about 1 hour 0
ލީވާން އަލީ ނާސިރު
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސަރުކާރަށް ލިބޭނެ ގެއްލުންތަކަށް ވިސްނައިގެން އެންމެ ހަރަދު ކުޑަކޮށް އަމަލު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
about 1 hour 0
މެދުއިރުމަތީގައި މިހާރު ހަނގުރާމަ ކުރަމުންދާ ގޮތަށް ހަނގުރާމަ ކުރަމުން ގޮސްފިނަމަ، ކޮންމެ މަހަކު ދިވެހި ސަރުކާރުގެ އާމްދަނީއަށް 85 މިލިއަނާއި 100 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ގެއްލުން ލިބެމުންދާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މުސާ ޒަމީރު ވިދާޅުވީ ދިވެހި ސަރުކާރުގެ އާމްދަނީއަށް އެ ގެއްލުން ލިބޭނެ ކަމަށް އަންދާޒާކުރީ ސަރުކާރުގެ ޓެކްނިކަލް ޓީމުން ކަމަށެވެ. އަދި، އެ އަންދާޒާއަކީ ރަނގަޅު އަންދާޒާއެއް ކަމަށް ވޯލްޑް ބޭންކުން ވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާތްގަނޑަކަށް ރެވެނިއު ލޮސް ކަމަށް އަޅުގަނޑުމެންނަށް މި އަންދާޒާ ކުރެވެނީ 85 މިލިއަނާއި 100 މިލިއަނާ ދޭތެރޭގައި، އެއް މަސް ދުވަހަށް މި ހަނގުރާމަ މިހާރު މިދާ އިންޓެންސިޓީގައި ގޮސްފި ކަމަށްވެއްޖެއްޔާ ލޮސްވުން އެބައޮތޭ ޑިރެކްޓް ސަރުކާރުގެ ރެވެނިއު. އެއީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން މިހާރު އަންދާޒާކޮށްފައި،" ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ދިވެހި ސަރުކާރުން އަމަލުކުރަމުންދާނީ ސަރުކާރަށް ލިބޭނެ ގެއްލުންތަކަށް ވިސްނައިގެން އެންމެ ހަރަދު ކުޑަކޮށް އަމަލު ކުރަމުންދާ ކަމަށެވެ. މި މަސައްކަތް ކުރަމުންދަނީ ފިސްކަލް ޑިޕާޓްމަންޓާއި އޮފީސްތަކުގެ ފައިނޭންސް ކޮންޓްރޯލަރުން ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާ ކަމަށް ވިދާޅުވި ނަމަވެސް އެއީ ސީދާ ކޮން ފިޔަވަޅުތަކެއް ކަމެއް ފިނޭންސް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އަދި، މި އަހަރުގެ ބަޖެޓުން ސަލާމްތަކުރަން އަމާޒު ކުރާ ވަރެއް ވެސް ނުބުނެ އެވެ.
މިހެން ނަމަވެސް، ފިނޭންސާއި އެމްއެމްއޭ އާއި މީރާ ހިމެނޭ ޓެކްނިކަލް ޓީމަކުން މިކަމާ ގުޅޭ ރިޕޯޓުތަައް އެކުލަވާލަމުން އަންނަ ކަަމަށް ޒަމީރު ވިދާޅުވި އެވެ.
އާމްދަނީއަށް އަންނަ ލޮޅުމާއެކީ، ސަރުކާރުން ވަނީ ތެލާއި ގޭސް ކަށަވަރުކުރުމުގެ ގޮތުން ކުރިއަށް އޮތް ފަސް މަސް ދުވަހު، ކޮންމެ މަހަކަށް 20 މިލިއަން ޑޮލަރު މަގުން، އިތުރުވާ 100 މިލިއަން ޑޮލަރު ހަމަޖައްސާފަ އެވެ. މި ފައިސާ ހަމަޖެއްސީ ބައިނަލްއަގުވާމީ ދެ އިދާރާއަކުންނެވެ. އެކަމަކު އެއީ ކޮން ދެ އިދާރާއެއް ކަމެއް ޒަމީރު ވިދާޅެއް ނުވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ހިއްސާކުރި އަންދާޒާތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް 3000 ވަރަކަށް ޓޫރިސްޓުން ދަނީ ރާއްޖެއަށް ގެއްލެމުންނެވެ. މިއީ ހަނގުރާމައިގައި ވޭތުވެފައިވާ 12 ދުވަހުގެ މުއްދަތަށް ބަލައިފި ކަމުގައި ވަނީ ނަމަ 33،000 ޓޫރިސްޓުންނެވެ.
Comment