Advertisement

ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ހުދުމުހުތާރުވުމުގެ ވިސްނުމެއް: މުނައްވަރު

ކުރީގެ ބަންޑާރަ ނައިބު މުނައްވަރު. ގިނަގިނައިން އިންތިހާބު ބޭއްވުމަށް ގޮވާލެއްވި --- ފޮޓޯ: ރައީސް އޮފީސް


ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ހުދުމުހުތާރުވުމުގެ ވިސްނުމެއް: މުނައްވަރު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހުދުމުހުތާރުވުމުގެ ވިސްނުމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ބޭނުންވަނީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މުއިއްޒުގެ މެނިފެސްޓޯގައި އަދި ވައުދު ފޮތުގައި ހިމެނޭ ކަމެއް ނޫނެވެ. މި ވާހަކަތައް މުއިއްޒު ދައްކަވަން ފެއްޓެވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ.

އެކަމަށް މަގުފަހި ކުރުމަށް ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީން ވަނީ ބިލެއް ފާސްކޮށްފަ އެވެ. ފެންނަ ނުފެންނަ ވޯޓު ނަގަނީ އެ ބިލު ތަސްދީގު ކުރުމަށް ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށެވެ. އެ ވޯޓު އޮންނާނީ އެޕްރީލް ހަތަރެއްގައި އޮންނަ ކައުންސިލް އިންތިހާބުގެ ވޯޓާއެކު އެވެ.

މި ވޯޓުގައި ސަރުކާރުން ކެމްޕޭން ކުރަމުން އަންނަނީ ދެ އިިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ކުރީގެ ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ މެންބަރުން ގެންދަނީ އެ ކަމާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.

އެގޮތުން، ފުންނާބު އުސް ގާނޫނީ ވަކީލު މުނައްވަރު ވެސް މިއަދު ވަނީ އޭނާ މިކަމުގައި ދެކޭ ގޮތް ހިއްސާކުރައްވާފަ އެވެ.

"ދެ އިންތިހާބު އެއް ތާރީހެއްގައި ނުވަތަ އެކުގައި ބޭއްވުމަކީ ދައުލަތް ހިންގުމުގައި އިސްކޮށް ތިބޭ މީހުން ޖަވާބުދާރީ ކުރުވުމާ ދުރު ކުރުވުމެކެވެ. ހުދުމުހުތާރުވުމުގެ ވިސްނުމެކެވެ. ގިނަގިނައިން އެ ވެރިން ރައްޔިތުންގެ ގާތަށް އަންނަންޖެހޭ ގޮތަށް ބާއްވަވާށެވެ،" މުނައްވަރު އެކްސްގައި ލިޔުއްވި އެވެ.

މުނައްވަރުގެ އިތުރުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ އާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފުންނާބު އުސް ގާނޫނީ ވަކީލުން ގެންދަވަނީ މި ބަދަލާ ދެކޮޅަށް ވަކާލާތު ކުރައްވަމުންނެވެ.

ރެފަރެންޑަމްގެ ސުވާލުގައި އޮތީ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރުމަށް ރައްޔިތުންނަށް ފެނޭތޯ އެވެ. އެ އިސްލާހުގައި އޮތް ކަންކަމާ މެދު ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމެއް ނެތެވެ.