Advertisement

ދެ އިންތިހާބު އެއްކޮށްލައިފިނަމަ ރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރު ޖެހޭނީ ސުމަކުން ފަށަން: ޣާލިބު


ދެ އިންތިހާބު އެއްކޮށްލައިފިނަމަ ރާއްޖެ ޑިމޮކްރެސީއަށް ކުރި ދަތުރު ޖެހޭނީ ސުމަކުން ފަށަން: ޣާލިބު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް އާންމުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓު (ރެފެރެންޑަމް) ސަރުކާރުން ކާމިޔާބުކޮށްފިނަމަ، އެތައް ބަޔަކު ގުރުބާނީ ވެގެން ރާއްޖެއަށް ހޯދައިދިން ޑިމޮކްރަސީއަށް ކުރި ދަތުރު ސުމަކުން ފަށަން ޖެހޭނެ ކަމަށް މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ އަހުމަދު ޣާލިބު ވިދާޅުވެއްޖެ އެވެ.

އަދަދު ނޫހުން ގެނެސްދޭ ފެންނަ ނުފެންނަ ޕްރޮގްރާމުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވާ ޣާލިބު ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް ރެފެރެންޑަމް ވޯޓު ކާމިޔާބުވެއްޖެނަމަ ރާއްޖެއިން ޑިމޮކްރަސީއަށް ކުރި ދަތުރު އަލުން ފަށަން ޖެހޭނެ މަންޒަރު ސިފަވާ ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިފަހަރު ރައްޔިތުން ފެންނަ ނުފެންނަ ވޯޓުގައި މިސްޓޭކު ހަދާފައި މި ބާރު ސަރުކާރަށް ދޫކޮށްލައިފިއްޔާމުން އަޅުގަނޑަށް ހީވަނީ އަނެއްކާވެސް ދެން އެތައް ބަޔަކު ގުރުބާނީވެގެން މި ރާއްޖެއަށް ގެނައި ޑިމޮކްރަސީ އަލުން ސުމަކުން ފަށަންހެން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ރެފެރެންޑަމް ވޯޓަކީ ވަރަށް މުހިންމު ވޯޓެއްކަން ފާހަގަކުރައްވާ ޣާލިބު ވިދާޅުވީ އެ ވޯޓުގައި ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުން ގޮތް ނިންމައިފިނަމަ އެތައް ސަތޭކަ އަހަރެއް ފަހަތަށް ދާނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ރެފެރެންޑަމްގައި ރައްޔިތުން ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށެވެ.

ޣާލިބު ވިދާޅުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ވޯޓުލާން ލިބޭ ތިން ފުރުސަތު، ދެ ފުރުސަތަށް ބަދަލުކޮށްލުމަށްފަހު ފަހުން އެއް ފުރުސަތަށްވެސް ހަދާފާނެ ކަމަށެވެ. އޭގެއިތުރުން ފަހުން 20 އަހަރު ފަހުން ވޯޓުލާ ގޮތަށް ވެސް ސަރުކާރުން ބަދަލުކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ދެ އިންތިހާބު އެއްކޮށްލާ ވޯޓު ނެގުމުގެ މަސައްކަތް ފެށީވެސް ނުބައި ރޭވުމެއްގެ ތެރެއިން ކަމަށް ޣާލިބު ތުހުމަތު ކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ވޯޓުގައި މަޖިލީހުގެ ދައުރު ކުރު ކުރުމާ ގުޅޭގޮތުން އަހާއިރު، ދެން އަހާ ވޯޓުގައި ރިޔާސީ ދައުރަށް ބަދަލު ގެންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަންނަ އެޕްރީލް 4، ގައި ބާއްވާ ރެފެރެންޑަމް ވޯޓާއެކު ލޯކަލް ކައުންސިލް އިންތިހާބުވެސް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.