Advertisement

ފުވައްމުލަކުން ކަރަންޓު ކެނޑޭތީ ފެނަކައާ ބައްދަލުކުރަން ކައުންސިލުން އެދުމުން އެ ފުރުސަތެއް ނުދިން


ފުވައްމުލަކުން ކަރަންޓު ކެނޑޭތީ ފެނަކައާ ބައްދަލުކުރަން ކައުންސިލުން އެދުމުން އެ ފުރުސަތެއް ނުދިން

ފުވައްމުލައް ސިޓީ އިން ކަރަންޓު ކެނޑޭ މައްސަލައިގައި އެ ސިޓީގެ ކައުންސިލުން ފުވައްމުލަކު ފެނަކަ އޮފީހާ ބައްދަލުކުރަން އެދުމުން އެ ފުރުސަތު ދިނުމަށް އެ ކުންފުނިން ދެކޮޅު ހަދައިފި އެވެ.

ފުވައްމުލަކުގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ ފުވައްމުލަކުގެ އިންޖީނުތައް އޯވާލޯޑުވެ ކަރަންޓު ކެނޑޭތީ އެކަމާ ގުޅިގެން ފުވައްމުލަކުގެ ފެނަކަ ބްރާންޗާ ބައްދަލުކުރަން އެދުމުން ފުރުސަތު ނުދިނީ ބައްދަލުކުރާނެ ހާލަތެއް ނެތް ކަމަށް ބުނެ މާލޭގައި ހުންނަ ފެނަކައިގެ ހެޑް އޮފީހުން ކަމަށެވެ.

"ފުވައްމުލައް އޮފީހުން ބުނީ ބައްދަލު ކުރެވޭނީ މާލޭ އޮފީހުން އެކަމަށް ރުހުން ލިބިގެންކަމަށް. މާލޭ އޮފީހުގެ ވެރިއަކަށް ކައުންސިލުން ގުޅުމުން ވިދާޅުވީ ކައުންސިލާ ބައްދަލުކުރަންޖެހޭފަދަ ހާލަތެއް ނެތް ކަމަށް،" މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ފުވައްމުލަކުގެ ފެނަކަ އޮފީހާ ބައްދަލުކުރަން އިއްޔެ އެދުނީ ކަރަންޓުގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ހޯދައި އިންޖީނު އޯވާލޯޑު ކުޑަކުރަން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

ކައުންސިލާ ބައްދަލުކުރާފަދަ ހާލަތެއް ނެތް ކަމަށް ފެނަކަ ހެޑް އޮފީހުން ބުނި ނަމަވެސް މޭޔަރު ވިދާޅުވީ، ރަށުން ކަރަންޓުކެނޑި ރައްޔިތުންނަށް އުނދަގުލާއި ގެއްލުންތައް ކުރިމަތިވުމަކީ ކައުންސިލާ ބައްދަލުކުރަން އޮތް ހާލަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ފުވައްމުލަކު ކަރަންޓު ހިދުމަތާއި ގުޅޭގޮތުން ރައީސް މުހައްމަދު މުއިއްޒު އެންމެފަހުން ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ރޯދަމަސް ފެށެންވާއިރަށް އިތުރު އިންޖީނެއް ބެހެއްޓޭނެކަމުގެ ޔަގީންކަން ދެއްވި ނަމަވެސް، ވައުދުވި ގޮތަށް އިތުރު އިންޖީނެއް ނުބަހައްޓާކަން މޭޔަރު ފާހަގަކުރެއްވި އެވެ.