ފާތިމަތު އަބްދުالله ކަމާލުއްދީން. އޭނާ ޕެންޝަން އޮފީހުގެ ބޯޑުގައި ތަމްސީލު ކުރެއްވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ ---
ޕެންޝަން ފަންޑުން އިންވެސްޓުކޮށްފައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު އެމްއެމްއޭއަށް ވިއްކާލުމަށް ފަހު އެ ފައިސާ ބޭނުންކޮށްގެން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން އެ ބޯޑުގެ އިތުރު މެންބަރަކު އިސްތިއުފާ ދީފި އެވެ.
މިފަހަރު އިސްތިއުފާ ދިނީ ޕެންޝަން އޮފީހުގެ ބޯޑުގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) ތަމްސީލު ކުރެއްވި މެންބަރު ފާތިމަތު އަބްދުالله ކަމާލުއްދީން އެވެ. އޭނާ އިސްތިއުފާ ދިނީ މި މާޗު މަހުގެ ތިންވަނަ ދުވަހު އެވެ.
އޭނާއަކީ މި ބޮންޑު މުއާމަލާތުގެ މަސައްކަތް ފެށި ފަހުން ޕެންޝަން އޮފީހުގެ ބޯޑުން ނޫނީ އިސް މަގާމަކުން އިސްތިއުފާ ދިން ހަ ވަނަ ބޭފުޅާ އެވެ.
މީގެ ކުރިން ބޯޑު މެންބަރު އަޝްރަފް ރަޝީދާއި، މުހައްމަދު މާދިން ލަތީފާއި، ހުމަދު ސަރުވަޝް އާދަމްގެ އިތުރުން އެ ބޯޑުގެ ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒާއި އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވެސް ވަނީ ހަމަ އެ މައްސަލައިގައި އިސްތިއުފާ ދެއްވައިފަ އެވެ.
ފާތިމަތުގެ އިސްތިއުފާ އާއެކު މިވަގުތު ޕެންޝަން އޮފީހުގެ ބޯޑުގައި ތިބީ އެންމެ ތިން މެންބަރުންނެވެ. އެއީ ފިނޭންސް މިނިސްޓްރީ ތަމްސީލުކުރާ އާމިނަތު ޝަޒުރާ މޫސާ އާއި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ މިޒްނާ އަހުމަދު އަދި އަބްދުލްމަޖީދު އަލީ އެވެ.
މި މުއާމަލާތް ސަރުކާރުން ހިންގަން އުޅުނީ ވަރަށް ސިއްރުންނެވެ. އެތައް ބަޔަކު ޕްރެޝަރު ކުރުމުން އެ މުއާމަލާތް ހިންގާކަން ރަސްމީކޮށް ޕެންޝަން އޮފީހުގެ ބޯޑުން ހާމަކުރީ ފެބްރުއަރީ މަހުގެ ކުރީކޮޅު އެވެ.
ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިންނެވެ. އެ އޮފީހުގެ ބަޔާނުގައި މި ބޮންޑުތައް ގަންނަނީ އެމްއެމްއޭއިން ކަމެއް ބަޔާންކޮށްފައި ނެތެވެ.
ބޮންޑު ވިއްކާލައިގެން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓުކުރަނީ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރުން ފައިދާ ލިބޭ ބޮންޑަކަށެވެ. މި އިންވެސްޓުމަންޓުގެ އެންމެ ބޮޑު މޮޅެއްގެ ގޮތުގައި ޕެންޝަން އޮފީހުން ދައްކަނީ މި އިންވެސްޓުމަންޓުން ޑޮލަރު ލިބުމެވެ.
"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ،" ޕެންޝަން އޮފީހުގައި ބަޔާނުގައި ބުންޏެވެ.
ޕެންޝަން އޮފީހުން މިހެން ބުނި ނަމަވެސް، މި މުއާމަލާތާ ގުޅިގެން އެ އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒާއި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަން ބޯޑުގައި ހުންނެވި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ މި މުއާމަލާތުގެ ސަބަބުން އިގުތިސޯދަށް ހުރި ހިރާސްތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރު ފައިސާގެ އަގު އުފުލުމާއި ތަކެތީގެ އަގު އުފުލުން ހިމެނެ އެވެ.
Comment