Advertisement

އަދަދު ނޫހުގެ ސީއީއޯ ފިޔާޒް އާއި ނޫސްވެރިޔާ ޝަހުޒާނަށް އިންޒާރު ދިން މައްސަލަ ތަހުގީގު ކުރަން ގޮވާލައިފި

about 2 hours 0

އެމްޖޭއޭގެ އިސް ފަރާތްތައް ރައީސް އޮފީސް ކައިރީގައި: ނޫސްވެރިންނަށް ރައްކާތެރިކަމާއި ހިމާޔަތް ދޭން އެ ޖަމިއްޔާއިން ގޮވާލި -- ފޮޓޯ: އަދަދު ފައިލް


އަދަދު ނޫހުގެ ސީއީއޯ ފިޔާޒް އާއި ނޫސްވެރިޔާ ޝަހުޒާނަށް އިންޒާރު ދިން މައްސަލަ ތަހުގީގު ކުރަން ގޮވާލައިފި

about 2 hours 0

އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން އިން ގޮވާލައިފި އެވެ.

އެމްޖޭއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ގޮވާލާފައި ވަނީ މައްސަލަ ތަހުގީގު ކުރުމުގެ އިތުރުން ފިޔާޒް އާއި ޝަހުޒާންއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ތަހުގީގީ އިދާރާތަކަށް ގޮވާލައިފަ އެވެ.

"މި މައްސަލަ ވީހައިވެސް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްގެންގޮސް ސަލާމަތާއި ރައްކާތެރިކަން ދެ ނޫސްވެރިންނަށް ވެސް ދިނުމަށް ފުލުހުންނަށް ގޮވާލަން،" އެމްޖޭއޭގެ ސްޓޭޓްމަންޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ ޖަމިއްޔާއިން ބުނެފައި ވަނީ ނޫސްތަކާއި ވަކިވަކި ނޫސްވެރިންނަށް ކުރައްވާ ފުރައްސާރަ އާއި ކުރިމަތި ކުރުވާ ނުރައްކާތައް ބަލައިނުގަނެވޭނެ ކަމަށާއި އެފަދަ ކަންކަމުން އޭގެ ނުރަނގަޅު އަސަރު ޑިމޮކްރަސީއަށް ވެސް ކުރިމަތިވާ ކަމަށެވެ.

ފިޔާޒް އާއި ޝަހުޒާނަށް މަރުގެ އިންޒާރު ދިނީ މި ނޫހުގެ ހަބަރަކަށް ވެބްސައިޓުގައި ކޮމެންޓެއް ކުރި މީހެކެވެ. އެ ހަބަރަކީ، "ރައީސް އޮފީހުގެ މުވައްޒަފަކާއެކު ރައީސް މުއިއްޒު ކައިވެނިން ބޭރުން ގުޅުމެއް ހިންގި ކަމުގެ ތުހުމަތު އަމާޒުވެއްޖެ" މި ސުރުހީގެ ދަށުން މި ނޫހުން ޝާއިއު ކުރި ހަބަރެވެ.

"ފިޔާޒް އާއި ޝަހްޒާން ވިސްނައިގެން އުޅޭތި. 2 ބޅވެސް. ކަލޭމެންގެ ފުރާނަ ބޭނުމިއްޔާ މަގުމައްޗަށް ނުނިކުންނާތި،" އެ ކޮމެންޓު ކުރި ފަރާތުން ބުނެފައިވެ އެވެ.

މި ނޫހުގެ ނޫސްވެރިއެއްގެ އިތުރުން ޝަހުޒާންއަކީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުގެ ނައިބު ރައީސް އެވެ.

ނޫސްކިޔާ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރި ކުރުމަށްޓަކައި، ވެބްސައިޓުގައި ކޮމެންޓު ކުރާ ފަރާތްތަކުގެ މައުލޫމާތެއް މި ނޫހަކުން ނުބަލަހައްޓަ އެވެ. އެހެންވެ، ފިޔާޒް އާއި ޝަހުޒާނަށް މަރުގެ އިންޒާރުދީ ކޮމެންޓު ކުރި މީހެއް މި ނޫހަކަށް ނޭނގެ އެވެ.

އަދަދު ގެ ސީއީއޯ ފިޔާޒް ވިދާޅުވީ، އޭނާ އަދި ޝަހުޒާނަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުންނަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ތެރެއިން ކުރާ މަސައްކަތެއްގެ ސަބަބުން މަރުގެ އިންޒާރު ލިބޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ފިޔާޒް ވިދާޅުވި އެވެ.

"މި މައްސަލަ ތަހުގީގުކޮށް، ނޫސްވެރިންނަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރަން ކަމާ ގުޅުން ހުރި އިދާރާތަކަށް އަޅުގަނޑު ގޮވާލަން،" ފިޔާޒް ވިދާޅުވި އެވެ.

މީގެ ފަސް އަހަރު ކުރިން އޭޕްރީލް 4، 2021، ގައި މި ނޫސް ޝާއިއު ކުރަން ފެށި ފަހުން ވަރަށް ގިނަ އިންޒާރުތައް ވަނީ ލިބިފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދިން ދުވަސްވަރު ލިޔުނު ހަބަރުތަކާއި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ލިޔުނު ހަބަރުތަކާ ގުޅިގެން އިންޒާރު ލިބިފައިވެ އެވެ.