ބާސެލޯނާ (މާޗް 16) - ބާސެލޯނާގެ ރައީސްގެ މަގާމު އެންމެ ފަހުން ވެސް އާދަކުރަމުން އައި، ޖޮއާން ލަަޕޯޓާ، ހަތަރު ވަނަ ދައުރަކަށް އެ ކްލަބްގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފި އެވެ.
ބާސެލޯނާ އިން އިއްޔެ ބޭއްވި އިންތިހާބުގައި ލަޕޯޓާ ވަނީ، ވިކްޓަ ފޮންޓާ ވާދަކުރައްވައި، 68 ޕަސެންޓް ވޯޓު ހޯދައިފަ އެވެ. ފޮންޓަށް ލިބިފައިވަނީ، 30 ޕަސެންޓް ވޯޓެވެ. ލަޕޯޓާގެ ހަތަރު ވަނަ ދައުރު ފަށާނީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެންނެވެ.
ގިނަ އަހަރުތަކަކަށް ފަހު، ބާސެލޯނާގެ ރައީސް ކަމަށް ލަޕޯޓާ އަލުން އިންތިހާބުވީ 2021 ވަނަ އަހަރުގެ މާޗް މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ބާސެލޯނާގެ އަސާސީ ގަވާއިދުގައިވާ ގޮތަށް، އިތުރު ދައުރަކަށް ކުރިމަތިލުމުގެ ގޮތުން، ލަޕޯޓާ ވަނީ މިދިޔަ މަހު މަގާމުން ވަކިވެފަ އެވެ.
ލަޕޯޓާ މީގެ ކުރިން ވަނީ، 2003 އިން 2010 އަށް ބާސެލޯނާގެ ރައީސަކަށް މަސައްކަތްކުރައްވައިފަ އެވެ. ކުރިއަށް އޮތް ފަސް އަހަރަށް ބާސެލޯނާގެ ރައީސަކަށް ވުމަށް ލަޕޯޓާ އިންތިހާބު ކާމިޔާބުކުރެއްވީ، ގާތްގަނޑަކަށް 48،500 ވޯޓުގެ ތެރެއިން، 32،934 ވޯޓާ އެކުގަ އެވެ.
"ކުރިއަށް އޮތީ ބާސެލޯނާ އަށް އުފާވެރި އަދި ކާމިޔާބުގެ އަހަރުތަކެއް ކަމަށް ހަދައިދޭން އަހަރެން މި ހުރީ ތައްޔާރަށް،" ލަޕޯޓާ ވިދާޅުވި އެވެ.
ބާސެލޯނާގެ ރައީސްގެ މަގާމުގައި ލަޕޯޓާ އަށް އިތުރު ދައުރެއް ދޭން އެ ކްލަބްގެ މެމްބަރުން ނިންމި އެންމެ ބޮޑު ސަބަަބަކީ، މާލީ ގޮންޖެހުންތައް ބޮޑު ދަނޑިވަޅެއްގައި ޓީމާ ހަވާލުވެ، ކްލަބްގެ ހާލަތު ރަނގަޅުކުރުމަށްޓަކައި، މިދިޔަ ހަތަރު އަހަރު ތެރޭ ލަޕޯޓާ ކުރައްވާފައިވާ މަަސައްކަތްތައް ރަނގަޅުވުމުންނެވެ. އަދި، ބާސެލޯނާގެ ސްޓޭޑިއަމް، ކޭމްޕް ނޯ އަށް ގެންނަން ޖެހޭ ތަރައްގީގެ މަސައްކަތުގައި، ލަޕޯޓާގެ ލީޑަޝިޕްގެ ނިންމުންތައް ރަނގަޅުކަން އޭނާއާ ވާދަކުރި ކެންޑިޑޭޓް ފޮންޓް ވެސް ފާހަަގަކުރެއްވި އެވެ.
Comment