Advertisement

ތިން އަހަރަށް ފަހު ދަގަނޑޭ ގައުމީ ޓީމަށް

about 1 hour 0

2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ލަނޑު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ


ތިން އަހަރަށް ފަހު ދަގަނޑޭ ގައުމީ ޓީމަށް

about 1 hour 0

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)، ތިން އަހަރެއްހާ ދުވަހަށް ފަހު، ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑަށް ނަގައިފި އެެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް މި މަހު 31 ގައި ގަލޮޅު ދަނޑުގައި ކުޅޭ މެޗަށް ގައުމީ ފުޓްބޯޅަ ޓީމުން މިރޭ ފަރިތަކުރުންތައް ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެ ގޮތުން، އެ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނޭ ކުޅުންތެރިން ރިލީސްކުރުމަށް އެފްއޭއެމް އިން ވަނީ ކްލަބްތަކަށް ފޮނުވައިފަ އެވެ.

އެ ގޮތުން، ނިއު އިން ރިލީސް އަށް ފޮނުވި ކުޅުންތެރިންގެ ތެރޭގައި، ދަގަނޑޭ، 40، ހިމެނެ އެވެ. މިއީ، 2023 ވަނަ އަަހަރުގެ މާޗް މަހު ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ލ. އަތޮޅު ޒޯން ސްޓޭޑިއަމްގައި ކުޅުނު އެކުވެރިކަމުގެ މެޗަށް ފަހު، ދަގަނޑޭ ގައުމީ ސްކޮޑުގައި ހިމެނޭ ފުރަތަމަ ފަަހަރެވެ.

ނިއުގެ ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި، މިއަދަކީ ދިވެހި ފުޓުބޯޅަ އަށް ލޯބިކުރާ ހުރިހާ ސަޕޯޓަރުންނަށް ވަރަށް އުފާވެރި ދުވަހެކެވެ. އެއީ، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި، ދަގަނޑޭ އަނެއްކާވެސް ގައުމީ ޖާޒީގައި ފެނުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވާތީ އެވެ.

"ދަގަނޑޭ އަކީ ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު. އޭނާގެ ހުނަރާއި، ދަނޑުމަތީގައި ދައްކާ ހިތްވަރަކީ މުޅި ގައުމު ފަޚުރުވެރިވާ ކަންކަން. ގައުމީ ޓީމަށް އޭނާ އެނބުރި އައުމަކީ ޓީމުގެ ރޫހު ވަރުގަދަވެ، ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. މި ފުރުސަތުގައި ދަގަނޑޭއަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔަން،" ނިއު އިން ބުނެފައިވެ އެވެ.

ދަގަނޑޭގެ ތަޖުރިބާއާ އެކު، ގައުމީ ޓީމަށް އިތުރު ކާމިޔާބީތަކެއް ލިބިގެންދިއުމަށް އުންމީދުކުރާ ކަމަށާއި ދަގަނޑޭގެ އާދަޔާހިލާފު ކުޅުން ބަލާލުމަށް މުޅި ރާއްޖެ އޮތީ ކެތްމަދުވެފައި ކަމަށް ނިއު އިން ބުނެ އެވެ.

އަނިޔާގެ ސަބަބުން ކަކުުލުގެ ދެ އޮޕަރޭޝަނެއް މިދިޔަ ދެ އަހަރެއް ތެރޭ ކުރި ދަގަނޑޭ އަންނަނީ، ރިކަވާވެގެން މި ސީޒަނުގައި ނިއު އަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މުހިންމު ގޯލުތަކެއް ޖަހައި، ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައިވެ އެވެ.