Advertisement

ގ. ހިޔާ ރޯދީގައި ރޯވުމުގެ ކުޑަ އިރުކޮޅެއް ކުރިން އެގެއަށް ވަން މީހާ ހައްޔަރުކޮށްފި


ގ. ހިޔާ ރޯދީގައި ރޯވުމުގެ ކުޑަ އިރުކޮޅެއް ކުރިން އެގެއަށް ވަން މީހާ ހައްޔަރުކޮށްފި

ފަޅަށް އޮތް ގ. ހިޔާ ރޯދީގައި މިދިޔަ ބުދަ ދުވަހު ރޯވުމުގެ ހައެއްކަ މިނެޓު ކުރިން އެގެއަށް ވަން ކަމަށް ތުހުމަތު ކުރެވޭ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ސަހްބާން، 29، އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ބަންދުގެ މުއްދަތަށް ފަސް ދުވަސް ޖެހީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް އޭނާ ބުނެފައިވާތީ އެވެ.

އަދަދު އަށް ލިބިފައިވާ ވީޑިއޯއިން ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި އައި މީހަކު ވެހިކަލް ޕާކު ކުރުމަށްފަހު އެ ގެއަށް ވަންނަ މަންޒަރެވެ. އޭނާ ހުރީ ކަޅު އަވި އައިނެއް އަޅައިގެން ހުދާއި ކަޅު ކުލައިގެ ގަމީހެއް ލައިގެންނެވެ.

މި ނޫހާ ވާހަކަ ދައްކަމުން އެ ގޭގެ ވެރި ފަރާތް، އާދަމް ސަލީމް ބުނީ ހިޔާ ރޯދީގައި ރޯކޮށްލީ ކަމެއް ނުވަތަ ރޯވީކަމެއް ޔަގީންކަމާއެކު ބުނަން އޭނާއަށް ނޭނގޭ ކަމަށެވެ. ނަމަވެސް ހުޅު ހިފުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެ ގެއަށް މީހަކު ވަދެފައިވާތީީ ހާދިސާ ހިނގި ގޮތާމެދު ޝައްކުތަކެއް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

ޑެގު އަޅައިގެން ހަތަރު ބުރިއަށް ހަދާފައި ހުރި ހިޔާ ރޯދި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ގޭގެ ވެރި ފަރާތުން މައުލޫމާތު ދެ އެވެ. އެ ގޭގައި ބުދަ ދުވަހު ރޯވީ، ގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.

މާލޭގައި ފަޅަށް ހުންނަ ގެތަކުގައި ރޯވުމަކީ އާ ކަމެއް ނޫނެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ފަޅަށް ހުންނަ ގެތަކަށް ވަންނަ ކަމަށް ފާހަގަ ކުރެވެ އެވެ. އެމީހުން ސިނގިރޭޓު ބުއިމާއި އަލިފާން ގެންގުޅެންޖެހޭ އެހެން ކަންކަން ކުރުމުގެ ތެރޭގައި ބައެއް ތަންތަނުގައި ހުޅު ހިފާފައި އެބަހުއްޓެވެ.