Advertisement

އެޕްރީލް ހަތަރަކަށް ފަހު މި ގައުމުން ކަރަންޓު ކަނޑަން ފަށާނެ: ޣަފޫރު

ރޭ ބޭއްވި ޖަލްސާގައި ޣަފޫރު ވާހަކަ ދައްކަވަނީ. ތެލުގެ އަގު ބޮޑުކޮށްގެން ނުވާނެ ކަމަށް ވިދާޅުވި --- ފޮޓޯ: އެމްޑީޕީ


އެޕްރީލް ހަތަރަކަށް ފަހު މި ގައުމުން ކަރަންޓު ކަނޑަން ފަށާނެ: ޣަފޫރު

އެޕްރީލް ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަށް ފަހު ރާއްޖޭގެ ރަށްރަށުން ކަރަންޓު ކަނޑަން ފަށާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫއަށް ކެމްޕޭނަށް ވަޑައިގެން ރޭ ބޭއްވި "އުންމީދެއްގާ" ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވަނީ ސަރުކާރުން ތެޔޮ އަގުބޮޑުކުރި ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.

"އެޕްރީލް ހަތަރަކަށް ފަހު މި ގައުމުން ކަރަންޓު ކަނޑަން ފައްޓާނެ، ފައްޓާނެ، ޔަގީންކަމެއް އެއީ. ބަލަ އަޅުގަނޑުމެން ބަޖެޓުގައި ދެ ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮންނާނެ އިމަޖެންސީއަށް ކޮންޓިންޖެންސީ ބަޖެޓުގައި، އެވެސް ވަގަށް ނަގައި ކައި ހުސްކޮށްލައިފި،" ޣަފޫރު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްރަށުގައި ރައްޔިތުން 31ރ. އަށް ޕެޓްރޯލް ގަންނަމުންދާ ކަމަށާއި ނަމަވެސް އެއީ އެކަން ހިނގަންޖެހޭ ގޮތް ނޫން ކަމަށް ޣަފޫރު ވިދާޅުވި އެވެ. ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ހިމަނާފައިވަނީ އެފަދަ ކަންކަމަށް ހަރަދުކުރަން ކަމަށް ޣަފޫރު ވިދާޅުވި އެވެ.

"ގަނެފައި ތާނގީގައި ހުރި ޕެޓްރޯލްކޮޅު ވެސް ރައްޔިތުން އަތުން ލޭ ބޯހެން ލާރި ބޯލާފައި އެދަނީ. މި ގައުމަށް ވަންނަން އެ އަންނަ ޕެޓްރޯލް ވެސް އެސްޓީއޯގެ ތާނގީތަކުގައި ހުރި ޕެޓްރޯލަކީ ވެސް އަގުހެޔޮ ޕެޓްރޯލް. ނުޖެހޭނެ ރައްޔިތުންނަށް 30ރ. އަށް ލިޓަރެއް ވިއްކާކަށް،" 241 ކޮމިޓީގައި ވެސް ހިމެނޭ ޣަފޫރު ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޣަފޫރު ވަނީ އެ ރަށުން ވެސް ތެޔޮ ހުސްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ އަމިއްލައަށް އެ ތަންތަނަށް ގޮސް އެއްކުރި މައުލޫމާތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ.

އެއީ ޕެޓްރޯލް ލީޓަރަކުން 18 ޕަސެންޓު ބޮޑުވުމެކެވެ. އަދި ޑީސަލް ލީޓަރަކުން ގާތްގަނޑަކަށް 26 ޕަސެންޓު ބޮޑުވުމެކެވެ.

އެސްޓީއޯގެ ޝެޑުތަކުން މި އަގުގައި ޕެޓްރޯލާއި ޑީސަލް ވިއްކި ނަމަވެސް އެ ކުންފުނީގެ ބައުޒަރުތަކާއި ޕަމްޕު ސްޓޭޝަންތަކުން ވިއްކާ ތެލުގެ އަގު ވަނީ ވަރަށް ބޮޑުކޮށްފަ އެވެ. އެފްއެސްއެމްގެ ކަސްޓަމަރުންނަށް ޕެޓްރޯލް ލީޓަރެއްގެ އަގު 27.13ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. ޝެޑުތަކުން ވިއްކާ އަގަށްވުރެ ތެލުގެ ވަނީ 60 ޕަސެންޓުން ބޮޑުކޮށްފަ އެވެ.