about 2 hours 0
މުހައްމަދު ޝަހްޒާން
ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
about 2 hours 0
އެމެރިކާ އާއި އިޒްރޭލް އިސްވެ އޮވެ، އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސީދާ އަސަރު ދިވެހީންނަށް ކުރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ މަތިކޮށްފައިވާ ރައްޔިތުންގެ މަޖިލިސް އޮތީ ވާކޮށްފައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
އެކްސްގައި މީކާއިލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް ގަވާއިދުގެ ދަށުން ބާއްވަން ލާޒިމުކުރާ ޖަލްސާތައް ނުބާއްވައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން އުޅުއްވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ކަމަށެވެ.
"ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އާންމު ރައްޔިތުންނަށް ފޯރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލިސް ވާކޮށްލައި، ގަވާއިދުގެ ދަށުން ބާއްވަން ލާޒިމް ޖަލްސާތައް ނުބާއްވާ، ޕީއެންސީ އޮތީ ކެންޕޭނަށް ހުސްވެ،" މީކާއިލް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އެ ޕޯސްޓާއެކު މީކާއިލް ވަނީ ހަނގުރާމައާ ބެހޭ ސުވާލު ކުރުމަށް ޑިފެންސް މިނިސްޓަރު، މުހައްމަދު ގައްސާން މައުމޫން މަޖިލީހަށް ހާޒިރު ކޮށްދިނުމަށް އެދި މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله އަށް ނޯޓިސްއެއް ވެސް ފޮނުއްވައިފަ އެވެ.
އެ ނޯޓިހުގައި މީކާއިލް ސުވާލު ކުރައްވާފައި ވަނީ އިރާން ހަނގުރާމައިގެ ނުރައްކާ ދިވެހިރާއްޖެއަށް ކުރާ މިންވަރަށް ތައްޔާރުވުމުގެ ގޮތުން އަޅަނީ ކޮން ފިޔަވަޅެއްތޯ އެވެ.
އޭގެ އިތުރުން ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކޮށްގެން ޑިއޭގޯ ގާސިއާއަށް ހަމަލާއެއް ދިން ކަމަށް ތުހުމަތުކުރައްވައި މީކާއިލް ވަނީ އެފަދަ ކަމެއް ހިނގިކަން އެމްއެންޑީއެފްއަށް އެނގޭތޯ ސުވާލު ކުރައްވައިފަ އެވެ.
އަދި އެފަދަ ކަންކަމުން ދިމާވެދާނެ ނުރައްކަލަކުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހައިތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ވެސް މީކާއިލް ސުވާލު ކުރައްވާފައިވެ އެވެ.
ގައްސާންއާ ސުވާލު ކުރުމަށް މަޖިލީހަށް މީކާއިލް ނޯޓިސް ފޮނުވާފައިވާއިރު، އިރާނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އެ ހަނގުރާމަ ދިގުލައިގެން ދާނަމަ، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އެރުމުގެ ބިރު އޮތް ކަމަށް މާކެޓު ދިރާސާކުރާ އެނަލިސްޓުން ވަނީ ލަފާކޮށްފަ އެވެ.
ދުނިިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ދިޔުމާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ ވެސް ވަނީ ބޮޑުކޮށްފަ އެވެ. ޝެޑުތަކުން 13.50ރ. އަށް ވިއްކަމުންދިޔަ ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ.
އެއީ ޕެޓްރޯލް ލީޓަރަކުން 18 ޕަސެންޓު ބޮޑުވުމެކެވެ. އަދި ޑީސަލް ލީޓަރަކުން ގާތްގަނޑަކަށް 26 ޕަސެންޓު ބޮޑުވުމެކެވެ. އެސްޓީއޯގެ ޝެޑުތަކުން މި އަގުގައި ޕެޓްރޯލާއި ޑީސަލް ވިއްކި ނަމަވެސް އެ ކުންފުނީގެ ބައުޒަރުތަކާއި ޕަމްޕު ސްޓޭޝަންތަކުން ވިއްކާ ތެލުގެ އަގު ވަނީ ވަރަށް ބޮޑުކޮށްފަ އެވެ.
އެފްއެސްއެމްގެ ކަސްޓަމަރުންނަށް ޕެޓްރޯލް ލީޓަރެއްގެ އަގު 27.13ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. ޝެޑުތަކުން ވިއްކާ އަގަށްވުރެ ތެލުގެ ވަނީ 60 ޕަސެންޓުން ބޮޑުކޮށްފަ އެވެ.
މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެ ކުންފުންޏަށް މަސްކިރާ މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ 27.24ރ. އަށެވެ. އަދި އާންމު ފަރާތްތަކަށް ވިއްކަނީ 28.54ރ. އަށެވެ.
Comment