Advertisement

ހިނގަމުން މިދާ ހަނގުރާމައިގެ ތެރޭގައި އީދުގެ އުފަލަށް ހޭދަކުރުން

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ކޮންމެ އީދެއްގައި ބޮޑު ހަރަދުކޮށްގެން ރަށްތައް ކުލަބޮކިން ދިއްލަން ވަނީ ފަށާފައި. -- ފޮޓޯ: ރައީސް އޮފީސް


ހިނގަމުން މިދާ ހަނގުރާމައިގެ ތެރޭގައި އީދުގެ އުފަލަށް ހޭދަކުރުން

'އަދަދު' ނޫހުގެ އެންމެހައި ކިޔުންތެރިންނަށް ކުޑަ އީދުގެ ތަހުނިޔާ ކިޔަމެވެ.

ފިތުރު އީދުގައި މުސްލިމުން މި ފާހަގަކުރަނީ އެއް މަސް ދުވަހުގެ ނަފްސާނީ ތަރުބިއްޔަތާއި، އަޅުކަމުގެ ވަރުބަލިކަމާއި އެ މައްސަރުން ނަފުސު ހޭނުވި ހެޔޮގޮތުގެ އުފާވެރިކަމެވެ. މިއީ އާއިލީ އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކުރުމުގެ މުނާސަބަތެކެވެ. އީދުން ރަމްޒުކޮށްދެނީ ގުރުބާނީއާއި ރޫހާނީ ކަންކަމާއި އުފާފާޅުކުރުމުގެ މެދުގައިވާ ހަމަހަމަކަމެވެ. ނަމަވެސް، މިއަހަރުގެ އީދު ކުރިމަތިވާއިރު، މި ދެންނެވި ހަމަޖެހުމަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އަރާފައިވާކަމުގެ އިހުސާސު ނުވޭތޯ އެވެ.

ދިވެހިން އީދަށް ތައްޔާރުވަމުންދަނީ އާދައިގެ މަތިން އައު ފޭރާން ގަނެ، ކެއުންބުއިންތައް ރާވައި، ދަތުރުފަތުރުގެ ކަންކަން ވެސް އިންތިޒާމު ކުރަމުންނެވެ. އެހެންނަމަވެސް، ދުނިޔޭގެ މަސްރަހަށް ބަލާއިރު މިއީ އާދައިގެ ވަގުތެއް ނޫނެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ ބާޒާރަށް ވަނީ ނުތަނަވަސްކަން ވެރިވެފަ އެވެ. މީގެ އަސަރު މިހާރު ވެސް ދިވެހިރާއްޖެއަށް ކޮށްފި އެވެ. ތެލުގެ އަގު އުފުލުމާއެކު ދިރިއުޅުމުގެ އަގުވަނީ އިންތިހާއަށް އުފުލިފަ އެވެ. ދިވެހިރާއްޖެ ފަދަ، އިމްޕޯޓަށް ބަރޯސާވާ ގައުމެއްގައި، މިފަދަ ބަދަލުތަކުގެ އަސަރު ވަރަށް އަވަހަށް އަދި ވަރަށް ބޮޑަށް ފެންނަން ފަށާނެ އެވެ.

މިކަންކަމުގެ ސަބަބުން މިއަހަރުގެ އީދު ތަފާތު ވެ އެވެ. ދިވެހިރާއްޖެ ސީދާ އެ ހަމަނުޖެހުންތަކުގައި ބައިވެރިނުވި ކަމުގައިވިޔަސް، އޭގެ ނަތީޖާތަކާ އަޅުގަނޑުމެން ވަނީ ގުޅިލާމެހިފަ އެވެ. ތެލުގެ އަގު އުފުލުމުން އޭގެ އަސަރު ކުރާނީ ހަމައެކަނި ދަތުރުފަތުރަކަށް ނޫނެވެ. އެއީ މުޅި އިގްތިސާދަށް ފެތުރިގެންދާނޭ އަސަރެކެވެ. މަސްވެރިކަމާއި، ކާބޯތަކެތި އެތެރެކުރުމާއި، ކަރަންޓު އުފެއްދުމާއި، އަސާސީ މުދަލުގެ އަގަށް ވެސް އޭގެ އަސަރު ކުރެ އެވެ. ދުރު ހިސާބެއްގައި ހިނގާ ސިޔާސީ ހަމަނުޖެހުމެއް، ކޮންމެ ގެއެއްގެ ބަދިގެއާ ހަމައަށް ފޯރަނީ މިހެންނެވެ. މަޑުމަޑުން، އެހެންނަމަވެސް ގެއްލުން ބޮޑު ގޮތެއްގަ އެވެ. މިހާރު މި ހިނގަމުންދާ ހަނގުރާމަ އަޅުގަނޑުމެންގެ ބޯޑަރުތަކާ ހަމައަށް ނައި ނަމަވެސް، ބާޒާރުގެ އަގުތަކާއި މުދާ ލިބޭ މަގުތަކުން އެ ހަނގުރާމައިން އަޅުގަނޑުމެންގެ ދިރިއުޅުމަށް ނުފޫޒު ފޯރުވަ އެވެ.

މިކަންކަން މިމަގުން ހުރިކަމުގައިވީނަމަވެސް، އިސްލާމް ދީނުގެ މުގައްދަސް އިހުތިފާލެއްގެ އުފާ ފާޅުކުރުމަކީ އަޅުގަނޑުމެން ކުރަންވާނެ ކަމެކެވެ. އެހެންނަމަވެސް، އެކަން ކުރާނީ ކޮން ގޮތަކަށްތޯ އެއީ ދުނިޔޭގެ މަސްރަހަށް ނަރަޒު ހިންގުމާއެކު އަލުން ވިސްނާލުން ރަނގަޅުކަމެކެވެ.

ތާރީހަށް ބަލާއިރު އިސްލާމީ ބޮޑެތި ވެރިކަންތަކުގައި އީދު ފާހަގަކޮށްފައިވަނީ ވަރަށް ކުލަގަދަކޮށް، މުއްސަނދިކަން ދައްކާލަމުންނެވެ. އައްބާސީ ވެރިކަމުގައި ވެރިން އާންމު ޖާފަތްތައް ބާއްވައި، ރައްޔިތުންނަށް ފައިސާ ބަހައި، ވެރިންގެ ބާރާއި ދައުލަތުގެ ގާބިލިއްޔަތުކަން ދައްކުވައިދިނުމަށް އީދުގެ އިހުތިފާލު ބޭނުންކުރެއްވި އެވެ. ހަމައެފަދައިން، ފާތިމީ ދައުލަތުގެ ދުވަސްވަރު ގާހިރާގައި އީދު ފާހަގަކުރުމަކީ ދައުލަތުގެ ވަރުގަދަކަން ދައްކުވައިދިނުމަށް ކޮންމެހެން ކުރުން ލާޒިމުވެފައި އޮތް ކަމެކެވެ. ތާރީހު އިލްމުވެރިޔާ ޕައުލާ ސޭންޑާސް ވިދާޅުވާ ގޮތުގައި، މިފަދަ އީދުތަކަކީ ހަމައެކަނި ސަގާފީ ކަމެއް ނޫނެވެ. އެއީ ސިޔާސީ ބާރުވެރިކަން ދައްކާލުމަށް އެ ދައުލަތްތަކުން ބޭނުންކުރި ވަސީލަތެކެވެ. މުގަލް ވެރިކަމުގައި އަކްބަރު ރަސްގެފާނާއި ޖަހާންގީރު ރަސްގެފާނު ވެސް މި އާދަކާދަ ދެމެހެއްޓެވި އެވެ. މުގަލުންގެ ވެރިކަމުގެ ހަމަޖެހުން ބިނާވެފައި އޮތީ ވެސް ރައްޔިތުންނަށް ވެރިންގެ 'ދީލަތިކަން' ދެއްކުމުގެ މައްޗަށެވެ.

މި ފާހަގަކުރި ޒަމާންތަކުގައި އިސްރާފު ބޮޑުކޮށް އީދު ފާހަގަކުރި ވެރިން އެ ހަރަދުކުރިއިރު، އެ ދައުލަތްތަކަށް މާލީ ގޮތުން ނުތަނަވަސްކަމެއް ކުރިމަތިވެފައެއް ނެތެވެ. އެ ވެރިކަންތަކުން އެ ހަރަދުތައް ކުރުމުގެ ބޭނުމަކީ އެ ދައުލަތުގައި މުއްސަނދިކަމާއި، ބާރާއި، ކަންކަން ކޮންޓްރޯލް ކުރުމުގެ ގާބިލިއްޔަތުކަން ހުރިކަން ދެއްކުމެވެ. އެއީ ރޭވުންތެރިކަމާއެކު ކުރެވުނު ކަންކަމެވެ.

އެ ދައުލަތްތަކާ އަޅައިބަލާއިރު އަޅުގަނޑުމެންގެ ރާއްޖެ ހާސްބައި ތަފާތެވެ. އަމިއްލަ ގައުމަށްވީތީ އަޅުގަނޑުމެން ކިތަންމެ ފަހުރުވެރިވެފައި ވާހަކަ ދެއްކި ކަމުގައިވީނަމަވެސް ހަގީގަތާ ކުރިމަތިލާށެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ނިކަމެތި ގައުމެކެވެ. އަމިއްލަ އުފެއްދުންތެރިކަމެއް ނެތް، ދުނިޔޭގެ އެހެން ގައުމުތަކުގެ މައްޗަށް ބާރެއް ހޯދޭނޭ ހާއްސަކަމެއް ވެސް ނެތް ގައުމެކެވެ. ދުނިޔޭގެ މަސްރަހުގައި އަޅުގަނޑުމެން ގެންގުޅުނު އެންމެ ވަރުގަދަ ހަތިޔާރަކީ ޑިޕްލޮމަސީ އެވެ. މިހާރުގެ ސަރުކާރުން އެއީ ކުޅޭކުޅޭ އެއްޗަކަށް ހަދާފައިވާތީ ރާއްޖެ މިއޮތީ އިތުރަށް ނިކަމެތިވެފަ އެވެ.

އަޅުގަނޑުމެންގެ ހާލަތު މިހެން އޮތްއިރު، ދިވެހި އިގުތިސާދަށް ހުރި ނުރައްކަލުގެ ވާހަކަ ދިވެހި ސަރުކާރަކުން ނުދައްކަ އެވެ. ރައްޔިތުން ހަރަދު ކުޑަކުރަންޖެހޭ ކަމުގެ އިލްތިމާސެއް ވެސް ނުކުރެ އެވެ. އެކަހަލަ ވާހަކައެއް ދައްކާން ނުކެރެނީ ސަރުކާރުގެ ހަރަދުތައް އިންތިހާގައި ހުރީތީ ގަންނާކުރައްވާ ލަދުން ތޯއްޗެކެވެ. އިންތިހާބާ ދިމާކޮށް ދައުލަތުގެ ކުންފުނިތަކަށް އަލަށް އެ ނަގާހާ މުވައްޒަފުންނާއި، ރައީސުލްޖުމްހޫރިއްޔާ ރުހިވަޑައިގަންނަވާ ބޭފުޅުންނަށާއި ހިތާވާ ކުދިންނަށް އުޖޫރައިގެ އިތުރުން ގަނޑުވަރުން ދެއްވާ މަހުއެތިކޮޅުގެ ހަބަރު ރައްޔިތުންނަށް އޮތީ ވެފަ އެވެ. މިކަހަލަ ކަންކަން މިހެން ހުރީތީ، ރައްޔިތަކު ގާތު ހަރަދުކުޑަކުރަން ބުނާނޭ ހިތްވަރު ވެސް މި ސަރުކާރުގެ ނެތީ އެވެ.

ހަގީގަތް ހާމަކުރުމުގެ ބަދަލުގައި ސަރުކާރުން އަދިވެސް އޮޅުވާލަނީ އެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތައް އެކި ކުލަކުލައިން ދިއްލުމަށާއި ކުޅިވަރު މަޖަލަށް ދައުލަތުން ބޮޑު ހޭދައެއް މިކުރަނީ ދައުލަތުގެ މާލީ ގާބިލުކަމާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށެވެ. ބޯމަތިވެފައި އޮތް އިންތިހާބަށް ފަހު އަސްލު މަންޒަރު ފެންނަން ފަށާފާނެ ތޯއްޗެކެވެ. އެކަމަކު އޭރަށް އޮންނާނީ ލައްކަތަނުން ލަސްވެފައި ނޫންތޯ އެވެ. އަޅުގަނޑުގެ އިލްތިމާސަކީ، ރާއްޖޭގައި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދެވޭނޭ ސަރުކާރެއް ނެތްކަމަށް ދެކިގެން، ކޮންމެ ރައްޔިތަކު ވެސް ބުއްދިވެރިކަމާއެކު ހަރަދު ކުރަމުން ގެންދިއުމެވެ. މި އީދުގެ އުފާ ފާޅުކުރުމުގައި ވެސް ގެންގުޅެންވީ މި ހަމަ އެވެ. ހުރިހައި ރައްޔިތުންނަށް އަދިވެސް އެއްފަހަރު އީދުގެ ތަހުނިޔާ ދަންނަވަމެވެ.