Advertisement

ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ "ލާސްޓް ލައިން އޮފް ޑިފެންސް" ފޫއަޅުވާލުން: އަލީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން. -- ފޮޓޯ: އަދަދު


ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ "ލާސްޓް ލައިން އޮފް ޑިފެންސް" ފޫއަޅުވާލުން: އަލީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކުވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް އޮތް ބާރު ކެނޑިގެންދާނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ކުރީގެ ދެ ބަންޑާރަ ނައިބުން ކަމުގައިވާ މަޝްހޫރު ގާނޫނީ ވަކީލް އައިޝަތު އާޒިމާ ޝަކޫރު އާއި އާއި ދިޔާނާ ސައީދު އުފައްދަވާފައިވާ ތިންކްޓޭންކު، މޯލްޑިވްސް ސެންޓަ ފޯ ޕޮލިސީ ސްޓަޑީޒް (ޕޮލިސީ އެމްވީ) ރޭ ބޭއްވި ޕެނަލަ ޑިސްކަޝަންގައި ގާނޫނުއަސާސީ އަށް ގެންނަ އަށް ވަނަ އިސްލާހުގައި ހުރި މައްސަލަތައް ފާހަގަ ކުރެއްވުމުގެ ގޮތުން އަލީ ވިދާޅުވީ މިފަދަ ބޮޑު ބަދަލެއް ގާނޫނުއަސާސީއަށް ގެނައީ އެކަށީގެންވާ ބަހުސެއް ނެތި، ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ވަރަށް އަވަސްއަރުވާލައިގެން ކަމަށެވެ. އެއްދުވަހު ހުށަހަޅައި، އޭގެ އަނެއް ދުވަހު މި އިސްލާހު ފާސްކުރުމަކީ އިޖުރާއީ ގޮތުންނާއި ދުސްތޫރީ ގޮތުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުންނާއި، ހުރިހާ ބަންޑާރަ ނައިބުން މިއަށް ތާއިދު ކުރެއްވިޔަސް، މިއީ ރަނގަޅު އިސްލާހެއްކަން ދަލީލުކޮށްދޭ ކަމެއް ނޫން،" މި އިސްލާހަށް ކުރީގެ ރައީސުން ތާއިދު ކުރައްވާފައިވާ ކަމަށް ދިޔާނާ ދެއްކެވި ވާހަކަ އަށް ރައްދު ދެއްވުމުގެ ގޮތުން އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީއަށް މި އިސްލާހު ގެނެސްފައިވަނީ ގަބޫލުކުރެވޭ ހަމަތަކާއި އުސޫލުތަކުގެ ބޭރުންނެވެ.

ޒިންމާދާރުކުރުވުމުގެ ނިޒާމު ފުނޑާލުން

މި ޕެނަލްގައި ދިޔާނާ ވިދާޅުވީ ވޭތުވެދިޔަ އިންތިހާބުތަކުގެ ނަތީޖާއަށް ބަލާއިރު، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ވަކި ޕާޓީއަކަށް ސުޕަ މެޖޯރިޓީ ނުލިބޭނެ މަޖިލީހެއް ހޮވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި ވާހަކަ އަށް އަލީ ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާއަކީ ގައުމު ހިންގުމަށްޓަކައި ރައްޔިތުން ހޮވާ އެންމެ މަތީ ވެރިޔާ ކަމަށާއި އަދި މަޖިލިސް މެންބަރުންނަކީ ރައީސްގެ މަސައްކަތްތައް ބަލައި ޒިންމާދާރުކުރުވަން ހޮވާ ބައެއް ކަމަށެވެ. ނަމަވެސް ދެ އިންތިހާބު އެއްކޮށްލުމުން މި ފަރަގު ގެއްލިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލިހުގެ މެންބަރުން އަތު ގުޅާލައިގެން އެކުއެކީގައި ކައިބޮއި ނިދާ އުޅެގެން ހޮވޭ އިންތިހާބެއްގައި، އެ މެންބަރުންނަކަށް އެނބުރިލާފައި ރައީސް ޒިންމާދާރު ކުރުވާކަށް ނުކެރޭނެ،" އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަކިވަކިން އިންތިހާބު ބާއްވާއިރު ވެސް މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށާއި، އެހެންކަމުން އެކުއެކީގައި ބާއްވާ އިންތިހާބަކުން އެކަން ކުރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ.

ރައްޔިތުންގެ "ބެކަޕް ސިސްޓަމް" އަށް އޮތް ނުރައްކަލެއް

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު އޭސީސީ އާއި ފުލުހުން ފަދަ މުއައްސަސާތައް އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާކަން ފާހަގަކުރައްވަމުން އަލީ ހުސައިން ވިދާޅުވީ، ވެރިކަން ކުރާ ފަރާތަށް މަޖިލިސް ލިބުމުން މުޅި ޖުޑިޝަރީ އޮންނަނީ "ހައިޖެކް" ވެފައެވެ. މިފަދަ ހާލަތެއްގައި ރައްޔިތުންނަށް އޮތް ހަމައެކަނި "ބެކަޕް ސިސްޓަމް" ނުވަތަ "ލާސްޓް ލައިން އޮފް ޑިފެންސް" އަކީ ވޯޓުލުން ކަމަށް އޭނާ ފަހަގަ ކުރެއްވި އެވެ.

"މިރާއްޖޭގެ ސިޔާސީ ހަގީގަތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހަކަށް ސަރުކާރެއް ޖަވާބުދާރީއެއް ނުކުރެވޭ. އޭސީސީއެއް ފަންކްޝަނެއް ނުކުރޭ. ޕޮލިހުންނެއް ވެސް އެކަށީގެންވާ ގޮތަށް އަދުލްއިންސާފު ހޯދައި ދިނުމަށްޓަކައި މަސައްކަތެއް ނުކުރެވޭ. މިހާރު މިއޮތް ސިސްޓަމްގެ ތެރެއިން އަޅުގަނޑުމެންނަށް އެބަ އެނގޭ،" އޭނާ ވިދާޅުވި އެވެ.

"ވެރިކަން ކުރާ ފަރާތަށް މަޖިލިސް ލިބުނީމަ މުޅި ޖުޑިޝަރީ އޮންނަނީ ހައިޖެކްވެ ނިމިފަކަން. އެހެންވެފައި އޮންނަ ތަނެއްގައި ހަމައެކަނި ދިވެހިރާއްޖޭގައި އޮތް ބެކަޕް ސިސްޓަމަކީ ދިވެހިރައްޔިތުން، ހަމައެކަނި ލާސްޓުލައިން އޮފް ޑިފެންސްއަކީ ދިވެހިރައްޔިތުން. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ރައްޔިތުންނަށް ފަސް އަހަރު ދުވަހުގެ ތެރޭގައި ވޯޓު ލާންހުރި ފުރުސަތުތައް ގިނަ ކުރަންވީ. މަދެއް ނޫން ކުރަންވީ ހަގީގަތުގައި."

ރިޔާސީ އިންތިހާބާއި ބަރުލަމާނީ ނިޒާމު އެއްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި "މި ދެ އިންތިހާބު އެއްކޮށްލުމަކީ ލާސްޓު ލައިން އޮފް ޑިފެންސް ފޫދުއްވާލުން، ފޫއަޅުވާލުން. އަޅުގަނޑުމެންގެ ބެކައަޕް ސިސްޓަމް އެއްކޮށް ފުނޑާލުން" ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބީ އިންސާފާއި ހަމަހަމަކަން ގެއްލުން

އަލީ ހުސައިން ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުން ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް 10-15 އިންސައްތައިގެ އެޑްވާންޓޭޖެއް ލިބޭނެ ކަމަށެވެ. މީގެ ސަބަބުން ރައްޔިތުންގެ ފުން ވިސްނުން ތިލަ ވިސްނުމަކަށް ބަދަލުވެ، ރައްޔިތުން "އަނދިރީގައި ތިބެގެން" ވޯޓުލުން ފަދަ ކަމަކަށް މިކަން ވެގެންދާނެ ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ރިޔާސީ އިންތިހާބަކީ ރައްޔިތުން ވަރަށް ފުންކޮށް ވިސްނާފައި ވޯޓުލާ އިންތިހާބެއް ކަމަށާއި، ދެ އިންތިހާބު އެއްކޮށްލުމަކީ ރައްޔިތުންގެ އެ ފުން ވިސްނުމަށް ހުރަސްއެޅި، ގައުމުގެ ބެކަޕް ސިސްޓަމް އެއްކޮށް ފުނޑާލުން ކަމަށެވެ.

އަލީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ ކުންފުނިތަކުގެ ސުޕަ ސީއީއޯ ކަމަށާއި ބާރާއި ނުފޫޒާއެކު ނުކުންނެވުމުން ކުރީގެ އިންތިހާބުތަކާ އެއްގޮތަށް 2028 ގެ ނަތީޖާ ނުކުންނާނެ ކަމަށް ބެލެވެން ނެތް ކަމަށެވެ.

މުއިއްޒަށް ދެ ވަނަ ދައުރެއް ލިބެން އޮތް މަގެއް؟

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަނީ ހަރަދު ކުޑަކުރުމަށް ނޫން ކަމަށާއި ހަރަދު ކުޑަކުރަންޏާ ކުރާނެ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއުޅެނީ ހަރަދު ކުޑަކުރާންހެނެއް. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މި އިސްލާހު ގެނައުމުގެ ހަމަ އެކަނި ބޭނުމަކީ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ފެނިވަޑައިގަންނަވަނީ އެ ބޭފުޅާއަށް ދެ ވަނަ ފަހަރަށް އިލެކްޓު ވެވޭނެ ހަމައެކަނި ޕޮސިބިލިޓީއަކީ މިއީ ކަމަށް،" އަލީ ވިދާޅުވި އެވެ.

"ދެން އެއާއެކީގައި އަންނަ އިސްލާހުތަކެއް އެއީ 65 އަހަރުން މަތީގެ ބޭފުޅުންނަށް ކުރިމަތި ނުލެވޭ ގޮތް ހެދުމާއި އަދި އެއްބުރުން ރިޔާސީ އިންތިހާބު ބޭއްވޭ ގޮތަށް ހެދުން. މި އިސްލާހުތަކުގެ ތަކުގެ ތެރެގައި ދެ ވަނަ ދައުރަކަށް ހޮވޭނެ ގޮތަކީ އެއީ ކަމަށް ވާތީ މިކަން މިކުރަނީ."