Advertisement

ތެލުގެ އަގު އިންތިހާ ބޮޑުވުމުން އެންސިސް އިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި

about 1 hour 0


ތެލުގެ އަގު އިންތިހާ ބޮޑުވުމުން އެންސިސް އިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލައިފި

about 1 hour 0

މި ހިނގާ މާޗް މަހުގެ ތެރޭގައި ތެލުގެ އަގު ދެ ފަހަރަކަށް އުފުލުމުން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން އެންސިސް ފިޝަރީޒް އިން ހުއްޓާލައިފި އެވެ.

އެންސިސްއަކީ ބޮޑުކަންނެލި ގަންނަ ކުންފުންޏެކެވެ. އެތަނަށް މަސް ކިރާ ބޮޑުކަންނެލި މަސްވެރިންނަށް މީގެ ކުރިން އެންސިސް އިން އައީ ހިލޭ އައިސް ދޫކުރަމުންނެވެ.

އެކަމަކު، އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތެލުގެ އަގު ބޮޑުވުމުން އައިސް އުފެއްދުމާއި ފޯރުކޮށްދިނުމަށް ކުރަމުން އައި ހަރަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

"ތެލުގެ އަގު އިންތިހާއަށް ބޮޑުވަމުންދިއުމުގެ ސަބަބުން، އައިސް އުފެއްދުމަށާއި ފޯރުކޮށްދިނުމަށް ހިނގާ ހަރަދު މިހާރު ވަނީ ފޫނުބެއްދޭވަރުގެ ބޮޑު ބުރައަކަށް ވެފަ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިޒްރޭލާއި އެމެރިކާއިން އިރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ވަނީ ތެލުގެ ބޮޑު ތާށިކަމެއް ކުރިމަތިވެފަ އެވެ. ރާއްޖޭގައި ދެ ފަހަރަށް ތެލުގެ އަގު އުފުލި، މިހާރު ތެޔޮ ލިބެނީ 100 ޕަސެންޓު އަގު ބޮޑުކަށެވެ.

ސަރުކާރުގެ އެފްއެސްއެމް އިން އެއްގަމުގައި ހިންގާ ތެޔޮ ޝެޑުތަކުން ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ވަނީ ހޯމަ ދުވަހު ބޮޑުކޮށްފަ އެވެ. މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 27.13 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 13.50 ރުފިޔާއަށެވެ. އެހެންކަމުން އެއީ 100.96 ޕަސެންޓުގެ ކުރިއެރުމެކެވެ. ޑީސަލް ލީޓަރެއް މިހާރު ލިބެނީ 28.32 ރުފިޔާއަށެވެ. ކުރިން ވިއްކީ 13.92 ރުފިޔާއަށެވެ. އެއީ 103 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓް ކުރާ އެއް ކުންފުނި ކަމަށްވާ އެންސިސް އިން މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން ހުއްޓާލިއިރު، ކަންނެލި މަސްވެރިންނަށް ތެޔޮ ވެސް ލިބެނީ ބާޒާރުގައި ހުންނަ އަގަށެވެ. އެކަމަކު އެ އަގުގައި ތެޔޮ ގަނެގެން މަސްވެރިކަން ނުކުރެވޭނެ ކަމަށް މަސްވެރިން ބުނެ އެވެ.

"ޑީސަލް ލިޓަރެއްގެ އަގު 28 ރުފިޔާއަށް ކަންނެލި ކިލޯއެއްގެ އަގު 55 ރުފިޔާއަށް މަސްދޯނި ފަހަރު ހުއްޓި މަސްވެރި އާއިލާތަކަށް ބޮޑު ނިކަމެތި ކަމެއް! ކަމާއި ބެހޭ އެންމެހާ ފަރާތްތަކުން މަސްވަރާކޮށް މަސްވެރިކަން ހުއްޓާނުލާ ކުރިޔަށް ދެވޭނެ މަގެއް ހޯދުން މުހިންމު!," ބޮޑުކަންނަނެލި މަސްވެރިންގެ ޔޫނިއަން އިން ހޯމަ ދުވަހު ބުންޏެވެ.

ނަމަވެސް ކަންނެލި މަސްވެރިންނަށް ވެސް އަގުހެޔޮކޮށް ސަބްސިޑީ އަގެއްގައި ތެޔޮ ވިއްކާނެކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް މަސްވެރިންނަށް ތެޔޮ ލިބެނީ ބޮޑު އަގުގަ އެވެ.

"ހުޅުމާލެ ކަންނެލި ޖެޓީގައި ހުންނަ އެފްއެސްއެމްގެ ޝެޑުން ސަބްސިޑީ އަގުގައިި ތެޔޮ ވިއްކާނެ ކަމަށް ބުނެފައި އޮތީ. އެތަނުން އަދި ތެޔޮ ލިބޭނީ ބޮޑުކުރި އަގުގައި. އެކަމަކު މިއަދުގެ ވަގުތެއްގައި އަގުތައް ހެޔޮވާނެ މަސްވެރިންނަށް،" މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެއިން ނަޝީދު އިއްޔެ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން ނަޝީދު މިއަދު ވިދާޅުވީ މިއަދާ ހަމައަށް އަދި ބޮޑުކަންނެލި މަސްވެރިންނަށް ސަބްސިޑީ އަގެއްގައި ތެޔޮ ގަނެވެނޭ އިންތިޒާމް ސަރުކާރުން ހަމަަޖައްސާދީފައިނުވާ ކަމަށެވެ.

މިފްކޯއަށް މަސް ކިރާ ފަރާތްތަކަށް ސަބްސިޑީ އަގެއްގައި ތެޔޮ ވިއްކާނެ ކަމަށް އިއްޔެ މިފްކޯއިން ވަނީ ބުނެފަ އެވެ. އެކަމަކު، މިފްކޯއަށް މަސް ކިރަނީ ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިންނެވެ. އެހެންކަމުން ބޮޑުކަންނެލި މަސްވެރިންނަކަށް މިފްކޯއަކުން އަގުހެޔޮ ތެެލެއް ނުލިބޭނެ އެވެ.

ތެލުގެ އަގު އިއްޔެ އިންތިހާއަށް ބޮޑުވެފައި މި ވަނީ ތެލުގެ ތާށިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ދެއްވާފައި އޮއްވަ އެވެ.

"ފުރަތަމަ ކަމަކަށް ހަނޑޫ، ހަކުރު، ފުށް އަގުބޮޑެއް ނުވާނެ. އެއީ ކަށަވަރު ކަމެއް. މެދުކެނޑުމެއް ނެތި ކާޑު ލިބޭނެކަމަށް އަޅުގަނޑު ޔަގީންކަން ދެން،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ. "ފުޑް، ފިއުލް އަދި އެއްވެސް ކޮމޯޑިޓީއެއްގެ ޗެލެންޖެއް އިރާދަކުރެއްވިއްޔާ ކުރިމަތިވިޔަ ނުދޭނެ ވާހަކަ."

އޭގެ އިތުރުން، އިގްތިސާދީ ބޮޑު ނުރައްކަލަކާ ދުނިޔެއިން ކުރިމަތިލާއިރު ވެސް ދިވެހި ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންނުދާތީ އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެގޮތުން ހަރަދު ކުޑަކުރަން ފިޔަވަޅުތައް ނޭޅުމާއި ބައެއް އިދާރާތަކުގެ މުސާރަ ބޮޑުކުރުމާއި ކުލަ ގަދަކޮށް ކުޑަ އީދު ފާހަގަ ކުރަން ނިންމާފައިވާތީ ވެސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

"ދިވެހި ރާއްޖެ މި ވަނީ 'ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި'. ޕެޓްރޯލްގެ އަގު ލީޓަރެއް 28 ރުފިޔާއަށް އަރައިފި. ދަތުރުފަތުރުގެ އަގު ބޮޑުވާނެ. ސަރުކާރުގެ ސަމާލުކަން އިންތިހާބަކަށް އަމާޒުވެއްޖެ ނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުން ބޮޑުވާނެ،" ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި އެވެ.

ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރާ އަސަރު ކުޑަ ކުރުމުގެ ގޮތުން ރިޒާވުގައި ބަހައްޓާފައި ހުރި ތެޔޮ ގައުމުތަކުން ވަނީ ދޫކުރަން ފަށައިފަ އެވެ. އެކަމަކު، ރިޒާވުން ދޫކުރެވެން އޮތީ ވެސް ދުނިޔެއަށް ބޭނުންވާ ތެލުގެ މަދު މިންވަރެކެވެ.

ގަލްފުގެ ގައުމުތަކުން ދުނިޔެއަށް ތެޔޮ ފޯރުކޮށްދެނީ ހޮރުމޫޒު ކަނޑުއޮޅިންނެވެ. އެކަމަކު، އެތަނުން ދަތުރު ކުރާ ހުރިހާ އުޅަނދަކަށް ހަމަލާދޭން އިރާނުން ވަނީ ފަށައިފަ އެވެ. ހަނގުރާމައިގެ ކުރިން އެ ކަނޑުއޮޅިން 100 އަށް ވުރެ ގިނަ ބޯޓު ކޮންމެ ދުވަހަކު ވެސް ދަތުރު ކުރެ އެވެ. މިހާރު އެ ސަރަހައްދުން ދަތުރު ކުރަނީ އިރާނުގެ ހައެއްކަ ބޯޓު އެކަންޏެވެ.

ހޮރުމޫޒު ކަނޑުއޮޅި ބޭނުން ކުރަން ނުޖެހޭ ގޮތަށް ސައުދީ އަރަބިއްޔާއިން ވަނީ ރެޑް ސީއަށް ހޮޅިއެއް ގުޅައިފަ އެވެ. އެކަމަކު، އެ ހޮޅިން ގެންދެވެނީ ނިސްބަތުން ނިކަން މަދު މިންވަރެއްގެ ތެލެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ހޮޅިއަށް ހަމަލާއެއް އަމާޒު ނުވާނެކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.