Advertisement

ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދުނު ގައުމު ހޯދަން އުޅޭތީ ނޫސްވެރިން ދެކެ ހަލީލު ނުރުހިއްޖެ

about 2 hours 0

ކާރިސާ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ހަލީލު ވިދާޅުވީ ރާއްޖެ ސަރަހައްދު ބޭނުން ކުރަން އުޅުނު ގައުމު ހޯދަން އުޅެނީ ގޯސް ނިޔަތެއްގައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެދުނު ގައުމު ހޯދަން އުޅޭތީ ނޫސްވެރިން ދެކެ ހަލީލު ނުރުހިއްޖެ

about 2 hours 0

މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ ބޭނުމަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ބޭނުން ކުރަން އެދުނު ގައުމު ހޯދަން ނޫސްވެރިން މަސައްކަތް ކުރާތީ ހާރިޖީ ވަޒީރު އަބްދުﷲ ހަލީލު ނުރުހިއްޖެ އެވެ.

ހަނގުރާމައިގެ ހާލަތުގައި ރާއްޖެ މެނޭޖް ކުރަން ރައީސް މުހައްމަދު މުއިއްޒު އުފެއްދެވި ކާރިސާ ކޮމިޓީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދު ބޭނުން ކުރަން އެދުނު ގައުމު ހޯދަން ނޫސްވެރިން މަސައްކަތް ކުރަނީ "ގޯސް ނިޔަތެއްގައި" ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ އެ މައުލޫމާތު ހާމަ ކުރުމަކުން އެއީކީ، ތިބޭފުޅުން ހާއްސަ ގޮތެއްގައި، ކޮންމެސް ގޯސް ނިޔަތެއްގައި ބޭނުން ކުރުން ފިޔަވައި އިތުރު ކަމެއް ކުރައްވާނެހެން ވެސް،" ހަލީލު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ، ރާއްޖޭގެ ސަރަހައްދު ބޭނުން ކުރަން އެދުނު ގައުމު ހާމަނުކުރަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެތީ ކަމަށެވެ.

"އަދި ވަކި ގައުމެއްގެ ވާހަކަ އަޅުގަނޑުމެން ނުދަންނަވަނީ ދޭދޭ ގައުމުތަކުގެ ގުޅުންތަކަކީ ވަރަށް ހައްސާސީކޮށް އަބަދުވެސް ހުރިހާ ގައުމަކުން ވެސް ބަލަހައްޓާ ކަންތައްތަކަށް ވާތީއާ ވެސް އެއްކޮށް. އެހެންވީމާ ހާމަ ކުރަންޖެހޭ ހިސާބަށް ދިޔައީމަ ހާމަ ކުރެވޭ މައުލޫމާތު އަޅުގަނޑުމެން ހާމަ ކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

އިރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ފެށީ ފެބްރުއަރީ 28، ގަ އެވެ. މި ހަނގުރާމައިގައި އެހެން ގައުމުތައް ބޭނުންކޮށްގެން ހަމަލާދެނީ އެމެރިކާއިން އެކަންޏެވެ. ސްރީ ލަންކާގެ ސަރަހައްދު ބޭނުން ކުރަން ވެސް އެމެރިކާއިން އެދުނެވެ. އެހެންކަމުން ރާއްޖޭގެ ސަަރަހައްދު ބޭނުން ކުރަން އެދުނީ ވެސް އެމެރިކާއިން ކަމަށް ބެލެވެ އެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން ގައުމަކުން އެދިފައިވާކަން ހާމަ ކުރެއްވީ ހަލީލު އެވެ. އެކަމަކު ވަޒީރު އެކަން ހާމަކުރެއްވި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަކަށް ނެތް ތި [ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދިފައިވާކަމުގެ] މައުލޫމާތު ލިބިފައެއް. ގައިމުވެސް އެދިފިއްޔާ، އަޅުގަނޑާ ހަމައަށް އައިސިއްޔާ ވަގުތުން ރިޖެކްޓު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރަން އެމެރިކާއިން އެދުނު ކަމަށް ބެލެވޭއިރު، އެމެރިކާއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ސާޖިއޯ ގޯ މިދިޔަ ހަފުތާގައި ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އޭނާ ފުރާވަޑައިގަތީ ހާރިޖީި ވަޒީރު ހަލީލު އާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ ބައްދަލު ކުރެއްވުމަށްފަހު އެވެ.

އެމަނިކުފާނާއި ސާޖިއޯ ގޯއާ ބައްދަލު ކުރަން ހަމަޖެހިފައި އޮތް ކަމަށް ރައީސް މުއިއްޒު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވިދާޅުވި އެވެ. އެކަމަކު ގޯ އެނބުރި އިންޑިއާއަށް ވަޑައިގަތީ މުއިއްޒުއާ ބައްދަލު ނުކުރައްވަ އެވެ. ހަނގުރާމައިގެ އެއްވެސް ވާހަކައެއް ގޯއާއެކު ނުދައްކަވާނެ ކަމަށް ރައީސް އޮތީ އޭގެ ކުރިން ވިދާޅުވެފަ އެވެ.

"އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ބެހޭ ގޮތުން ވާހަކައެއް ދައްކަންޏާ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމައަށް އަދި އެއްވެސް ހަނގުރާމައެއް ކުރާކަށް. އެކަމެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.