Advertisement

"ފަޔާ ސޭފްޓީ ކޯޑު" އެކުލަވާލަން އާކިޓެކްޓް އެސޯސިއޭޝަނުން ގޮވާލައިފި

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު ފައިލް


"ފަޔާ ސޭފްޓީ ކޯޑު" އެކުލަވާލަން އާކިޓެކްޓް އެސޯސިއޭޝަނުން ގޮވާލައިފި

އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހުން މަރުވުމާ ގުޅިގެން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، "މޯލްޑިވްސް ފަޔާ ސޭފްޓީ ކޯޑު" އެކުލަވާލައި ތަންފީޒުކުރުމަށް އާކިޓެކްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގޮވާލައިފި އެވެ.

އާކިޓެކްޓް އެސޯސިއޭޝަނުން ބުނީ ރާއްޖޭގެ އިމާރާތްކުރުމުގެ ނިޒާމު ތަންފީޒުކުރުމާ ގުޅޭގޮތުން ހަދާފައިވާ މިނިވަން ފަންނީ ދިރާސާ، ބިލްޑިން ރެގިއުލޭޓަރީ ކެޕޭސިޓީ އެސެސްމަންޓް (ބީއާރްސީއޭ) އިން ފާހަގަކުރެވޭ ގޮތުގައި، އޮނިގަނޑުގައި އޮތް އެންމެ ބޮޑު އެއް އުނިކަމަކީ ބިލްޑިން ކޯޑު ލާޒިމްކުރާ ކޮމްޕްލަޔަންސް ޑޮކިއުމަންޓްތައް ހަދައި ޝާއިއުކޮށްފަިއ ނެތުމެވެ.

ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާ މައިގަނޑު ގޮތެއްގައި ތަންފީޒު ކުރަމުންދަނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ނެރެފައިވާ އިމާރާތްކުރުމުގެ ގާނޫނާއި، ބިލްޑިން ކޯޑާއި، އަދި އިމާރާތްކުރުމާ ގުޅުންހުރި ގަވާއިދުތަކުގެ ދަށުން ކަމަށާއި އެ ވަސީލަތްތަކަކީ ރާއްޖޭގައި އިމާރާތްކުރުމުގެ ހުއްދަ ދިނުމާއި ފަންނީ މަސައްކަތްތައް ބައްޓަންކުރުމުގެ މައިގަނޑު އޮނިގަނޑު ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

"އަމަލީގޮތުން ބަލާއިރު، މިހާރު އޮތް ރެގިއުލޭޓަރީ ނިޒާމުގައި އަލިފާނުގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ބޮޑަށް އަމާޒުވެފައިވަނީ އިމާރާތް ފަރުމާކުރުމުގައި އަލިފާނުން ރައްކާތެރިވުމުގެ ބަދަލުގައި، އަލިފާނުގެ ހާދިސާއެއް ހިނގުމުން އެކަމަށް އިޖާބަދިނުމުގެ މައްޗަށް. މިއީ ގަވާއިދުތަކުގެ އޮނިގަނޑުތަކުގައި އޮތް ވަރަށް ބޮޑު ހުސްކަމެއް ކަމުގައި މި އެސޯސިއޭޝަނުން ފާހަގަކުރަން،" އެ އެސޯސިއޭޝަނުން ބުންޏެވެ.

އެ އެސޯސިއޭޝަނުން ބުނީ ބިލްޑިން ކޯޑާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ހާއްސަ ފަޔާ ސޭފްޓީ ކޯޑެއް އޮތުމަކީ އިމާރާތްކުރުމުގެ ރެގިއުލޭޓަރީ އޮނިގަނޑެއްގެ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށާއި އެފަދަ މިންގަނޑުތަކަކީ އިމާރާތްކުރުމުގެ ކަންކަން ރެގިއުލޭޓްކުރުމުގެ ޒިންމާ އުފުލާ ވުޒާރާއިން ރަސްމީކޮށް ޝާއިއުކޮށް ތަންފީޒުކުރަންޖެހޭ މިންގަނޑުތަކެއް ކަމަށެވެ.

ތަންތަން ޑިޒައިންކުރަންވާނީ މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް އިން އަމަލުކުރަމުންދާ ފަޔާ ސޭފްޓީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ގާނޫނުގައި އޮތް ނަމަވެސް އެ މިންގަނޑު އާންމުކޮށް ފެންނަން ނެތެވެ. ރިސޯޓުތަކުގައި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ގަވާއިދެއް ވެސް އޮވެ އެވެ.

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް ބިދޭސީންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. އަލިފާން ރޯވީ ބިދޭސީ ދިރިއުޅޭ ލޭބާ ކުއާޓާއެއްގައި ކަމަށްވާއިރު، އެތަނުގައި އަލިފާން ރޯވާން މެދުވެރިވީ ގޭސް ލީކުވެގެން ކަމަށް މައުލޫމާތު ލިބެ އެވެ.

މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަޙްމާނަށް މުހައްމަދު މުއިއްޒު ފޮނުއްވި ތައުޒިޔާގެ މެސެޖެއްގައި ވިދާޅުވީ ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގުމަށާއި އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.