about 2 hours 0
ނޭޕާލްގެ އާ ބޮޑުވަޒީރު އުމުރުން 35 އަހަރު ބަލެންދުރަ ޝާހް (ބަލެން)
about 2 hours 0
ނޭޕާލުގެ އެއްބައިވަންތަކަމާ ގުޅޭ އާ ރެޕް ލަވައެއް އާންމުކުރެއްވުމަށްފަހު، އެ ގައުމުގެ އެންމެ ޒުވާން ބޮޑުވަޒީރު ބަލެންދުރަ ޝާހް (ބަލެން)، 35، ރަސްމީކޮށް މަގާމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޒުވާނުން ކުރި ވަރުގަދަ މުޒާހަރާއަށް ފަހު އޭރު އޮތް ސަރުކާރު ވެއްޓުމަށް ފަހު، ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބު ކުރެއްވީ ކުރިން ރެޕް މިއުޒިކް ކުޅުއްވި ބަލެންދުރަ ޝާހްއެވެ.
މިދިޔަ މާޗު މަހުގެ 5 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ބަލެންގެ ރާސްތުރިޔާ ސުވަތަންތުރަ ޕާޓީ (އާރްއެސްޕީ) އިން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 275 ގޮނޑީގެ ތެރެއިން 182 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ އެ ޕާޓީ އުފެދުނުތާ އެންމެ 3 އަހަރު ތެރޭގައި ހޯދި ބޮޑު ކާމިޔާބީއެކެވެ. މީގެ ކުރިން އެންމެ ބާރުގަދަ ނޭޕާލް ކޮންގްރެސް ޕާޓީއަށް ލިބުނީ އެންމެ 38 ގޮނޑިއެވެ.
ހުވާކުރުމުގެ އެއްދުވަސް ކުރިން ބަލެން ވަނީ "ޖޭ މަހަކާލީ"ގެ ނަމުގައި ރެޕް ލަވަޔެއް ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ. މި ލަވައިގައި އޭނާ ވަނީ ގައުމީ އެއްބައިވަންތަކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
"ނޭޕާލް މިފަހަރު ބިރެއް ނުގަންނާނެ، ހިތް އޮތީ ރަތް ލެއިން ފުރިފައި... މިފަހަރު ކޮންމެ ގެއަކަށްވެސް ހިނިތުންވުމާއި އުފާވެރިކަން ލިބޭނެ،" ބަލެންގެ ލަވައިގައި ބުނެފައިވެއެވެ.
ކުރިން ކަތުމަންޑޫގެ މޭޔަރުކަން ކުރެއްވި ބަލެން އަކީ ނޭޕާލުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ މަދޭޝީ (ނޭޕާލުގެ ދެކުނު ސަރަހައްދުގެ މީހެއް) އެވެ. ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ބަލެން ހުވާކުރެއްވީ އޭނާގެ އާންމު ސްޓައިލް ކަމަށްވާ ކަޅުކުލައިގެ ހެދުމާއި، ނޭޕާލީ ތޮފީ އަދި ކަޅު އައިނު އަޅުއްވައިގެން ހުންނަވައެވެ.
ކޮރަޕްޝަނާއި ވަޒީފާ ނެތުމުގެ މައްސަލައިގައި 30 މިލިއަން މީހުންގެ އާބާދީއެއް އޮތް ނޭޕާލުގައި އުފެދުނު ބޮޑު ހަލަބޮލިކަމަށްފަހު، ބަލެންގެ އަމާޒަކީ ގައުމަށް ސިޔާސީ ހަމަޖެހުން ގެނައުމެވެ. ނޭޕާލުގައި 1990 އިން ފެށިގެން 32 ސަރުކާރެއް ބަދަލުވެފައިވާއިރު، އެއްވެސް ސަރުކާރަކަށް 5 އަހަރުގެ ދައުރެއް ފުރިހަމަކުރެވިފައެއް ނުވެއެވެ.
Comment