about 1 hour 0
މުހައްމަދު ޝަހްޒާން
ފުލުހުންގެ ކޮމިޝަނަރުކަމަށް ކުރިމަތިލައްވާފައިވާ އަހުމަދު މުހައްމަދު -- ފޮޓޯ: ކިޔުންތެރިއެއް
about 1 hour 0
ފުލުހުންގެ ކަނޑު އުޅަނދުފަހަރުތަކެއް މަރާމާތު ކުރުމުގެ މަސައްކަތުގެ އަގުގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ޓޫފޯއަކީ ހުސްވެފައިވާ ފުލުހުންގެ ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ. ޕޮލިސް ބޯޑުން މިއަދު ވަނީ އޭނާއާ އިންޓަވިއު ވެސް ކޮށްފަ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އޭސީސީއަށް ހުށަހެޅީ 2016 ވަނަ އަހަރު ފުލުހުން ބޭނުންކުރަމުންދިޔަ ކަނޑު އުޅަނދުފަހަރުތަކެއްގެ މަރާމާތު ސްރީލަންކާގެ ނެގޮމްބޯގައި ހުންނަ ޑޮކަކުން ކުރުވައި އެ މަސައްކަތުގެ އަގުގެ ތެރެއިން ޓޫފޯ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އޭރު ޓޫފޯ ހުންނެވީ ފުލުހުންގެ ހިދުމަތުގެ ބަޖެޓާއި ބެހޭ ޑިޕާޓުމެންޓުގެ އެންމެ އިސް އޮފިސަރުގެ މަގާމުގަ އެވެ.
އެނގިފައިވާ ގޮތުގައި އެ މަސައްކަތުގެ އަގުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ނެގި ކަމަށް ބެލެވެނީ ޓޫފޯ އާއި މިހާރުގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ޖަމްޝީދު އާއި މިހާރުގެ ސުޕްރިޑެންޓް އޮފް ޕޮލިސް، އަޒީމް ވަހީދުގެ އިތުރުން، އަދި އިތުރު ފަސް އޮފިސަރުން ބައިވެރިވެގެންނެވެ.
އެ މައްސަލައަކީ މީގެ ކުރިން ވެސް އޭސީސީއަށް ހުށަހަޅައި އެ ކޮމިޝަނުން ތަހުގީގު ކޮށްފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި ފުލުހުންގެ ބައެއް އިސްވެރިންގެ ބަޔާން ވެސް އޭސީސީން ނަގާފައިވެ އެވެ. ނަމަވެސް، އެ މައްސަލަ ވަކި ގޮތަކަށް އެ ކޮމިޝަނުން ނިންމައިފައެއް ނުވެ އެވެ.
ޖަމްޝީދުއަށް ޓޫފޯ ފޮނުވާފައި ހުރިކަމަށް ބުނާ މެސެޖުތަކުގެ ސްކްރީންޝޮޓުތައް --
އެ މައްސަލަ އޭރު ފެންމަތިވެގެން އުޅުނުއިރު، ޓޫފޯ އާއި ޖަމްޝީދު ވައިބާއިން ދައްކާފައިވާ ކަމަށް ބެލެވޭ ވާހަކަތަކެއްގެ ސްކްރީން ޝޮޓުތަކެއް ވެސް ދައުރުވި އެވެ. އޭސީސީއަށް ހުށަހެޅި މައްސަލައާއެކު އެ ސްކްރީން ޝޮޓުތައް ވެސް ހުށަހަޅާފައިވެ އެވެ.
ފުލުހުންގެ ފައިސާއިން ޓޫފޯ ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު، ފުލުހުންގެ ގާނޫނުގެ 52 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުން، ފުލުހުންގެ ކޮމިޝަނަރުކަމަށް ކުރިމަތިލާ މީހުންނާ ފުލުހުންގެ ބޯޑުން އިންޓަވިއުކޮށް އެ ފަރާތްތަކުގެ ގާބިލުކަން ވަޒަން ކުރަންޖެހޭނެ އެވެ.
އެ ގޮތުން، ކޮމިޝަނަރުކަމަށް ކުރިމަތިލާ މީހުންގެ ނަންތައް، ފުލުހުންގެ ބޯޑަށް ލިބުމުން އެ މީހުންނާ ގުޅޭގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް މެދުވެރިކޮށް އެ މީހެއްގެ ޝަރުތު ހަމަވޭތޯ އާއި ކޮމިޝަނަރުގެ މަގާމަށް އެ މީހަކު އައްޔަނުކުރަން ނުފެންނަ އެއްވެސް ސަބަބެއް އޮތްތޯ ބެލުމަށްފަހު ރިޕޯޓެއް ތައްޔާރުކުރަން ޖެހެ އެވެ.
އެހެންކަމުން، އެއްވެސް މުއައްސަސާއެއްގައި ނުވަތަ އެއްވެސް އިދާރާއެއްގައި އެ މީހެއްގެ މައްސަލައެއް އޮތްނަމަ، ފުލުހުންގެ ކޮމިޝަނަރުކަމަށް އެމީހުން އައްޔަނެއް ނުކުރެވޭނެ އެވެ.
ޓޫފޯއަކީ ފުލުހުންގެ އާ ގާނޫނުގެ ތިންވަނަ މާއްދާގެ ނ. ގެ ދަށުން ފުލުހުންގެ ހިދުމަތުން ވަކިކުރަން ފެންނަ ކަމަށް 2021 ގައި ޕޮލިސް ބޯޑުން ލަފާދިން ހަތް ފުލުހުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
ފުލުހުންގެ ހިދުމަތުން އޭނާ ވަކިކުރަން އޯގަސްޓު 9، 2021 ގައި ޕޮލިސް ބޯޑުން ލަފާދިނީ ފުލުހުންގެ ފައިސާއިން ރިޝްވަތު ނެންގެވި މައްސަލައަށް ވެސް ރިއާތަތް ކުރުމަށްފަހު ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. އެ ލަފަޔާ އެއްގޮތަށް ޓޫފޯ ވަޒީފާއިން ވަކިކުރީ އޮކްޓޫބަރު 10، 2021 ގަ އެވެ.
ނަމަވެސް ޓޫފޯއަށް އަލުން ވަޒީފާ ދިނީ މިދިޔަ ސެޕްޓެމްބަރު 3، 2025، ގަ އެވެ. ޓޫފޯގެ އިތުރުން ފުލުހުންގެ ވަޒީފާއިން އޭރު ވަކިކުރި މުހައްމަދު ޖަމްޝީދުއަށް ވެސް ހަމަ އެ ދުވަހު އަލުން ފުލުހުންގެ ވަޒީފާ ދިނެވެ.
އެ ދެ މީހުންނަށް ފުލުހުންގެ ވަޒީފާ އިއާދަކޮށްދިނީ ފުލުހުންގެ ބޯޑުން ނިންމި ނިންމުން ބާތިލު ކުރަން ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބޭރު ކޮށްލުމުންނެވެ.
އެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލީ ދިވެހި ދައުލަތުން ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ. ޖުލައި 23، 2025، ގައި ހައި ކޯޓުން ކުރި ހުކުމުގައި ބުނީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރިއިރު، ފުލުހުންގެ އިދާރާއިން މީގެ ކުރިން އަމަލު ކޮށްފައިވާ ގޮތުގައި އެއްގޮތް ނޫން ކަންތައްތަކެއް ހުރި ކަމަށެވެ.
އެގޮތުން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ރަނގަޅު ނޫން ކަމަށް ބުނެ އެ މައްސަލަ ހައި ކޯޓުގައި ފުލުހުންގެ ފަރާތުން އިސްތިއުނާފު ކުރިއިރު، ފުލުހުންގެ ވަޒީފާއިން ވަކިކުރަން އެ އިދާރާއިން ނިންމި ބައެއް އޮފިސަރުންނަށް ސިވިލް ކޯޓުގެ ހުކުމަށްފަހު، އެ ހުކުމް ރަނގަޅު ކަމަށް ބަލައިގެން ޕްރޮމޯޝަން ދީފައިވާކަން ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ޓޫފޯގެ އިތުރުން، ފުލުހުންގެ ކޮމިޝަނަރުކަމަށް މިހާރު ކުރިމަތިލާފައިވާ، މިހާރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު، ފަރުހާދު ފިކުރީ ފުލުހުންގެ ހިދުމަތުން ވަކިކުރަން ވެސް ޕޮލިސް ބޯޑުން އޭރު ލަފާ ދިނެވެ. ނަމަވެސް އެ ނިންމުމަށް އަމަލުކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ ބޯޑުން އެ އޮފިސަރުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުން ބާތިލު ކުރަން އެދި ސިވިލް ކޯޓުގައި ދައުވާ އުފުލީ އޮކްޓޫބަރު 6، 2021 ގަ އެވެ. ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ޑިސެމްބަރު 21، ގައި ހުކުމް ކުރީ އެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމީ ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ ނިންމުން ބާތިލު ކަމަށެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ރަނގަޅު ނޫން ކަމަށް ބުނެ އެ ނިންމުން ބާތިލު ކުރަން އެދި ފުލުހުންގެ ބޯޑުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މާޗު 2، 2023 ގަ އެވެ.
ނަމަވެސް އޭގެ ކުރިން ސިވިލް ކޯޓުގެ އަމުރު ރަނގަޅު ކަމަށް ބަލައިގެން ފުލުހުންގެ އިދާރާއިން ވަނީ، އެ މުއައްސަސާގެ ވަޒީފާއިން ވަކިކުރަން ނިންމި ފަސް އޮފިސަރުންގެ ތެރެއިން، ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް، އަބްދުالله ޝަރީފް އާއި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދަށް ޕްރޮމޯޝަން ދީފަ އެވެ. އަދި އެމީހުންނަށް ޕްރޮމޯޝަން ދިނީ ދަށު ކޯޓުން ކުރި ހުކުމަށް ރިއާޔަތް ކޮށްގެން ކަމަށް ފުލުހުންގެ ފަރާތުން ކޯޓުގައި ބުނެފައިވާކަން ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކުރި އެވެ.
ދަށު ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އެ ދެމީހުންނަށް ޕްރޮމޯޝަން ދިން ނަމަވެސް، ފުލުހުންގެ ވަޒީފާއިން ވަކިކުރިކަން އަންގައި ލިޔުން ދިން އަހުމަދު މުހައްމަދު އާއި މުހައްމަދު ޖަމްޝީދު އަލުން ވަޒީފާއަށް ނެރެން ފުލުހުން ދެކޮޅު ހަދާފައިވާކަން ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ފުލުހުންގެ އަމަލުތައް ދެފަހަރު ދެގޮތަށް ހުރުމުން އިސްތިއުނާފާމެދު ސުވާލު އުފެދޭ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
Comment