ސްޕާޓަންސްގެ ސުހެއިލް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: ލަ ސޯނިޔާ ޔުނިޓީ ފުޓްސަލް ކަޕް
ރ، މަޑުއްވަރީގައި ކުރިއަށްދާ "ލަ ސޯނިޔާ ދި ޔުނިޓީ ކަޕް 2026" ގައި ރޭ ކުޅުނު މެޗުތަކަށް ފަހު، ސްޕާޓަންސް އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު، ޕެންތާސް ސްޕޯޓްސް ކްލަބުން މޮޅެއް ހޯދައިފި އެވެ.
ގްރޫޕް އޭގައި ރޭ ކުޅުނު މެޗުން ސްޕާޓަންސް އިން ވަނީ 2-0 އިން އެފްސީ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފަ އެވެ. ސްޕާޓަންސް އިން ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވާއިރު، ދެ ވަނައިގައި އޮތް ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ކާޅު ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް ލިބިފައިވެ އެވެ. ޔުނީކް އޮތީ ދެ މެޗުން ވެސް ބަލިވެ، މި ގްރޫޕް ތާވަލުގެ ފުލުގަ އެވެ. ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، ޔުނީކް ކުޅޭނީ ސްޕާޓަންސްއާ އެވެ. އަދި، ކާޅު ބައްދަލުކުރާނީ ޔުނައިޓެޑާ އެވެ.
ރޭގެ މެޗުގައި ސްޕާޓަންސްގެ ލަނޑުތައް ޖެހީ، އަހުމަދު ސުހެއިލް (ބަމްޕުޗު) އާއި ހުސެއިން ޝަރީފް (އޮންލީ) އެވެ.
ގްރޫޕް ބީގައި ޕެންތާސް އިން ކުޅުނު ފުރަތަމަ މެޗުން ބީބީ ނިއު ޖެނެރޭޝަންއާ އެއްވަރުވިއިރު، ދެ ވަނަ މެޗުގައި ރޭ ގޯޓް ބުލްސް އަތުން 8-2 އިން ބޮޑު މޮޅެއް ހޯދި އެވެ. ޕެންތާސްގެ ލަނޑުތައް ޖެހީ މައިލާން ފަސް ގޯލުގެ އިތުރުން އަހުމަދު އަފްލާޒް، ނިޝާމް އަދި އިބްރާހިމް އަސްވަދު (ގަބޭ)، ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި ދެ މެޗުން ވެސް މޮޅުވެ، ހަބުލް ބަބުލް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޕެންތާސް އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބީބީ ނިއު ޖެނެެރޭޝަން އަށް އަދި ލިބުނީ ޕޮއިންޓެކެވެ. އަދި، ފުލުގައި އޮތް ގޯޓް ބުލްސް އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
މި ގްރޫޕުން ސެމީގެ އެއް ޖާގަ ހަބުލް ބަބުލް އަށް ލިބިފައިވާއިރު، އަނެއް ޖާގަ ހޯދުމުގެ ފުރުސަތު ދެ ޓީމަށް އެބައޮތެވެ. އެއީ، ބީބީ ނިއު ޖެނެރޭޝަން އާއި ޕެންތާސް އަށެވެ. ޕެންތާސް އިން ފަހު މެޗުގައި، ހަބުލް ބަބުލްއާ ކުޅޭއިރު، ބީބީ ނިއު ޖެނެރޭޝަނުން ކުޅޭނީ ގޯޓް ބުލްސްއާ އެވެ.
ސެމީ ފައިނަލް މެޗުތައް އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެރޭގަ އެވެ. އަދި، ފައިނަލް މެޗު އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުގެރޭގަ އެވެ.
ޔުނިޓީ ކަޕަކީ ތާރީހުގައި ވެސް މިހާތަނަށް މަޑުއްވަރީގައި ބޭއްވިގެންދާނެ އެންމެ އަގުބޮޑު މުބާރާތެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 40،000 ރުފިޔާ ދޭން ނިންމާފައިވާއިރު، ރަނަރަޕަށް 20،000 ރުފިޔާ ލިބިގެންދާނެ އެވެ. އަދި، މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި އަނެއް ބުރަށް ދާ ކޮންމެ ޓީމަކަށް 1500 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މި ގޮތަށް ބަލާއިރު، ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޖުމްލަ އެކު، 43000 ރުފިޔާ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
Comment