އިރާނުގެ އާ ސުޕްރީމް ލީޑަރު މުޖްތަބާ ހާމަނާއީގެ ފަޔަށް ހަނގުރާމައިގެ ކުރީކޮޅު އަނިޔާވެފައިވާ ކަމަށް އިރާން އަދި އިޒްރޭލުން ވެސް ބުނެފި އެވެ.
އިރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އަދި މުޖްތަބާގެ ބައްޕާފުޅު އަލީ ހާމަނާއީ އަވަހާރަވީ ފެބްރުއަރީ 28، ގައި އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާތަކެއްގެ އެވެ. މުޖްތަބާއަށް އަނިޔާވީ ވެސް އެ ހަމަ އެ ދުވަހު ކަމަށް އޮފިޝަލުން ބުނެ އެވެ.
މުޖްތަބާ ހާމަނާއީ ޒަހަމްވެވަޑައިގެންނެވި ކަން އިރާނުގެ ސްޓޭޓް މީޑިއާ އައިއާރްއެންއޭ އިން ވެސް ޔަގީންކޮށްދީފައިވެ އެވެ. އަދި އިރާނުގެ ނުފޫޒުގަދަ ޖަމާއަތަކުން ނެރުނު ބަޔާނެއްގައި ވެސް މުޖްތަބާ ޒަހަމްވެވަޑައިގެންނެވި ކަމުގެ އިޝާރާތެއް ދީފައިވެ އެވެ.
މީގެ ތިން ދުވަސް ކުރިން މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ލީޑަރުގެ މަގާމަށް ވަޑައިގެންނެވި ނަމަވެސް މުޖްތަބާ ހާމަނާއީގެ މެސެޖެއް އިރާނުގެ ރައްޔިތުންނާ ހަމައަށް އައިސްފައެއް ނުވެ އެވެ. އޭގެ އެއް ސަބަބަކީ، އޭނާގެ ހުންނެވި ތަން ސިއްރު ކުރުން ކަމަށްވެ އެވެ.
މުޖްތަބާ ހާމަނާއީ ޒަހަމްވެވަޑައިގެންނެވި ދުވަހު، މުޖްތަބާގެ މަންމާފުޅާއި އަނބިކަނބަލުން އަދި ދަރިކަލުން ވެސް އަވަހާރަވި އެވެ. އެބޭފުޅުން ތިއްބެވީ އިރާނުގެ ވެރި ރަށް ތެހެރާނުގެ ނިކަން ސިއްރުވެރި ކޮމްޕައުންޑެއްގައި ކަމަށް ނޫސް ރިޕޯޓުތަކުން ބުނެ އެވެ.
އިރާނުގެ ސުޕްރީމް ލީޑަރުގެ މަގާމަސް މުޖްތަބާ އައްޔަން ކުރީ، ލީޑަރަކު އައްޔަން ކުރުމުގެ ބަސް ވިދާޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މަސައްކަތް ކުރައްވަމުން ގެންދަނިކޮށެވެ. އަވަހާރަވި އަލީ ހާމަނާއީގެ ދަރިކަލުން މުޖްތަބާ ހާމަނާއީ އެ މަގާމަށް އައްޔަން ނުކުރަން ވެސް ޓްރަމްޕް ގޮވައިލި އެވެ.
Comment