Advertisement

އިންތިހާބާ ދިމާކޮށް އެތައް ހާސް ބަޔަކަށް ވަޒީފާ ދިނުން މުއިއްޒު ދިފާއުކުރައްވައިފި

މުހައްމަދު މުއިއްޒު: ސަރުކާރުގެ ކުންފުނިތަކަށް އެތައް ހާސް މުވައްޒަފުންނެއް ނަގަނީ މަޝްރޫއުތަކަށް ބޭނުންވާތީ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


އިންތިހާބާ ދިމާކޮށް އެތައް ހާސް ބަޔަކަށް ވަޒީފާ ދިނުން މުއިއްޒު ދިފާއުކުރައްވައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް އެތައް ހާސް މުވައްޒަފުން ނެގުން ރައީސް މުހައްމަދު މުއިއްޒު މިއަދު ދިފާއުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނަގަނީ މަޝްރޫއުތަކަށް ކަމަށާއި އެއީ އެއްވެސް ހާލެއްގައި އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން ނަގާ މުވައްޒަފުންނެއް ނޫން ކަމަށެވެ.

"އަޅުގަނޑު އިސްރާފެއް ނުކުރަން އެނގޭތޯ. އަދި ކެމްޕެއިނާ ގުޅިގެނެއް ނޫން މަޝްރޫއުތަކަށް މުވައްޒަފުން ނަގަނީއެއް. އަޅުގަނޑު ކުރީ ދުވަހުވެސް އެ ސުވާލަށް ހަގީގަތުގައި ޖަވާބުދިނުން. އެމްޓީސީސީއާ ހަވާލު ކުރެވިފައި ހުރި ވަރަށް ގިނަ މަޝްރޫއުތަކަކީ، އެއްބައި މަޝްރޫއުތަކަކީ ސަރުކާރު އައި އިރުގައިވެސް ހުރި މަޝްރޫއުތަކެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެމްޓީސީސީއަށް ނަގާ މުވައްޒަފުން އިތުރުވެގެން އުޅެނީ ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފެށުމަށާއި އަލަށް ސޮއިކުރެވޭ މަޝްރޫއުތަކަށް ކަމަށެވެ. އެގޮތުން އޭގެ ތެރޭގައި އެމްޓީސީސީން އަލަށް ތައާރަފްކުރާ ޓެކްސީ ލައިނަށް ނަގާ މުވައްޒަފުން ވެސް ހިމެނޭ ކަމަށެވެ.

"އެމްޓީސީސީ މިސާލަކަށް، އެމީހުންނާ ހަވާލުވެފައި ހުރި މަޝްރޫއުތަކަށް މުވައްޒަފުން ނަގާނެ. ދެން އެ ނަގަނީކީ މި އިންތިހާބާ ގުޅިގެނެއް ނޫން. މީގެކުރިން ވެސް ހަވާލުކޮށްފައި ހުރި ނޫނީ ސޮއިކުރެވިފައި ހުރި ނޫނިއްޔާ ހުއްޓިފައި ހުރި މަޝްރޫއުތައް ފެށުމަށްޓަކާ ބޭނުންވާ މުވައްޒަފުން ނަގާނެ،" މުއިއްޒު ވިދާޅުވި އެވެ.

މި ސަރުކާރަކީ އިންތިހާބާ ދިމާކޮށް ކަޑަ ޖަހައިގެން މުވައްޒަފުން ނަގާ ސަރުކާރެއް ނޫންކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުތަކާ އެއްގޮތް ކަހަލަ ގޮތަކަށް މުވައްޒަފުންތަކެއް ނެގިޔަސް، މި ސަރުކާރުގެ މަޝްްރޫއުތަކުގެ ތަފްސީލަށް ބެލުމުން މުވައްޒަފުން ނަގަންޖެހޭކަން އެނގޭނެ ކަމަށެވެ.

"އިންތިހާބާ ދިމާކޮށްފައި ކުއްލިއަކަށް ގޮސް ކަޑަ ޖަހައިގެން އެކަހަލަ ކަމެއް ނުހުންނާނެ. މިހެން ބޭރު ތެރެއިން ބަލާލާއިރުގައި، މިހެން ބޭރުފުށުން ބަލާއިރު ތިވިދާޅުވި ކަހަލަ ގޮތަކަށް ސިމިލަރިޓީސްތަކެއް ހުއްޓަސް، ޑީޓެއިލްކޮށް ބައްލަވާލައްވައިފިއްޔާ ފެނިވަޑައިގަންނަވާނެ މިއިން ކޮންމެ މަޝްރޫއެއް މިއީ ކޮންއިރަކު ކިހިނެއް ފެށިފައި އިން މަޝްރޫއެއްތޯ،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި 2،300 އަށްވުރެ ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ދިމާވާ ދަތިތަކާ ގުޅިގެން މަޝްރޫއުތައް ހުއްޓާލަންޖެހޭ ހިސާބުން މަޝްރޫއުތައް ހުއްޓާލާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް މުއިއްޒު ވިދާޅުވީ ދަތިތަކާ ގުޅިގެން ހަރަދުކުޑަކުރަން މަޝްރޫއުތައް ހުއްޓާލިޔަސް، ގެދޮރުވެރިކަމުގެ މަޝްރުއުތަކާއި ސިއްހީ ދާއިރާގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކަށް އެތައް ހާސް މުވައްޒަފުންނެއް ދަނީ ނަގަމުންނެވެ. އޭގެތެރޭގައި އެމްޓީސީސީ އާއި އާރްޑީސީ އަދި ސަރުކާރުގެ އެކި އިދާރާތަކާއި މިނިސްޓްރީތައް ވެސް ހިމެނެ އެވެ.