޮތުމަކީ ސަރުކާރަކުން އެ އަހަރަށް ކަނޑައަޅާފައި އޮތް ބަޖެޓުން ކުރަން ޖެހޭ ކަންކަން ނުކޮށް ހުއްޓާލާންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ދެން އަހަރެއްގެ ތެރޭގައި އިންތިހާބެއް އައުމަކީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫނެއްނު. ގާނޫނީ ނިޒާމުގައި މިއޮންނަނީ ގާނޫނުތަކުގައި ކަނޑައަޅާފައި މިއޮންނަނީ ކައުންސިލްގެ ދައުރު ހަމަވަނީ ކިހާތަނެއްގައި ކަމާއި، ހަމަވުމުގެ ކިތައް ދުވަސްކުރިން ވޯޓު ނަގަންޖެހޭނެ ކަމާއި، މިކަހަލަ ކަންކަމެއް ކަނޑައެޅިފައި މިހިރީ. އިލެކްޝަން ކޮމިޝަނަށް ވެސް އޮންނާނީ އެ ލިމިޓް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިދިޔަ އަހަރާއި މި އަހަރަކީ މި ސަރުކާރުން ހިންގާ ހުރިހާ މަޝްރޫއުތަކެއް ފަށަން ޖެހޭ ދެ އަހަރު ކަމަށްވާއިރު، މަޝްރޫއުތަކުގެ ބިންގާ އަޅަނީ ކުރިންވެސް ޕްލޭންކުރެވިފައި އޮތް ގޮތަށް ކަމަށެވެ.
"މި އަހަރަށް ޕްލޭން ކުރެވުނީ އަޅުގަނޑުގެ ވައުދުތަކުގެ ބާކީހުރި މިދެންނެވިހެން ފިޒިކަލް ވޯކް ކުރަންޖެހޭ، ބައެއް ވޯކް ތަކަކީ ފިޒިކަލީ ވޯކް ކުރަންޖެހޭ އެއްޗިއްސެއް ނޫން. އެއީ ނިޒާމަށް ގެންނަ ބަދަލު ނޫނިއްޔާ ދެން ގޮސް މިހެން ހުންނަ ވައުދުތައް، ބައިވަރު ވައުދުތައް އެބަހުރި،" މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބު އޮންނާތީ އޭގެ ކުރިން ސަރުކާރުން ހިންގާ މަޝްރޫއުތައް މަޑުޖައްސާލައިގެން ތިބޭނަމަ، ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާން ދަތިތައް ދިމާވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން މަޝްރޫއުތައް ހިންގަނީ ކުއާޓާތަކަށް ބަހާލައިގެން ޕްލޭންކޮށްގެން ކަމަށް މުއިއްޒު ތަކުރާރުކުރެއްވި އެވެ.
"އެހެންވީމަ މި އަހަރު މި ކުރަން ހުރި ކަންކަން އަޅުގަނޑު މިސާލަކަށް އެޕްރީލް މަސް އަންނަންދެން އެ ވައުދުތައް ފުއްދަން އެއްކޮށް ހުއްޓާލާފައި ސަރުކާރު ބަންދުކޮށްލައިގެން އޮވެއްޖެއްޔާ އަޅުގަނޑަކަށް މި އަހަރު ބާކީ އޮންނަ އަށް މަސް ދުވަހު އެކަމެއް ނުކުރެވޭނެއޭ،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމަ ޕްލޭންކޮށްގެން ހަމަ މިދިޔަ އަހަރަށް ކަނޑައެޅި މަސައްކަތްތައް މިދިޔަ އަހަރު ފެށީ. މި އަހަރަށް ކަނޑައެޅި މަސައްކަތްތައް މި އަހަރަށް ފެށީ. އެހެންވީމަ ކުއާޓާ ބައި ކުއާޓާ ބަހާލާފައި، ފުރަތަމަ ކުއާޓާގެ މަސައްކަތްތައް ފުރަތަމަ ކުއާޓާގައި މި ފަށަނީ."
އަންނަ އެޕްރީލް 4، ގައި ބާއްވާ ކައުންސިލް އިންތިހާބާ ގުޅިގެން ސަރުކާރުން ދަނީ ރަށްރަށުގައި ހިންގާ އެކި މަޝްރޫއުތަކުގެ ބިންގާ އަޅައި، އައު މަޝްރޫއުތައް ހިންގަން ވެސް ހަވާލުކުރަމުންނެވެ. އޭގެއިތުރުން މާލެ ސިޓީގައި ހިންގާ އެކި މަޝްރޫއުތަކުގެ ބިންގާ އެޅުމުގައި މުއިއްޒު ދަނީ ބައިވެރިވަމުންނެވެ.
މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ އިންތިހާބަށް ކަޑަޖަހާ ސަރުކާރެއް ނޫން ކަމަށެވެ. އެގޮތުން މުއިއްޒު ކުރިން ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އަދި އެއްވެސް އިންތިހާބެއްގެ ކެމްޕެއިނަށް ރަށްރަށަށް ދިޔުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
އެކަމަކު މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ސަރުކާރު ހިންގާ ޕީއެންސީން ބާއްވާ އެކި ކެމްޕެއިން އިވެންޓުތަކުގައި މުއިއްޒު އަންނަނީ ބައިވެރިވަމުންނެވެ. ހާއްސަކޮށް މާލޭގައި ޕީއެންސީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތްތަކުގައި ވެސް މުއިއްޒު އަންނަނީ ބައިވެރިވަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment