Advertisement

އަނިޔާގެ ސަބަބުން ޓިމޯ ލެސްޓޭ މެޗުގައި ހަމްޕު ނުފެންނާނެ

ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، ހަމްޕު، އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ


އަނިޔާގެ ސަބަބުން ޓިމޯ ލެސްޓޭ މެޗުގައި ހަމްޕު ނުފެންނާނެ

އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހުގެ ހަވީރު، ޓިމޯ ލެސްޓޭއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމުން ކުޅޭ މެޗުގައި އަނިޔާގެ ސަބަބުން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ތަރި، ހަމްޒާ މުހައްމަދު (ހަމްޕު) ނުފެންނާނެ ކަމަށް ބުނެފި އެވެ.

ހަންގޭރީގެ ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗަށް ނެގި 26 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި ހަމްޕު ހިމެނެ އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ޓިމޯ ލެސްޓޭއާ ކުޅޭ މެޗަކީ ކޮލިފައިންގެ ފަހު މެޗެވެ. ރާއްޖެ ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބަލިވެފަ އެވެ. އެހެންކަމުން، ޓިމޯ ލެސްޓޭ އަތުން މޮޅުވުމަކީ، ތިން ވަނަ މަގާމުގައި އޮވެ، ކޮލިފައިން ގްރޫޕް ނިންމާލުމަކީ ރާއްޖޭގެ އަމާޒެވެ.

"އަދަދު ސްޕޯޓްސް" އަށް ހަމްޕު ބުނީ، ފަޔަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ޓިމޯ ލެސްޓޭ މެޗުގައި އޭނާ ނުފެންނާނެ ކަމަށެވެ. އަދި، ޓީމުގެ ޕްރެކްޓިހުގައި ވެސް ފަހުން ބައިވެރިނުވާ ކަމަށް ހަމްޕު ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން ހަމްޕު ބޯޅަ ހިފައިގެން.


"ކަށިމައްޗަށް ތަދުވާތީ އަނިޔާއެއްގައި އުޅޭތާ، ދެ މަހެއްހާ ދުވަސްވެއްޖެ، ދެން، ރިކަވާވާން ރެސްޓް ކުރަމުން މި އަންނަނީ، ގައުމީ ސްކޮޑުގައި ހިމެނުނީމަ، އެއް ދުވަހު ޕްރެކްޓިހަށް ނުކުތިން، ތަދުހުންނާތީވެ، ދެން ގައުމީ ޓީމުގެ މެޑިކަލް ޓީމާ މަޝްވަރާކޮށްފައި ޕްރެކްޓިހަށް ފަހުން ނުދާގޮތަށް ނިންމީ،" ހަމްޕު ބުންޏެވެ.

މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މޮޅު ކުޅުމެއް ދެއްކި ހަމްޕު، މާޒިޔާ އިން އެންމެ ފަހުން، ލީގުގައި އަދި ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނު މެޗުތަކުގައި ވެސް ގިނައިން ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ހަމްޕު އަކީ ފާއިތުވި އަހަރުތަކުގައި ގައުމީ ޓީމުގެ އެޓޭކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. އަދި، މި ފަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖޭން ކުޅުނު ފަސް މެޗުގައި ވެސް ހަމްޕު ވަނީ ކުޅެފަ އެވެ.