Advertisement

އާސެނަލް ބަލިކޮށްލައި ސިޓީން ލީގު ކަޕްގެ ތަށި އުފުލާލައިފި

about 2 hours 0


އާސެނަލް ބަލިކޮށްލައި ސިޓީން ލީގު ކަޕްގެ ތަށި އުފުލާލައިފި

about 2 hours 0

ލަންޑަން (މާޗް 23) - އިނގިރޭސި ލީގު ކަޕްގެ ފައިނަލުގައި އާސެނަލް 2-0 އިން ބަލިކޮށްލައި، މެންޗެސްޓާ ސިޓީން ނުވަ ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ސިޓީގެ މި ކާމިޔާބާ އެކު، އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވެފައިވަނީ، ލީގު ކަޕް ޗެމްޕިއަންކަން ފަސް ފަހަރު ހޯދި ފުރަތަމަ ކޯޗަށެވެ. ސިޓީން ނުވަ ފަަހަރު ލީގު ކަޕް ޗެމްޕިއަންކަން ހޯދިއިރު، އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރި ލިވަޕޫލުން ވަނީ 10 ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލުގަައި ސިޓީން ދެ ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ސިޓީން ލީޑުނެގި ގޯލަކީ އާސެނަލްގެ ގޯލު ބެލެހެއްޓި ސްޕެއިންގެ ކީޕަރު، ކެޕާ އަރިއްޒަބަލާގާ ހެދި ގޯހަކުން ސިޓީން ޖެހި ލަނޑެކެވެ. އެ ގޮތުން، މެޗުގެ 60 ވަނަ މިނިޓްގައި، އޭރިއާތެރެއިން ރަޔާން ޗާކީ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ކީޕަރު ކެޕާ އަތުގައި ޖެހިފައި، ގޯލު ކުރިމައްޗަށް ވެއްޓުނު ބޯޅަ، ޒުވާން ފުލްބެކް، ނިކޯ އޯރައިލީ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

ސިޓީ އަށް ލީގު ކަޕް ފައިނަލުގައި ދެ ލަނޑު ޖަހައިދިން 21 އަހަރުގެ ފުލްބެކް، ނިކޯ އޯރައިލީ.


ފުރަތަމަ ލަނޑު ޖެހިތާ ތިން މިނިޓް ފަހުން، އޯރައިލީ ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، މަޓެއުސް ނޫނޭޒް ނެގި ހުރަހަކުން އެރިއާތެރެއިން ބޮލުން ގޯލަށް ފޮނުވާލައިގެން، އޯރައިލީ ޖެހި ގޯލެކެވެ.

ސިޓީގެ ގޯލުގައި ޖޭމްސް ޓްރަފޯޑް ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި، އާސެނަލަށް ލަނޑެއް ޖަހައިދޭން ގަބްރިއެލް ޖީސޫސް ބޮލުން ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް ހަތަރު ތަށި ހޯދުމުގެ ދޮރު ބަންދުވި ނަމަވެސް، އަދިވެސް އެ ޓީމަށް ތިން ތަށްޓާ އެކު، ސީޒަން ނިންމާލުމުގެ ފުރުސަތު އެބައޮތެވެ. އެ ގޮތުން، އެ ޓީމު އޮތީ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގަ އެވެ.

އާސެނަލްގެ ކޯޗު، މިކޭލް އާޓެޓާގެ ކެރިއަރުގައި، ފުރަތަމަ ފަހަރަށް ވެމްބްލީގައި މެޗަކުން ބަލިވިއިރު، 2020 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފަހުން ތަށްޓެއް ހޯދަން އާސެނަލުން ކުރާ މަސައްކަތް ވަނީ ދިގުލައިފަ އެވެ. އާސެނަލުން ދެ ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 1993 ވަނަ އަހަރު އެވެ.