ފެނަކައިގެ މެނޭޖަރު ނަޖާހާއި ޑެފިނިޓް ސޮލިއުޝަންގެ އަބްދުﷲ ސައީދު: ފެނަކައިން އެ ކުންފުންޏަށް ދިނީ 31 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް --- ފޮޓޯ: ފެނަކަ
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރަން އެ ސިޓީ ހިތަދޫގައި ގާއިމުކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓު ހަވާލުކުރި ޑެފިނިޓް ސޮލިއުޝަންސްއަކީ ވެބްސައިޓެއްހާ ހިސާބު ވެސް ނެތް ކުންފުންޏެއް ކަން އެނގިއްޖެ އެވެ.
އަދަދު ނޫހުން މި ކުންފުންޏާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ފެށީ 31 މިލިއަން ޑޮލަރުގެ އަގުބޮޑު ޕްރޮޖެކްޓެއް މި ކުންފުންޏާ ހަވާލުކުރުމުން، އެއީ އެ ވަރުގެ މަސައްކަތެއް ކުރެވޭ ވަރުގެ ގާބިލު ކުންފުންޏެއްތޯ ވަޒަން ކުރުމުގެ ގޮތުންނެވެ.
ފެނަކައާ ހަވާލާދީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދުބާއީގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑެފިނިޓް ސޮލިއުޝަންސްއަކީ، ދުބާއީގެ އިތުރުން މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ޕަވާ ސްޓޭޝަންތަކުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާ އަދި ހިންގަމުންގެންދާ، ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ.
ޑެފިނިޓް ސޮލިއުޝަންސްއިން ކުރި މަސައްކަތެއް ހޯދުމުގެ ގޮތުން އަދަދު އިން ވާނީ ޑެފިނިޓް ސޮލިއުޝަންސް އާއި ޕަވާ ޕްލާންޓް އާއި އިންޖިނިއަރިން އާއި ދުބާއި އާއި އެ ކުންފުނީގެ ފައުންޑާ އަދި ސީއީއޯ ކަމުގައި ބުނާ އަބްދުﷲ ސައީދު ކީވޯޑުތަކުގެ ގޮތުގައި ބޭނުންކޮށްގެން މައުލޫމާތު ހޯދަން މަސައްކަތްކޮށްފަ އެވެ.
ނަމަވެސް އެ ކުންފުނިން ކޮށްފައިވާ އެއްވެސް މަސައްކަތަކާ ގުޅޭ ލިޔުމެއް ނޫނީ ފޮޓޮއެއް ނޫނީ ސޯޝަލް މީޑިއާ ޕޯސްޓެއްހާ ހިސާބު ވެސް ނުފެނެ އެވެ.
ބައެއް ކުންފުނިތަކަކީ އިންޓަނެޓުގައި ފެންނަން ނެތަސް މަސައްކަތް ކުރާ ކުންފުނިތައް ކަމުން މި ކުންފުނި ހޮވި ގޮތެއް ސާފުކުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހަށް ވެސް މި ނޫހުން ގުޅީމެވެ. ނަމަވެސް އޭނާ ފޯނަކަށް ޖަވާބެއް ނުދެއްވަ އެވެ. ފެނަކައިގެ އެއްވެސް އޮފިޝަލަކު ފޯނަށް ޖަވާބު ނުދޭތީ މި ކަމާ ގުޅިގެން އެ ކުންފުނީގެ ބަހެއް ނުލިބުނެވެ.
އަދަދު އަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮތުގައި މި ކުންފުންޏަކީ ދުބާއީގެ މޭދާން ފްރީ ޒޯނުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ އެޑްރެހަކީ މޭދަންގެ "ފައުރީ" (ވަގުތުން ކުންފުނިތައް ރަޖިސްޓްރީ ކުރުމުގެ) ހިދުމަތް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރާ ހުރިހާ ކުންފުންޏަކުން ބޭނުންކުރާ ދަ ގްރޭންޑް މޭދާން ހޮޓެލްގެ އެޑްރެހެވެ.
ޑެފިނިޓް ސޮލިއުޝަންސް ރަޖިސްޓްރީކޮށްފައިވާ ތާރީހެއް ނޭނގެ އެވެ. ނަމަވެސް މިހާރު ވެސް އެކްޓިވް ވިޔަފާރި ލައިސަންސެއް މި ކުންފުނީގައި އެބައޮތެވެ. މި ކުންފުންޏާ މުއާމަލާތް ކުރާނެ އީމެއިލް އެޑްރެެސްއެއް ފޯނު ނަމްބަރެއް ނޫނީ މި ކުންފުނީގެ ވެރިމީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ނުލިބުނެވެ.
Comment