Advertisement

މޯދީއަށް މަލާމާތް ކުރީ ދިވެހި ގައުމުގެ ދިފާއުގައި ކަމަށް ޝިއުނާ ބުނެފި

ޕީއެންސީ އެކްޓިވިސްޓު، މަރިޔަމް ޝިއުނާ -- ފޮޓޯ: ސޯޝަލްމީޑިއާ


މޯދީއަށް މަލާމާތް ކުރީ ދިވެހި ގައުމުގެ ދިފާއުގައި ކަމަށް ޝިއުނާ ބުނެފި

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް މަލާމާތް ކުރީ ދިވެހި ގައުމުގެ ދިފާއުގައި ކަމަށް ޕީއެންސީގެ އެކްޓިވިސްޓު، މަރިޔަމް ޝިއުނާ ބުނެފި އެވެ.

ދިވެހިރާއްޖެއަށް އެތައް ގެއްލުމެއް ލިބުނު އެ އަމަލު ދިފާއުކޮށް ޝިއުނާ ވާހަކަދެއްކީ އޭނާ އެކްސްގައި ކުރި ޕޯސްޓަކަށް މީހަކު ކުރި ކޮމެންޓަކަށް ދިން ރައްދެއްގަ އެވެ.

މިދިޔަ ހުކުރު ދުވަހު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިދިކޮޅު އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ބޭއްވި މާހެފުމެއްގެ ފޮޓޯއާއެކު އެކްސްގައި ކުރި ޕޯސްޓެއްގައި ޝިއުނާ ސުވާލު އުފެއްދީ، އެއްވެސް ހުއްދައެއް ނެތި ހުޅުމާލޭގައި ބާބަކިއު ހެދުމުގެ ފުރުސަތު އެމްޑީޕީއަށް ލިބުނީ ކިހިނެއްތޯ އެވެ.

އެ ޕޯސްޓަށް އިމްތިޔާޒް ހަމްދީގެ ނަމުގައި އެކްސްގައި އެކައުންޓެއް ހިންގާ މީހަކު ކުރި ކޮމެންޓެއްގައި އެހީ ޑިޕްލޮމެޓުންނަށް ފުރައްސާރަކޮށް ދިވެހި ގައުމަށް ބިލިއަން ޑޮލަރުން ގެއްލުންދިނީ ކާކުގެ ހުއްދައެއް ލިބިގެންތޯ އެވެ.

އެ ކޮމެންޓަށް ރައްދު ދެމުން ޝިއުނާ ބުނީ އޭނާ ދިފާއު ކުރީ ގައުމު ކަމަށެވެ. އިތުރު ވާހަކައެއް ނެތް ކަމަށެވެ.

މޯދީއަށް ޝިއުނާ މަލާމާތް ކުރީ މަލިކު ހިމެނޭ، އިންޑިއާގެ ލަކްޝަދީޕްއަށް މޯދީ ޖެނުއަރީ 2، އަދި 3، 2024، ގައި މޯދީ ކުރެއްވި ޒިޔާރަތުގައި އެ ރަށްތަކުގެ ރީތިކަން ދައްކުވައިދޭ ވީޑިއޯ އަދި ފޮޓޯ ސޯޝަލްމީޑިއާގައި އާންމުކުރުމާ ގުޅިގެންނެވެ.

އެކްސްގައި މޯދީ ހިއްސާ ކުރެއްވި ވީޑިއޯއާއެކު އިންޑިއާގެ ޕޮލިޓިކަލް ކޮމެންޓްރީ ގެނެސްދޭ އެކައުންޓަކުން މޯދީގެ އެ ވީޑިއޯ ސިފަކޮށްފައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް އޮތް ހުރަހެއްގެ ގޮތުގަ އެވެ. އަދި, މިހާރު ރާއްޖޭގައި އޮތް ސަރުކާރަކީ "ޗައިނާގެ ޕަޕެޓް ސަރުކާރެއް" ކަމަށާއި އެ ވީޑިއޯގެ ސަބަބުން ލަކްޝްދީބަށް ޓޫރިސްޓުން އަންނަ ވަރު އިތުރުވާނެ ކަމަށް "މިސްޓާ ސިންހާ" ނަމަކަށް ކިޔާ އެކައުންޓުން ބުންޏެވެ.

އެ ޕޯސްޓަށް ރައްދުދީ އެކްސްގައި ވެރިފައިކޮށްފައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ އެކައުންޓުތައް މެދުވެރިކޮށް ބައެއް ބޭފުޅުން ވަނީ މޯދީއަށް މަލާމާތްކޮށް ހުތުރު ބަހުން މުހާތަބު ކުރި އެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިބި މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނެ އެވެ.

މިހާރު ޑިލީޓްކޮށްފައިވާ ޓްވީޓެއްގައި ޝިއުނާ ވަނީ މޯދީއަކީ "ޖޯކަރެއް" ކަމަށާއި "އިޒްރޭލުގެ ޕަޕެޓް" އެއް ކަމަށް ސިފަކޮށްފަ އެވެ.

އެ މައްސަލައިގައި ޝިއުނާ އާއި މަލްޝާ އަދި މަހުޒޫމް މާޖިދު ޔޫތު މިނިސްޓްރީން ސަސްޕެންޑު ކުރި އެވެ.

ނަމަވެސް، ސަސްޕެންޝަނުގައި ހުރި ދުވަސްވަރު އަނެއްކާ ވެސް އެ އަހަރުގެ އޭޕްރިލް މަހު އިންޑިއާގެ ދިދައަށް ޝިއުނާ ފުރައްސާރަ ކުރި އެވެ. އެ މައްސަލައިގައި ފާޑުކިޔުން އަމާޒުވުމުން ޝިއުނާ މާފަށް ވެސް އެދުނެވެ.

ޝިއުނާ، މަލްޝާ އަދި މަހުޒޫމް އިންޑިއާއަށް ފުރައްސާރަ ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން އިންތިހާއަށް ގޯސްވެ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރި އެވެ.

މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގައި ސަސްޕެންޝަނުގައި ތިބެގެން އެއްވެސް މަސައްކަތެއް ނުކޮށް، މަލްޝާ އާއި ޝިއުނާ އަށް މަސްދުވަސް ވަންދެން މުސާރަ ނެގި އެވެ. އެ މުއްދަތުގައި އެއިން ކޮންމެ މީހަކު މުސާރައިގެ ގޮތުގައި ޖުމްލަ 252،000ރ. ނެގި އެވެ.

ޝިއުނާ އާއި މަލްޝާ އިސްތިއުފާ ދިނީ ސެޕްޓެމްބަރު 10، 2024 ގަ އެވެ.

އޭގެ ފަހުން މަލްޝާއަށް ވަނީ އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމު ދީފަ އެވެ. އަދި، ޝިއުނާއަށް ވަނީ އެމްއޭސީއެލްގެ ވަޒީފާއެއް ދީފަ އެވެ.