Advertisement

ރާއްޖޭގައި މި އަހަރު އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

5 ޖަނަވަރީ 2026 - 12:11 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގައި ރާއްޖެ އާއި ލަންކާ އިން ކުޅުނު މެޗުގެ ތެރެއިން.


ރާއްޖޭގައި މި އަހަރު އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

5 ޖަނަވަރީ 2026 - 12:11 0

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އިންވިޓޭޝަނަލް މުބާރާތެއް މި އަހަރުގެ ޖޫން/ޖުލައި މަހު ބާއްވަން ނިންމައިފި އެވެ.

އެ ގޮތުން ހަތަރު ގައުމުގެ މެދުގައި ކުޅޭ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ރާއްޖޭގެ އިތުރުން ސްރީ ލަންކާ އާއި ނޭލާލް އަދި ބަންގްލަދޭޝް އެވެ.

ސްރީ ލަންކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ލަންކާ އިން ވަނީ މި މުބާރާތުގައި ކުޅޭނެކަމުގެ ޔަގީންކަން ދީފަ އެވެ.، ނޭޕާލާއި ބަންގްލަދޭޝް އިން ވަނީ މުބާރާތުގައި ކުޅުމާ މެދު ގޮތެއް ނިންމަން މަޝްވަރާތައް ފަށައިފަ އެވެ.

ރާއްޖޭގެ އެއް ވަނަ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރަން، ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް ކުރިއަށްދިޔައީ، 2000 ވަނަ އަހަރު، ދިވެހި ފުޓްބޯޅައިގެ ރަން ޔޫބީލް ފާހަގަކުރުމަށެވެ. ގޯލްޑަން ޖޫބިލީގެ ނަމުގައި ކުޅުނު އެ މުބާރާތުގެ ފައިނަލުން ސްރީ ލަންކާ އަތުން ރާއްޖެ ބަލިވި އެވެ.

މީގެ ކުރިން، 2021 ވަނަ އަހަރު ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ވަނީ ކުޅެފަ އެވެ. އަދި، މިދިޔަ އަަހަރު ލަންކާ އިން ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގައި ރާއްޖޭން ކުޅެ، ލަންކާ ބަލިކޮށް އެ މުބާރާތް ކާމިޔާބުކުރި އެވެ. އެންމެ ފުރަތަމަ ސުޕަ ކަޕްގައި ހަތަރު ގައުމެއް ކުޅެން ރޭވި ނަަމަވެސް ބަންގްލަދޭޝް އާއި ބޫޓާން ބައިވެރިނުވުމުން އެ މުބާރާތް ކުޅުނީ ރާއްޖެ އާއި ލަންކާގެ މެދުގައި ދެ މެޗެއް ކުޅޭ ގޮތަށެވެ.

ލަންކާ އިން އަންނަނީ މި އަހަރު ވެސް ސާފް ސުޕަ ކަޕް އެ ގައުމުގައި ބާއްވަން މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކުލަވާލި، "ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ޗެއާމަނަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، އަލީ ސުޒޭން ވަނީ ހަމަޖައްސައިފަ އެވެ. "ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ފަރާތުން ރާއްޖޭގެ ކޮންމެ ރަށަކުން ފުޓްބޯޅަ ސަހުސިއްޔަތެއް ކަނޑައެޅުމުގެ މަސައްކަތް ފަށަން އޮތީ ނިންމައިފަ އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިދިޔަ އަހަރު ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި، ޑައިމަންޑް ޖޫބިލީގެ ލޯގޯ ވަނީ ލޯންޗްކޮށްފަ އެވެ.