about 1 hour 0
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އުރްބާނީ ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
about 1 hour 0
ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް ގްރޫޕް ސްޓޭޖުން މުބާރާތް ނިމުނު ރާއްޖޭގެ ޓީމުގައި ހުނަރުހުރި ކުުޅުންތެރިން އެބަތިބިކަން ފެނިގެން ގޮސްފި ކަމަށާއި މި ކުޅުންތެރިންނަށް މެޗު ހޯދައިދޭން ދެ ވަނަ ޑިވިޝަނުގައި ކުޅުވުމަކީ ރަނގަޅު ބަދަލަކަށް ވާނެ ކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފި އެވެ.
ރާއްޖެ އަށް ސެމީގެ ކުޑަ ވެސް އުންމީދެއް އޮތީ އިއްޔެ ހަވީރު ކުޅުނު ގްރޫޕްގެ ފަހު މެޗުން ނޭޕާލް ބަލިކޮށްގެންނެވެ. ރާއްޖޭން ފުރަަތަމަ މެޗުގައި، ލަންކާ އަތުން 3-2 އިން ބަލިވިއިރު، ދެ ވަނަ މެޗުން ބޫޓާނާ އެއްވަރުވީ 0-0 އިންނެވެ. އަދި، އިއްޔެގެ މެޗުން ނޭޕާލް ކައިރިން އެއްވަރުވީ 1-1 އިންނެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ގައުމީ ސީނިއާ ޓީމުގެ ކޯޗު އަދި 20 އަހަރުން ދަށުގެ ކޯޗުކަން ވެސް ކުރަމުން އަންނަ އުރްބާނީ، މިއީ، ރާއްޖޭގައި މަސައްކަތްކުރާ ތިން ވަނަ ފަހަރެވެ. މުބާރާތުގެ ކުރިން ވެސް އުރްބާނީ ވަނީ މި މުބާރާތަކީ، އޭނާ އަށް ރާއްޖޭގެ ފުޓްބޯޅަ ވާދަވެރި މާހައުލެއްގައި ދެނެގަންނަން ލިބޭ ފުރުސަތެއް ކަމަށް ބުނެފަ އެވެ. އަދި، މި މުބާރާތުގެ ނަތީޖާ އަކީ އެންމެ މުހިންމު ކަމެއް ނޫން ނަމަވެސް މުހިންމީ މުސްތަގުބަލަށް ރާއްޖޭގެ ފުޓްބޯޅައިގައި ޓީމެއް ބިނާކުރުންކަން ފާހަގަކުރި އެވެ.
އިއްޔެގެ މެޗަށް ފަހު އުރްބާނީ ބުނީ، މުބާރާތުގެ ޗެމްޕިއަންކަން ހޯދަން އޭނާ ވެސް ބޭނުންވި ކަމަށާއި އެކަމަކު އިސްކަން ދިނީ ހަގީގަތާ ކުރިމަތިލައި ޓީމުގެ ހާލަތު ދެނެގަނެ، ކަންކަން ރަނގަޅުކުރަން ކުޅުންތެރިންނަށް ބޭނުންވާ ތަޖުރިބާ ހޯދައިދޭން ކަމަށެވެ.
"ގަބޫލުކުރޭ، އަހަރެން ވެސް މިއީ މި ޓީމުގެ ސަޕޯޓަރެއް، އަހަރެން ވެސް މޮޅުވާން ބޭނުން. އެކަމަކު، ހަގީގަތް ފެންނަން އޮއްވައި އެހެން ވާހަކައެއް ނުދެއްކޭނެ، މުބާރާތުގެ ގްރޫޕް ސްޓޭޖުން ނިމުނު ކަމުގައި ވިޔަސް، ޗެމްޕިއަންކަން ލިބުނު ކަމުގައި ވިޔަސް އަހަރެން ދައްކަން އޮތީ އެއް ވާހަކައެއް، މި ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށް ބޭނުންވާ ކަންކަން ކުރަންވި، މެޗު ކުޅުން އިތުރު ކުރަންވީ،" އުރްބާނީ ބުންޏެވެ.
އޭނާ ބުނީ، މެޗު ކުޅުވުމުގެ އެ ކަންކަމަށް ބަލައި، ކުރިއަށް އޮތް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި 20 އަހަރުން ދަށުގެ ޓީމު ކުުޅުވުމަކީ ރަނގަޅު ބަދަލަކަށް ވާނެ ކަމަށެވެ. އަދި، އޭގެ ސަބަބުން މެޗުގެ ހާލަތްތަކަށް ޓީމެއްގެ ގޮތުގައި ހޭނެން ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް 2015 ވަނަ އަހަރު ގެނައި، ނިއު ޒީލެންޑްގެ ރިކީ ހާބަޓް ވެސް ވަނީ، އުމުރުފުރާގެ ޓީމެއް ދެ ވަނަ ޑިިވިޝަނު ފުޓްބޯޅަ މުބާރާތުގައި ކުޅުވުމުގެ މުހިންމުކަމުގެ ވާހަކަ އެފްއޭއެމް އަށް ހިއްސާކޮށްފަ އެވެ. އޭނާ މަގާމުން ވަކިވެގެން ދިޔައިރު އެކަމެއް ނުވި އެވެ.
އޭގެ ފަހުން، އެފްއޭއެމް އިން ވަނީ، 2020 އާއި 2022 ވަނަ އަހަރު، 19 އަހަރުން ދަށުގެ ޓީމު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރުވައިފަ އެވެ. އެކަމަކު، އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަނުގެ ދެ މުބާރާތުގައި ވެސް އުމުރުފުރާ ގައުމީ ޓީމެއް ނުކުޅެ އެވެ. އެކި ސަބަބުތަކާ ހުރެ އެކަން ހުއްޓުނީ އެވެ.
އުރްބާނީ ވަނީ، 20 އަހަރުން ދަށުގެ ޓީމު ވެސް ދެ ވަނަ ޑިވިޝަނުގައި ކުޅުވުމުގައި ޗެލެންޖުތަކެއް ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ. އަދި، އޭގެ އެއް ސަބަބަކީ، 20 އަހަރުން ދަށުގެ ޓީމުގައި ތިބި ކްލަބްތަކުގެ ކުޅުންތެރިންނާ ގުޅޭ ކަންކަން އެ ކުޅުންތެރިން ނިސްބަތްވާ ކްލަބްތަކާ ވާހަކަ ދައްކައިގެން ހައްލު ހޯދުމުގަ އެވެ.
"މީގެ މުހިންމީ މި ޓީމު ޑިވެލޮޕްކުރަން އަހަރެމެން އެންމެން އެއް މިސްރާބެއްގައި ތިބުން، މިއީ އެންމެން އެކުގައި ތިބެގެން ކުރެވޭނެ ކަމެއް،" އުރްބާނީ ބުންޏެވެ.
ރޭ ބޫޓާނުން 1-0 އިން ސްރީ ލަންކާ ބަލިކުރުމާ އެކު، ރާއްޖޭން މުބާރާތް ނިންމާލީ ގްރޫޕް އޭގެ ފަހަތުންނެވެ. ނޭޕާލުން އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ބޫޓާނަށް ހަތަރު ޕޮއިންޓް، ތިން ވަނަ އަށް ދިޔަ ލަންކާ އަށް ތިން ޕޮއިންޓް އަދި ފަހަތުން ނިންމި ރާއްޖެ އަށް ލިބުނީ ދެ ޕޮއިންޓެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment