Advertisement

ސާފް 20 އަހަރުން ދަށުގެ މުބާރާތް: ބަންގްލަދޭޝް އަތުން ޕޮއިންޓަކާ އެކު އިންޑިއާ އަށް ގްރޫޕްގެ އެއް ވަަނަ

about 1 hour 0

އިންޑިއާގެ ވިޝާލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


ސާފް 20 އަހަރުން ދަށުގެ މުބާރާތް: ބަންގްލަދޭޝް އަތުން ޕޮއިންޓަކާ އެކު އިންޑިއާ އަށް ގްރޫޕްގެ އެއް ވަަނަ

about 1 hour 0

މާލޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު 1-1 އިން ބަންގްލަދޭޝާ އެއްވަރުކޮށް އިންޑިއާ އިން ގްރޫޕް ބީގެ އެއް ވަނަ ހޯދައިފި އެވެ.

މި މެޗަށް ނުކުތްއިރު ވެސް އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އާއި ރަނަރަޕް ބަންގްލަދޭޝް އިން މި ވަނީ ސެމީ ފައިނަލުގެ ޖާގަ ހޯދައިފަ އެވެ. ތިން ޓީމު ވާދަކުރާ ގްރޫޕް ބީގެ ފުރަތަމަ މެޗުން 2-0 އިން ބަންގްލަދޭޝް އިން ޕާކިސްތާން ބަލިކުރިއިރު، ދެ ވަނަ މެޗުން އިންޑިއާ އިން ވަނީ 3-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. އެހެންވެ، މިއަދުގެ މެޗު ވެފައި އޮތީ މި ގްރޫޕުން އެއް ވަނަ ކަނޑައެޅުމަށްޓަކައި މުހިންމު މެޗަކަށެވެ.

އިންޑިއާ އިން ގްރޫޕް އެއް ވަނަ ހޯދީ ލަނޑުގެ ތަފާތުންނެވެ. އިންޑިއާ އިން އެއް ވަނަ ހޯދީ ހަތަރު ޕޮއިންޓާއި ފައިދާ ތިން ލަނޑާ އެކު އެވެ. ދެ ވަަނަ އަށް ދިޔަ ބަންގްލަދޭޝަށް ހަތަރު ޕޮއިންޓާ އެކު ލިބުނީ ފައިދާ ދެ ލަނޑެވެ. ތިން ވަނަ އަށް ދިޔަ ޕާކިސްތާނަށް ޕޮއިންޓެއް ނުލިބެ އެވެ.

ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހު ހަވީރު، ނޭޕާލުން ކުޅޭނީ ބަންގްލަދޭޝާ އެވެ. އަދި، އެރޭ ކުޅޭ ސެމީ ފައިނަލުގައި ބޫޓާނާއި އިންޑިއާ ބައްދަލުކުރާނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ފަށައިގެން 17 ވަނަ މިނިޓްގައި އިންޑިއާ އަށް ލީޑުނަގައިދިނީ ވިޝާލް ޔާދަވް އެވެ. ޕާކިސްތާން ކޮޅަށް ވެސް އިންޑިއާ އަށް ލީޑުނަގައިދިން ވިޝާލް، ބަންގްލަދޭޝް ކޮޅަށް އިންޑިއާ އަށް ކުރި ހޯދައިދިނީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގަ އެވެ. ފުރަތަމަ މެޗުގައި ޕާކިސްތާން ކޮޅަށް ބަދަލަކަށް ކުޅެން އަރައި، ދެ ގޯލު ޖެހި، އޮމަންގް ދޫދޯމް ކޯނަރަކުން ނެގި ބޯޅަ ވިޝާލް ވަނީ ބޮލުން ގޯލަށް ވައްދާލައިފަ އެވެ.

އިންޑިއާ އާއި ބަންގްލަދޭޝް އިން މިއަދު ކުޅުނު މެޗުގެ ތެރެެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


އިންޑިއާ އިން ފުރަތަމަ ހާފު ކުރީގައި އޮވެގެން ނިންމާލުމަށް ދަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި ބަންގްލަދޭޝް އިން ވަނީ އެއްވަރުކޮށްފަ އެވެ. އެމެރިކާ އަށް އުފަން، ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ 18 އަހަރުގެ ރޮނަން ބެންޖަމިން ސުލިވަން ނެގި ކޯނަރަކުން ބަންގްލަދޭޝްގެ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އަބްދުލް ރިޔާދު ފަހީމް އެެވެ.

ބަންގްލަދޭޝް އިން އެއްވަރުކުރި ގޯލުގެ ކުރިން، އިންޑިއާގެ ބެންޗާއި ބަންގްލަދޭޝްގެ ބެންޗުގެ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރިއިރު، ބަންގްލަދޭޝްގެ ކޯޗު، އިންގްލެންޑްގެ މާކް ކޮކްސް އާއި އިންޑިއާގެ އޮފިޝަަލަކަށް ވަނީ ރަތް ކާޑު ދައްކައި، ބެންޗުން ފޮނުވާލައިފަ އެވެ. މެޗުގެ ރެފްރީ އަކީ ފީފާ ރެފްރީ، ރާއްޖޭގެ ރައީފް ރައޫފް އެވެ.

އިންޑިއާ އިން ވަނީ ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް މެޗުން މޮޅުވާން ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ދެ ފުރުސަތު ވެސް ލިބިގެންދިޔައީ އެ ޓީމުގެ އޮމަންގް އަށެވެ. އެއް ފުރުސަތުގައި، އޭނާ މަސައްކަތް ކުރީ ބަންގްލަދޭޝްގެ ކީޕަރު، އިސްމާއިލް ހުސެއިން ކައިރިން ނައްޓާފައި ޖެހުމަށެވެ. އެކަމަކު، ކީޕަރު އިސްމާއިލް ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ އަތަށް ނަގައިފަ އެވެ. އޭގެ ފަހުން، އޮމަންގް އަށް ހުސްކޮށް ލިބުނު ބޯޅަ ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެވެ.

މި މެޗުގައި ބަންގްލަދޭޝްގެ ގިނަ ހަމަލާތަކެއް އިންޑިއާގެ ކީޕަރު ސޫރަޖް ސިންގް މަތަކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ސޫރަޖް އެވެ.