about 4 hours 0
ލީވާން އަލީ ނާސިރު
about 4 hours 0
ފެބްރުއަރީ 28 ގައި އިރާނު ހަނގުރާމަ ފެށުނު ފަހުން ރާއްޖޭގެ އިގުތިސާދީ ހާލަތު އިންތިހާއަށް ނާޒުކުވެ، ދައުލަތުގެ އަސާސީ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ އެހީ އާއި ލޯނަށް ސަލާންޖަހަން ޖެހިފައިވާއިރުވެސް، އިންތިހާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ވަޒީފާތަކަށް މީހުން އައްޔަންކުރުން ވަނީ މެކުހަށް ޖަހައިފަ އެވެ.
ހަނގުރާމައާ ގުޅިގެން ތެޔޮ އަގުބޮޑުވެފައި ވާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މަދުވެ އާމްދަނީ ދަށްވެފައިވާތީ، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށް ފައިސާގެ ދަތިކަން ކުރިމަތިވާނެތީވެ، 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ލޯނެއް ނެގުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މިފަދަ މާލީ ތާށިކަމެއް ތަޖުރިބާކުރަން ޖެހިފައި އޮތަސް، އެޕްރީލް 4 ގައި ބާއްވާ ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ރައީސް މުހައްމަދު މުއިއްޒު ބޭނުން ވެގެން ނަގާ ހިޔާލު ހޯދުމުގެ ވޯޓާ ދިމާކޮށް ސިޔާސީ މަގާމުތައް، އަދި ކުންފުނިތަކުން އެކި ގިންތީގެ ގިނަ އަދަދެއްގެ ވަޒީފާތައް ބަހަމުންދާ ކަމަށް އަދި ޕްރޮމޯޝަންތައް ދެމުންދާ ކަމަށް، ސަރުކާރުގެ އެކި މަސްދަރުތަކުން ކަށަވަރުކޮށްދީފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އީދު ބަންދަށް ފަހު އޮފީހަށް ނުކުތްއިރު، ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ މީހުން ވައްދާފައިވާ ކަމަށެވެ.
"މިފަދަ ދަތި ހާލަތެއްގައި ގައުމު އޮއްވައި އެއްވެސް ބެލުމެއް ނެތި މީހުން ވައްދަމުން ދަނީ. އަހަރެންނަށް އެނގިގެން ވެސް އީދު ބަންދަށް ފަހު ވެސް ސިޔާސީ މަގާމުތަކަށް ފަސް މީހުން މި މިނިސްޓްރީއަށް އެކަނި އިތުރުވެއްޖެ،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނަ ވިދާޅުވި އެވެ.
ނިމިދިޔަ ހަފުތާގައި ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓްތަކަކީ ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ ބަޔަކު ވައްދައި އެ މީހުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ރަސްމީކޮށް ހިއްސާކޮށްފައިވާ ޕޯސްޓްތަކެކެވެ.
ސަރުކާރުން އެހެން އޮފީސްތަކުން އަދި ކުންފުނިތަކުން ވެސް އިއުލާނު ކުރުމެއް ވެސް ނެތި ގިނަ އަދަދެއްގެ މީހުން ވަޒީފާތަކަށް ވައްދަމުންދާ ކަމަކީ ފެންނަން އޮތް ހަގީގަތެކެވެ.
"އިންތިހާބުތަކާ ދިމާކޮށް މުވައްޒަފުން ވައްދާ މިންވަރު ވިސްނާލަ. އެމްޑީޕީ ވެރިކަން ނިމުނުއިރު އެޗްޑީސީގެ ޕޭރޯލްއަކީ 27 މިލިއަން ރުފިޔާ. މިހާރު ޕޭރޯލަކީ މަހަކު 45 މިލިއަން ރުފިޔާ. ބޮޑެތި މުސާރަތަކުގައި މީހުން ދަނީ މެދުކެނޑުމެއް ނެތި ވައްދަމުން،" އެޗްޑީސީގެ އޮފިޝަލަކު ބުންޏެވެ.
"ބުރާސްފަތި ދުވަހު އެކަނި ވެސް މުނިސިޕަލް ޑިޕާޓްމެންޓަށް 25 ސްޓާފުން ނެރެފި. މީގެ ކޮންމެ މީހެއްގެ މުސާރައަކީ މަދުވެގެން 20،000ރ."
ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން މުސާރަ ދޭ މީހުންގެ އިތުރުކުރުމަކީ މުއިއްޒުގެ ސިޔާސަތެއްކަން ފެންނަން އެބަ އޮތެވެ. މިނިސްޓްރީތަކާއި ކުންފުނިތައް އިތުރުކޮށް، އަމިއްލަ ފަރާތްތަކުން ކުރަމުން ދިޔަ ވިޔަފާރީގެ ތެރެއަށް ސަރުކާރު ވަދެ ވަޒީފާތަކަށް މީހުން ދަނީ ނަގަމުންނެވެ. އޭގެ އެއް މިސާލަކީ ޓެކްސީތަކާއި އައިނު ފިހާރަ އެވެ.
މި ސަރުކާރުން ގިނަ ޕްރޮޖެކްޓުތަކެއް ވެސް ހަވާލުކޮށްފައި ވަނީ ސަރުކާރުގެ ކުންފުނިތަކާ އެވެ. އެ ޕްރޮޖެކްޓުތައް ނުހިންގިޔަސް ސިޔާސީ ބޭނުމުގައި ރަށްރަށުން ގިނަ އަދަދެއްގެ މީހުންނަށް ވަޒީފާ ދެމުން އެބަދެ އެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ދާދި ފަހުން އަދަދު ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ސިޔާސަތެއް ގެންގުޅޭ ކަމަށް ސަރުކާރުން ބުނަމުން ދާއިރު، ކުޅުދުއްފުށީގެ މުއައްސަސާތަކަށް ނުކަތާ ވަރަށް ސިޔާސީ މުވައްޒަފުން އައްޔަންކޮށް، ދައުލަތުގެ ބަޖެޓުން ބޮޑު އިސްރާފެއް ކުރަމުންދާ ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ އެރަށުގެ ސްޓޭޑިއަމް އެވެ. އެތަނުގެ މަސައްކަތު މީހުންގެ ގޮތުގައި ތިން މީހަކަށް ވަޒީފާ ދީފައި ވާއިރު، އެ މީހުން ބަލަހައްޓަން ހައެއް ނުވަތަ ހަތް ސިޔާސީ މުވައްޒަފުން ތިބިކަން އާތިފު ވިދާޅުވި އެވެ.
"ކޮންމެ މުވައްޒަފަކަށް ދެ ސްޕަވައިޒަރުންގެ ނިސްބަތުން ސިޔާސީ މުވައްޒަފުން އެބަތިބި. އެ ބޭފުޅުން މަސައްކަތް ކުރާނެ ގޮނޑިއެއް، މޭޒެއް، ކޮމްޕިއުޓަރެއް ވެސް އެތާނގައި ނުހުންނާނެ،" އޭނާ ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީގެ އޮފީހެއް އެ ރަށުގައި ނެތަސް އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން އެބަ ތިބިކަމަށާއި، ފިޝަރީޒް މިނިސްޓްރީއާއި ޕަބްލިކް ވޯކްސްގެ މުވައްޒަފުން ވެސް އެބަ ތިބި ކަމަށް ވެސް އާތިފު ވިދާޅުވި އެވެ.
މިއީ ހަމައެކަނި ކުޅުދުއްފުށީގެ ހާލަތެއް ނޫނެވެ. ސަރުކާރުގެ އޮފީހެއް ނެތި، ކުރާނެ މަސައްކަތެއް ނެތި، ގިނަ އަދަދެއްގެ ރަށްރަށުގައި މުވައްޒަފުންނަށް ވަޒީފާ ދީފައި އެބަ ތިއްބެވެ. އަދި ރަށްރަށުގައި ތިބި އުމުރުން ދުވަސްވީ އެތައް ބަޔަކަށާއި ސަރުކާރާ ދެކޮޅު ވިސްނުމުގައި ތިބި މީހުންނަށް ވެސް ވަޒީފާތައް ދަނީ ބަހަމުންނެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ މި ވަގުތަކީ ވަޒީފާތަކަށް މީހުން ނެގުމަށް "އެހާ ރަނގަޅު ވަގުތެއް ނޫން" ކަމަށާއި، ކޭޝްފްލޯ ހުރި ގޮތުން ދަތިވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި ފިނޭންސްގެ ކަންބޮޑުވުން ހުއްޓަސް، އިންތިހާބު ބޯމަތީގައި އޮތުމުން މީހުން ވެއްދުން މަދުކުރަން ރައީސް މުއިއްޒު ބޭނުންފުޅެއް ނުވެއެވެ.
"ކޮންމެ ދުވަހަކު ވެސް އެތައް ވަޒީފާއަކަށް މީހުން ނެގުމަށް ހުއްދައަށް މިނިސްޓްރީ އަށް އަންނަ ވާހަކަ ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ބުނޭ. އެކަމާ ޒަމީރުގެ އިންތިހާއަށް ކަންބޮޑުވުން އެބަ އޮތް. މިހާރު ވަޒީފާތައް ދެމުން ދިޔަސް ބައެއް ވަޒީފާތަކަށް ހުއްދަ ވެސް ނުދޭ،" މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ވަޒީފާ ދިނުމުގެ އިތުރުން، އާރްޑީސީން އެއްވެސް އުސޫލެއް ނެތި މުވައްޒަފުންނަށް ޕްރޮމޯޝަން ދެމުންދާ މައްސަލަ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މީކާއީލް އެދިވަޑައިގެންފައިވަނީ އެސްއޯއީ ކޮމިޓީ މެދުވެރިކޮށް ކުންފުނީގެ ވަޒީފާގެ އޮނިގަނޑާއި، ޕްރޮމޯޝަން ދޭ މިންގަނޑުތަކުގެ ތަފްސީލު ހޯދުމަށެވެ.
މިކަންކަން ނުހިއްޓިގެން އުޅެނީ ވަޒީފާތައް އިތުރުކުރަން ސީދާ މުއިއްޒު ބޭނުންވާތީ ކަމަށް ވެސް އަދަދު ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދާއި މާލީ ހާލަތު އިންތިހާއަށް ނާޒުކު ވެފައިވާއިރު، ހަރަދު ކުޑަކުރަން ރަސްމީ ގޮތުން އިއުލާނުކޮށްގެން ފިޔަވަޅުތަކެއް އެޅުމަށް މުއިއްޒު ފަސްޖެހިވަޑައިގެންފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އާންމު ހިޔާލު ހޯދުމުގެ ވޯޓުން އެ މަނިކުފާނަށް ބޮޑު ނާކާމިޔާބީއެއް ލިބިދާނެތީ ކަމަށް މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލުން ގަބޫލު ކުރެ އެވެ.
އެ މީހުން ބުނި ގޮތުގައި "ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ނާލައިފި ނަމަ [ގައުމު] މިފަހަރު ފުނޑޭނެ" އެވެ.
އެހެންވެ އިންތިހާބަށް ފަހު ފިޔަވަޅުތައް އަޅާނެ ކަމަށް އެ މީހުން ބުންޏެވެ.
އަޅާނެ ފިޔަވަޅުތައް ހާމަނުކުރި ނަމަވެސް ފިޔަވަޅުތަކާމެދު ވެސް ދަނީ މަޝްވަރާކޮށް ގޮތްތައް ނިންމަމުންނެވެ. އޭގެ ތެރެއިން ބައެއް ކަންކަން ސަރުކާރުގެ އޮފިޝަލުން އަދަދު ނޫހަށް ކިޔައިދީފައިވެ އެވެ. އެއީ؛
ގައުމުގެ އިގުތިސާދު އޮތީ ނާޒުކު ހާލަތެއްގައެވެ. ތެޔޮ ގަންނަން ދަރަނި ނަގަން ޖެހިފައިވާއިރު، ސިޔާސީ ބޭނުމަށް ބަޖެޓަށް ނުކަތާވަރަށް ވަޒީފާ އިތުރުކުރުމަކީ ރާއްޖެ ބަނގުރޫޓުވުމަށް އެޅޭ ބޮޑު ފިޔަވަޅެކެވެ. ރައީސް މުއިއްޒުގެ "ބަހާއި އަމަލު" ދެކޮޅުނުޖެހޭ މި ސިޔާސަތުގެ ނަތީޖާ، އިންތިހާބަށްފަހު ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކުން ފެނިގެންދާނެ ކަމަށް މާލީ މާހިރުން އަންނަނީ އިންޒާރު ދެމުންނެވެ.
Comment