Advertisement

އިގުތިސޯދުގައި އިތުރަށް ހުރި ފައިސާގެ ހަތަރު ބިލިއަނާ ގާތަށް އެމްއެމްއޭއަށް ވައްދައިފި

މަރުކަޒީ ބޭންކު އެމްއެމްއޭގެ މައި އޮފީސް އިމާރާތް: ފައިސާ މަދުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައިގައި --- ފޮޓޯ: އަތޫފް އާތިފް/އަދަދު


އިގުތިސޯދުގައި އިތުރަށް ހުރި ފައިސާގެ ހަތަރު ބިލިއަނާ ގާތަށް އެމްއެމްއޭއަށް ވައްދައިފި

ކުރީ ސަރުކާރުގައި ޕަބްލިކް ބޭންކް އެކައުންޓު އޯވާޑްރޯ ކުރުމާ ގުޅިގެން އިގުތިސޯދުގައި އިތުރަށް ހުރި ފައިސާ (އެކްސެސް ލިކުއިޑިޓީ) މަދުކުރަން މަރުކަޒީ ބޭންކު، އެމްއެމްއޭއިން އޯޕަން މާކެޓް އޮޕަރޭޝަން ފެށި ފަހުން ހަތަރު ބިލިއަން ރުފިޔާއާ ގާތަށް އެ ބޭންކަށް ވައްދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭއިން އޯޕަން މާކެޓު އޮޕަރޭޝަންތައް ފަށައި، ފައިސާ "މޮޕްއަޕް" ކުރަން ފެށީ މި ހަރަކާތް ފަށަން ޖެހިދާނެ ކަމަށް އިލްތިމާސްކުރަމުންދާތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން، މިދިޔަ އަހަރުގެ ޖުލައި 22، ގައި އެވެ.

އެމްއެމްއޭގެ މިދިޔަ މަހުގެ ފައިނޭންޝަލް ސްޓޭޓްމަންޓުން ދައްކާ ގޮތުގައި، އެ މަހުގެ ނިޔަލަށް މަރުކަޒީ ބޭންކުން ވަނީ 3.9 ބިލިއަން ރުފިޔާގެ ސެކިއުރިޓީ ވިއްކައި، އެ ފައިސާ ނިޒާމުގެ ތެރެއިން މަދުކޮށްފަ އެވެ. މިއީ މި އޮޕަރޭޝަންތައް ފެށިއިރު އިގުތިސޯދުގައި އިތުރަށް ހުރި ކަމަށް އަންދާޒާކުރި ހަތް ބިލިއަން ރުފިޔާގެ 55 ޕަސެންޓެވެ.

އެމްއެމްއޭއިން ވިއްކާ ސެކިއުރިޓީތަކަކީ، ކަނޑައެޅިފައިވާ ވަކި ތާރީހެއްގައި، ދުރާލާ އެއްބަސްވެފައިވާ އަގެއްގައި އެ ސެކިއުރިޓީތައް އަނބުރާ ގަންނަ ގޮތަށް ވިއްކާ ސެކިއުރިޓީތަކެކެވެ.

އިގުތިސޯދުގައި ހުރި އެކްސެސް ލިކުއިޑިޓީގެ ގޮތުގައި އެންމެ އާންމުކޮށް ބޭނުންކުރާ ޕްރޮކްސީއަކީ އެމްއެމްއޭގެ ސްޓޭންޑިން ޑިޕޮސިޓް ފެސިލިޓީ އެވެ. އެ ފެސިލިޓީގައި މިދިޔަ މަސް ނިމުނުއިރު ހުރީ 4.4 ބިލިއަން ރުފިޔާ އެވެ.

އެމްއެމްއޭގެ ސްޓޭންޑިން ޑިޕޮސިޓް ފެސިލިޓީގައި ހުރި ފައިސާ: އިތުރަށް ހުރި ފައިސާ ބަލަން އެންމެ އާންމުކޮށް ބޭނުންކުރަނީ މި ފެސިލިޓީ --- މަސްދަރު: އެމްއެމްއޭ


މި އަދަދުތަކުން ހިސާބުކުރާއިރު، އެމްއެމްއޭއިން މޮޕްއަޕް ކުރަން ފެށި ފަހުން އިތުރަށް ހުރި ފައިސާގެ އަދަދު ވަނީ 33 ޕަސެންޓު ކުޑަކުރެވިފަ އެވެ.

އެމްއެމްއޭއިއިން އޯޕަން މާކެޓް އޮޕަރޭޝަންތައް ފެށީ ޗާޕު ކުރި ފައިސާއާ އެކީ ޑޮލަރަށް އޮތް ޑިމާންޑު އިތުރުވެ، ދިވެހި ފައިސާގެ އަގު ދަށް ވުން މައިތިރިކުރުމުގެ ބޭނުމުގަ އެވެ. އެމްއެމްއޭއިން މި މަސައްކަތް ފެށި އިރު ޑޮލަރުގެ ނުރަސްމީ ބާޒާރު ނުވަތަ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ ރެކޯޑު މިންވަރަކަށް އުފުލިފަ އެވެ.

މިހެން ނަމަވެސް އެމްއެމްއޭގެ އޮޕަރޭޝަން ފެށި ހަ މަސް ވެގެން ދިޔަ އިރު ވެސް، ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބޭ އަގު ގުޑާ ވެސް ނުލަ އެވެ.

އަދަދު އިން ޓްރެކު ކުރަމުން އަންނަ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުތަކުން ދައްކާ ގޮތުގައި މިއަދު ވެސް ޑޮލަރެއް ލިބެނީ، މިދިޔަ އަހަރުގެ ޖުލައިގައި މި އޮޕަރޭޝަންތައް ފެށިއިރު ވެސް ލިބެން ހުރި 19.90ރ. އާއި 20.10ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިއީ ރަސްމީ ރޭޓަށް ވުރެ ހަތަރު ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.

މި ރޭޓުގައި ސަތޭކަ ޑޮލަރު ގަންނަ ކޮންމެ ފަހަރެއްގައި ރަސްމީ ރޭޓަށް ވުރެ އިތުރަށް ގާތްގަނޑަކަށް 500ރ. ހަރަދުކުރަން ޖެހެ އެވެ.