about 2 hours 0
ރޭގެ މެޗުގައި ޕެންތާސް އިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ލަ ސޯނިޔާ ޔުނިޓީ ފުޓްސަލް ކަޕް
about 2 hours 0
ރ، މަޑުއްވަރީގައި މިހާރު ކުރިއަށްދާ އަގުބޮޑު ފުޓްސަލް މުބާރާތް، "ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026"ގެ ސެމީ ފައިނަލުގެ ފަހު ޖާގަތަށް ޕެންތާސް ސްޕޯޓްސް ކްލަބާއި ކާޅު ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.
ގްރޫޕް އޭގެ ފަހު މެޗުގައި، ކާޅު ސްޕޯޓްސް ކްލަބުން ވަނީ 4-3 އިން އެފްސީ ޔުނައިޓެޑް ބަލިކޮށްފަ އެވެ. މި ނަތީޖާއާ އެކު، ކާޅު ސްޕޯޓްސް ކްލަބުން ސެމީ އަށް ދަތުރުކުރީ ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.
ގްރޫޕް އޭގެ އެއް ވަނަ ދިޔަ ސްޕާޓަންސް އިން ތިން މެޗުން މޮޅުވެ، ނުވަ ޕޮއިންޓް ހޯދިއިރު، ކާޅު ސްޕޯޓްސް ކްލަބުން ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނަ އަށް ދިޔަ ޔުނައިޓެޑަށް ތިން ޕޮއިންޓް ލިބުނުއިރު، ޔުނީކް ކެޓީ ޕޮއިންޓެއް ނުލިބި އެވެ.
ގްރޫޕް ބީގެ ފަހު މެޗުގައި، މި މެޗަށް ނުކުތްއިރު ވެސް ސެމީ ކަށަވަރުކޮށްފައި ހަބުލް ބަބުލް ވަނީ ޕެންތާސް އަތުން 4-2 އިން ބަލިވެފަ އެވެ. މި ނަތީޖާއާ އެކު، ޕެންތާސް އިން ސެމީ އަށް ދިޔައީ ގްރޫޕް އެއް ވަނަ ގޮތުގަ އެވެ. އެއީ، ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ އަށް ދިޔަ ހަބުލް ބަބުލް އަށް ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނަ ހޯދި ބީބީ ނިއު ޖެނެރޭޝަނަށް ލިބުނީ ހަތަރު ޕޮއިންޓެވެ. މި ގްރޫޕްގެ ފުލަށް ދިޔަ ގޯޓް ބުލްސް ތިން މެޗުން ބަލިވެ، ޕޮއިންޓެއް ނުލިބެ އެވެ.
ރޭ ކުޅުނު މެޗުގައި ކާޅުގެ ލަނޑުތައް ޖެހީ ހަފީޒް ދެ ގޯލާއި ނިސާހު އަދި ޒަމީރު އެވެ. ޔުނައިޓެޑްގެ ލަނޑުތައް ޖެހީ، އަޔާން ދެ ގޯލުގެ އިތުރުން ހާލިސް ގޯލެކެވެ. ޕެންތާސް އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ މައިލާން، އައްޒާމް، އަފްލާޒް އަދި ޒައީމް އެވެ. ހަބުލް ބަބުލްގެ ލަނޑުތައް ޖެހީ އިޝާން (ސައްޓު) އަދި ހައިޝަމް (ޗުމްޕު) އެވެ.
ސެމީ ފައިނަލުގަައި، ސްޕާޓަންސް އިން ކުޅޭނީ ހަބުލް ބަބުލްއާ އެވެ. އަދި، ޕެންތާސް އިން ބައްދަލުކުރާނީ ކާޅުއާ އެވެ. ސެމީ ފައިނަލް ދެ މެޗު އޮތީ މާދަމާރޭ އެވެ. އަދި، ފައިނަލް މެޗު އޮތީ ހުކުރު ދުވަހުގެރޭގަ އެވެ.
Comment