Advertisement

މި އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިނުވާން އިރާނުން ނިންމައިފި

about 1 hour 0

އިރާނުގެ ގައުމީ ޓީމު: އިރާނުން ބުނީ އެމެރިކާގައި ބާއްވާ މުބާރާތެއްގައި ބައިވެރިވުން އެ ގައުމުގެ ކުޅުންތެރިންނަށް ރައްކާތެރި ނޫން ކަމަށް -- ފޮޓޯ: އާރްޓީއީ


މި އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިނުވާން އިރާނުން ނިންމައިފި

about 1 hour 0

ޓެހެރާން، އިރާން (މާޗް 11) - މި އަހަރުގެ ޖޫން ޖުލައި މަހު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްގެންދަން ނިންމާފައިވާ ފީފާ ވޯލްޑް ކަޕުގައި ބައިވެރިނުވާން އިރާނުން ނިންމައިފި އެވެ.

ޖޫން 12، ގައި ފަށާ ވޯލްޑް ކަޕުގައި ބައިވެރިނުވާން ނިންމިކަން އިރާނުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޑޮންޔާމާލީ ނިންމެވީ، އިޒްރޭލާއި އެމެރިކާއިން ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިގެން އުޅޭތީ އެވެ.

އޭނާ ވިދާޅުވީ އެމެރިކާގައި ބާއްވާ މުބާރާތުގައި ބައިވެރިވުން އެ ގައުމުގެ ކުޅުންތެރިންނަށް ރައްކާތެރި ނޫން ކަމަށެވެ.

"އެމެރިކާގެ ކޮރަޕްޓު ސަރުކާރުން ވަނީ އަހަރުމެންގެ ލޮބުވެތި ލީޑަރު ޝަހީދުކޮށްލައިފަ. އަހަރުމެންގެ ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ހަމަ އެއްގޮތް ވެސް މި ދަނޑިވަޅަކު ނެތް،" އިރާނުގައި ގައުމީ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އިރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީ އަވަހާރަވީ ހަނގުރާމަ ފެށި ދުވަހު ދިން ހަމަލާއެއްގަ އެވެ. ހާމަނާއީގެ ބަދަލުގައި އިރާނުން ވަނީ ސުޕްރީމް ލީޑަރުގެ މަގާމަށް އެމަނިކުފާނުގެ ދަރިކަލުން މުޖްތަބާ ހާމަނާއީ އައްޔަންކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި އޮތީ އެމެރިކާގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ.

ވޯލްޑް ކަޕުގައި ބައިވެރިނުވާން އިރާނުން ނިންމި ނަމަވެސް އެކަން ރަސްމީކޮށް ފީފާއަށް އެންގިކަމެއް އަދި ކަށަވަރެއް ނޫނެވެ. އިރާނުން ވޯލްޑް ކަޕުގައި ބައިވެރިނުވާ ނަމަ ދެން ކަންތައް ކުރާނެ ގޮތެއް ނިންމާނީ ފީފާއިންނެވެ.

ފެބްރުއަރީ 28، ގައި އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމަ އަހަރެއްހާ ދުވަހަށް ދެމިގެންދިޔުން ވެސް އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ހަނގުރާ ނިމުން ބިނާވަނީ، ދުނިޔޭގެ އިގްތިސާދު ބަލިކަށިވާ ގޮތަށް މެދު އިރުމަތީގެ އަރަބި ގައުމުތަކަށް ދެމުންދާ ހަމަލާތަކާއި އިރާނުގައި ހުރި މިސައިލްތަކުގެ އަދަދުގެ މައްޗަށެވެ.