Advertisement

އާސެނަލް ކުއާޓާ އަށް، ސްޕޯޓިން އަތްދަށުވެ ބޯޑޯގެ ހުވަފެނީ ދަތުރު ނިމުމަކަށް

about 2 hours 0


އާސެނަލް ކުއާޓާ އަށް، ސްޕޯޓިން އަތްދަށުވެ ބޯޑޯގެ ހުވަފެނީ ދަތުރު ނިމުމަކަށް

about 2 hours 0

ލަންޑަން (މާޗް 18) - ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި، 2-0 އިން ބަޔާ ލެވަކޫސަން ބަލިކޮށް އާސެނަލުން މުބާރާުތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، މި ފަހަރުގެ މުބާރާތުގައި ހައިރާންކުރަނިވި ނަތީޖާތަކެއް ނެރުނު، ނޯވޭގެ ބޯޑޯ/ގިލްމްޓް ދެ ވަނަ ލެގުގައި 5-0 އިން ސްޕޯޓިން ލިޒްބަން އަތުން ބަލިވެ ކަޓައިފި އެވެ.

ތިރީސް ހަ އަހަރަށް ފަހު ޔޫރަޕްގެ ކްލަބް މުބާރާތެއްގެ ނޮކައުޓްގައި ފެނިގެންދާ ނޯވޭގެ ފުރަތަމަ ކްލަބް، ބޯޑޯ/ގިލްމްޓުން ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ފަސް މެޗުން މޮޅުވެފަ އެވެ. އެއީ، ލީގު ބުރުގައި، މެންޗެސްޓާ ސިޓީ، އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވުމުގެ އިތުރުން، ނޮކައުޓް ޕްލޭއޮފްގެ ދެ ލެގުގައި އިންޓަ މިލާން އަތުންނާއި ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި 3-0 އިން ސްޕޯޓިން އަތުންނެވެ.

އެކަމަކު، ރޭ ދެ ވަނަ ލެގުގައި ސްޕޯޓިން ދަނޑުގައި މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، 3-0 އިން ސްޕޯޓިން މޮޅުވެ، އެގްރިގޭޓުން އެއްވަރުކޮށް، އިތުރު ވަގުތުގެ ދެ ހާފުގެ ތެރޭ ދެ ލަނޑު ޖަހައިގެން، ނަތީޖާ އަނބުރާލައި ކުއާޓާ ފައިނަލަށް ދިޔައީ އެވެ.


ސްޕޯޓިން އަށް ރޭގެ މެޗުގެ ފުރިހަަމަ ވަގުތުގައި ލަނޑުތައް ޖަހައިިދިނީ، ގޮންޒާލޯ އިނާޝިއޯ، ޕެޑްރޯ ގޮންކާލްވޭސް އަދި ލުއިސް ސުއަރޭޒް ޕެނަލްޓީ އަކުންނެވެ. އިތުރު ވަގުތުގެ ދެ ހާފުގައި އެ ޓީމުގެ ލަނޑުތައް ޖެހީ، މެކްސީ އަރައުޖޯ އާއި ރަަފައެލް ނެލް އެވެ.

ފުރަަތަމަ ލެގުގައި ލެވަކޫސަން ދަނޑުގައި 1-1 އިން އެއްވަރުވެފައި އޮތުމުން، އާސެނަލް ދަނޑުގައި ރޭ ކުޅުނު މެޗުން ކޮންމެ ޓީމެއް މޮޅުވި ކަމުގައި ވިޔަސް ގަދަ އަށް ޓީމު ވާދަކުރާ ކުއާޓާ ފައިނަލުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އާސެނަލުން ރޭގެ މެޗު ކާމިޔާބުކުރީ ކޮންމެ ހާފެއްގައި ލަނޑެއް ޖަހައިގެންނެވެ.

އެ ގޮތުން، ފުރަތަމަ ހާފުގައި އާސެނަލަށް ލީޑުނަގައިދިނީ، އެބެރެޗީ އެޒޭ ޖެހި ހިތްގައިމު ގޯލުންނެވެ. ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު، އޭރިއާބޭރުން އެޒޭ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ދެ ވަނަ ހާފުގައި، އާސެނަލްގެ ދެ ވަނަ ލަނޑު ޖެހީ ޑެކްލަން ރައިސް އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ކުއާޓާ ފައިނަލުގައި އާސެނަލުން ކުޅޭނީ ސްޕޯޓިންއާ އެވެ.