Advertisement

ސާފްގެ މުބާރާތްތަކުގެ ކުޅުމުގެ ފެންވަރު ދަނީ މަތިވަމުން: މަހޭޝް

about 1 hour 0

އިންޑިއާގެ ކޯޗު މަހޭޝް ގޯލީ: އޭނާ ވަނީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކުޅުމުގެ ފެންވަރު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައި،--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް،އެމްވީ


ސާފްގެ މުބާރާތްތަކުގެ ކުޅުމުގެ ފެންވަރު ދަނީ މަތިވަމުން: މަހޭޝް

about 1 hour 0

ސާފްގެ އުމުރުފުރާ މުބާރާްތަކުގެ ފެންވަރު މަތިވަމުން އަންނަކަން މިހާރު މާލޭގައި ކުރިއަށްދާ 20 އަހަރުން ދަށުގެ މުބާރާތުން ވެސް ފެނިގެންދާ ކަމަށް އިންޑިއާގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު މަހޭޝް ގޯލީ ބުނެފި އެވެ.

މި ފަހަރުގެ މުބާރާތުގައި އިންޑިއާ އިން ކުޅުނު ފުރަަތަމަ މެޗުން ޕާކިސްތާން އަތުން ވަނީ 3-0 އިން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި މިއަދު ހަވީރު، އިންޑިއާ އިން ބަންގްލަދޭޝާ ދެކޮޅަށް ކުޅޭނެ އެވެ. މި މެޗަށް ނުކުންނައިރު ވެސް މި ދެ ޓީމު އޮތީ ސެމީ ޔަގީންކޮށްފަ އެވެ. މި މެޗު މުހިންމު ވަނީ، ގްރޫޕްގެ އެއް ވަނަ ކަނޑައެޅުމަށެވެ. އެއްވަރުވެއްޖެނަމަ، އެއް ވަނަ ލިބޭނީ ލަނޑުގެ ތަފާތުން އިންޑިއާ އަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާގެ ކޯޗު މަހޭޝް، ފުރަތަމަ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، މުބާރާތުގެ ފެންވަރު މަތިވެފައިވާ ކަަމަށެވެ. އެހެންކަމުން، ވަކި އިންޑިއާ އަކީ ފޭވަރިޓުން ކަމަަށް ދެކިގެން އެޑްވާންޓޭޖެއް އޮތްކަމުގެ ވާހަކަ ދައްކަން މަހޭޝް ބޭނުމެއް ނުވި އެވެ.

"މުބާރާތުގެ ފެންވަރު މަތިވެއްޖެ، އަހަރެން ވަރަށް ގަޔާވެއްޖެ ރާއްޖޭގެ ޓީމު ފެނިފައި ވެސް، ހަމަ އެ ގޮތަށް ސްރީ ލަންކާ ވެސް، ނޭޕާލް ވެސް ބޫޓާން ވެސް. ހުރިހާ ޓީމެއް އެ ކުޅެނީ ރަނގަޅު ފުޓްބޯޅައެއް. އެހެންވެ، ފެންވަރު މި ދަނީ ފަހަަރަކަށް ވުރެން ފަހަރެއް މަތިވަމުން، މިއީ ވަރަށް ރަނގަޅު ކަމެއް ސާފަށް، މީގެ ކްރެޑިޓް ދޭން ޖެހެނީ ހުރިހާ ޓީމަކަށް، އެއީ ވަރަށް މަސައްކަތް ކުރެވިގެން، މި ދަނޑުގައި ރަނގަޅު ކުޅުމެއް ދެއްކޭނީ. އުނދަގޫވިޔަސް މި ދަނޑުގައި ވެސް އެކަން ހާސިލް އެބަކުރޭ،" މަހޭޝް ބުންޏެވެ.

ފުރަތަމަ މެޗުގައި ޕާކިސްތާނާ ދެކޮޅަށް ނަތީޖާ ނެރެވުނީ ކުޅުންތެރިން ވަރަށް ރަނގަޅަށް ކުޅެގެން ކަމަށާއި ހޫނު ގަދަ ދުވަހެއްގަައި ކުޅެން ޖެހުނުއިރު، ދަނޑުގެ ހާލަތު އޮތްގޮތުން ވެސް އުނދަގޫތަކެއް ދިމާވިކަން މަހޭޝް ފާހަަގަކުރި އެވެ.

"މަޑުމަޑުން އައިސް ދަނޑުގެ ހާލަތަށް ވެސް ހޭނި ދެ ވަނަ ހާފު ފެނުނީ ވަރަށް ރަނގަޅު ކުޅުމަކާ އެކު. ފުރަތަމަ ހާފުގެ 15-20 މިނިޓަށް އަހަރެމެން ރަނގަޅަށް ކުޅެ ގޯލެއް ޖެހުނު، އެކަމަކު، އޭގެ ފަހުން ޕާކިސްތާން ވަރަށް ރަނގަޅަށް ކުޅެ، އަހަރެމެންނަށް ގިނަ އުނދަގޫތަކެއް ކުރި. އެކަމަކު، އަހަރެމެން މެޗު ކޮންޓްރޯލް ކުރިން، ޑިފެންސް ފެނުނީ އޯގަނައިޒްކޮށް، ކީޕަރު ވެސް ރަނގަޅު ސޭވްތަކެއް ކުރި. އެހެންވެ، ދެ ވަނަ ހާފުގައި އިތުރު ދެ ގޯލު ޖަހައިގެން އަހަރެމެން މި މޮޅުވީ،" މަހޭޝް ބުންޏެވެ.

މެޗުގެ ކުރީ ދުވަހުގައި ދަތުރުކޮށްފައި އައިސް، މެޗު ކުޅެން ޖެހުމުން ބައެއް ކުޅުންތެރިންނަށް ޕާކިސްތާން މެޗުގައި އުނދަގޫތަކެއް ހުރި ކަން މަހޭޝް ފާހަގަކުރި އެވެ. އެކަމަކު، އޭނާ ބުނީ، ބަންގްލަދޭޝް މެޗުގައި އެ އަށް ހައްލެއް އައި ކަމުގައި ވިޔަސް، އެ ޓީމަކީ އިދިކޮޅަށްކުޅެން އުނދަގޫވާނެ ޓީމެއް ކަަމަށެވެ.

އިންޑިއާ އިން މިިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ބަންގްލަދޭޝް ބަލިކޮށްފަ އެވެ.