Advertisement

'ނޯ ކިންގް' ގެ ނަމުގައި ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ވަރުދަގަ މުޒާހަރާތަކެއް

ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ކުރާ މުޒާހަރާ


'ނޯ ކިންގް' ގެ ނަމުގައި ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ވަރުދަގަ މުޒާހަރާތަކެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އެމެރިކާގެ އެކި ސިޓީތަކުގައި "ނޯ ކިންގްސް" (ރަސްކަމާ ދެކޮޅަށް) ނަމުގައި ބޮޑެތި މުޒާހަރާތަކެއް ފަށައިފި އެވެ. މިއީ މީގެ ކުރިން މިލިއަނުން މީހުން ބައިވެރިވެފައިވާ މި ސިލްސިލާ މުޒާހަރާތަކުގެ ތިންވަނަ ބުރެވެ.

މި މުޒާހަރާ އިންތިޒާމު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމީހުން އަޑުއުފުލަނީ ރައީސް ޓްރަމްޕްގެ ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކާ ދެކޮޅަށެވެ. މީގެ ތެރޭގައި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާއި، އިމިގްރޭޝަން ގާނޫނުތައް ހަރުކަށިކުރުމާއި، ދިރިއުޅުމުގެ އަގުތައް އިންތިހާއަށް އުފުލެމުންދާ ދިއުން ހިމެނެ އެވެ.

އިންތިޒާމުކުރާ ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ޓްރަމްޕް ބޭނުންވަނީ އަނިޔާވެރި ވެރިއެއްގެ ގޮތުގައި އަހަރެމެންގެ މައްޗަށް ވެރިކަން ކުރާށެވެ. ނަމަވެސް މިއީ އެމެރިކާ އެވެ. ބާރުތައް އޮންނަންޖެހޭނީ ރައްޔިތުންގެ އަތުގަ އެވެ. ރަސްކަމަށް ފެންބޮވައިގެންފައިވާ މީހުންނާއި އެމީހުންގެ މަހުޖަނު އެކުވެރިންގެ އަތަކު ނޫނެވެ."


ވައިޓް ހައުސްގެ ތަރުޖަމާނަކު މި މުޒާހަރާތަކަށް މަލާމާތްކުރައްވަމުން ވިދާޅުވީ، މިއީ "ނަފްސާނީ ގޮތުން ބަލިވެފައިވާ ބައެއްގެ ސެޝަންތަކެއް" ކަމަށާއި، މިކަމާ އަޅާލާ ހަމައެކަނި ބަޔަކީ މިއަށް ކަވަރޭޖް ދިނުމަށް ފައިސާ ލިބޭ ނޫސްވެރިން އެކަނި ކަމަށެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި މުޒާހަރާތައް އެމެރިކާގެ ހުރިހާ ބޮޑެތި ސިޓީތަކެއްގައި ވަނީ ބާއްވާފަ އެވެ. މީގެ ތެރޭގައި ނިއުޔޯކް، ވޮޝިންގޓަން ޑީސީ، އަދި ލޮސް އެންޖެލެސް ހިމެނެ އެވެ. ވޮޝިންގޓަން ޑީސީގެ މަގުތައް މުޒާހަރާގެ ބައިވެރިންނާއެކު ތޮއްޖެހިފައިވާއިރު، ލިންކަން މެމޯރިއަލްގެ ސިޑިތަކާއި ނޭޝަނަލް މޯލް ސަރަހައްދު އޮތީ މީހުންނާއިގެން ފުރިފަ އެވެ.

ކުރީގެ މުޒާހަރާތަކެކޭ އެއްފަދައިން، މިފަހަރުވެސް މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ޓްރަމްޕާއި، ނައިބު ރައީސް ޖޭޑީ ވޭންސް އަދި ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ސޫރަ ސިފަވާ ބުދުތައް ގެންގުޅެ، އެބޭފުޅުން މަގާމުން ވަކިކޮށް ހައްޔަރުކުރުމަށް ގޮވާލާފަ އެވެ.

މިފަހަރުގެ އެންމެ ވަރުގަދަ އެއް މުޒާހަރާ ބާއްވާފައިވަނީ މިނެސޯޓާގަ އެވެ. އެއީ މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ދެ ރައްޔިތުން ކަމަށްވާ ރެނޭ ނިކޯލް ގުޑް އަދި އެލެކްސް ޕްރެޓީ، ފެޑްރަލް އިމިގްރޭޝަން އޭޖެންޓުންގެ އަތުން މަރުވުމާ ގުޅިގެންނެވެ. އެ ހާދިސާއާ ގުޅިގެން މުޅި ގައުމުގައި ވަނީ ޓްރަމްޕްގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތާ ދެކޮޅަށް ނުރުހުން ފާޅުކޮށްފަ އެވެ.

ސެއިންޓް ޕޯލްގައި ހުންނަ ސްޓޭޓް ކެޕިޓަލް އިމާރާތުގެ ކުރިމަތީގައި ބޭއްވި މި މުޒާހަރާގައި ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ބްރޫސް ސްޕްރިންގްސްޓީން ވަނީ، އިމިގްރޭޝަން ގާނޫނުތައް ތަންފީޒުކުރުމާ ދެކޮޅަށް އޭނާ ކިޔާފައިވާ "ސްޓްރީޓްސް އޮފް މިނިއާޕޮލިސް" މި ލަވަ ހުށަހަޅައިދީފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ބޭއްވި "ނޯ ކިންގްސް" މުޒާހަރާގައި މުޅި އެމެރިކާއިން ގާތްގަނޑަކަށް ހަތް މިލިއަން މީހުން ބައިވެރިވި އެވެ. މަސްލަހަތު ހިފެހެއްޓުމަށްޓަކައި ބައެއް ސްޓޭޓްތަކުގައި ނޭޝަނަލް ގާޑް ނެރެފައިވީ ނަމަވެސް، މުޒާހަރާގެ އިންތިޒާމުވެރިން ބުނަނީ މިއީ ސުލްހަވެރި ހަރަކާތްތަކެއް ކަމަށެވެ.


ޖެނުއަރީ 2025 ގައި ދެވަނަ ދައުރަކަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށްފަހު، ޓްރަމްޕް ވަނީ ރައީސަށް ލިބިދޭ ބާރުތަކުގެ ދާއިރާ ފުޅާކުރައްވާފަ އެވެ. އެގޮތުން ރިޔާސީ އަމުރުތައް މެދުވެރިކޮށް ފެޑްރަލް ސަރުކާރުގެ ބައެއް ބައިތައް އުވާލައްވައި، ސްޓޭޓްތަކުގެ ގަވަރުނަރުންގެ ދެކޮޅުހެދުންތަކާ އެކުވެސް ސިޓީތަކަށް ނޭޝަނަލް ގާޑް ފޮނުއްވާފައި ވެ އެވެ. މީގެ އިތުރުން، އޭނާގެ ސިޔާސީ ހަތުރުންގެ ގޮތުގައި ދެކޭ ފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލުމަށް ސަރުކާރުގެ ގާނޫނީ އިސް ބޭފުޅުންނަށް އޭނާ ވަނީ އަންގަވާފަ އެވެ.

ރައީސް ޓްރަމްޕް ވިދާޅުވާ ގޮތުގައި މި ފިޔަވަޅުތަކަކީ ހީނަރުވެފައިވާ ގައުމު އަލުން ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަންކަމެވެ. އަދި އޭނާއަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް އޭނާ ވަނީ ރައްދު ދެއްވާފަ އެވެ. "އެމީހުން އަހަންނަށް އެ ގޮވަނީ ރަސްކަލެކޭ. އަހަންނަކީ ރަސްކަލެއް ނޫން،" މިދިޔަ އޮކްޓޯބަރު މަހު ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން އިންޒާރު ދެނީ ޓްރަމްޕްގެ ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކަކީ ގާނޫނުއަސާސީއާ ހިލާފު އަދި އެމެރިކާގެ ޑިމޮކްރަސީއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.