about 2 hours 0
އިރާނުގެ ޝަޖާރާ ތައްޔިބޭ ސްކޫލަށް މިސައިލެއް ފޮނުވާލައި ގޮއްވާލާފައި: ޓްރަމްޕު ކުރިން ވިދާޅުވީ ސްކޫލް ގޮއްވާލީ އިރާނުން އަމިއްލައަށް ކަަމަށް -- ފޮޓޯ: އޭޕީ
about 2 hours 0
އިރާނުގެ މިނާބު ސިޓީގައި ހުރި ސްކޫލަކަށް ހަމަލާދީ 168 ދަރިވަރުންނާއި 14 މުވައްޒަފުން މަރާލީ އެމެރިކާއިން ކަން ހާމަވެއްޖެ އެވެ.
އުމުރުން ހަތް އަހަރާއި 12 އަހަރާ ދެމެދުގެ އަންހެން ދަރިވަރުން ކިޔަވަން ހާއްސަކޮށްފައި ހުރި ޝަޖާރާ ތައްޔިބޭ ސްކޫލަށް މިސައިލެއް ފޮނުވައި ގޮއްވާލީ ހަނގުރާމަ ފެށުނު ދުވަހު، ފެބްރުއަރީ 28، ގަ އެވެ.
އެ ހަމަލާ ދިނީ އެމެރިކާއިން ނޫން ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއިރު ވިދާޅުވި އެވެ. އަދި ވިދާޅުވެފައި ވަނީ ސްކޫލަށް ބޮން އެޅީ އިރާނުން އަމިއްލައަށް ކަމަށް ބެލެވޭ ކަމަށެވެ.
އެކަމަކު، ސްކޫލަށް މިސައިލެއް ފޮނުވައިގެން އެތަން ގޮއްވާލީ އެމެރިކާއިން ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ކުރި ތަހުގީގެއްގެ ފުރަތަމަ މަރުހަލާގެ ހޯދުންތަކުން ވަނީ ޔަގީންވެފަ އެވެ.
މިސައިލަކީ ބޭނުންވާ އަމާޒަކަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ބޮމެވެ. އެހެންކަމުން، ސްކޫލަށް މިސައިލް ފޮނުވާލީ ގަސްތުގައި ކަމަށް ބެލެވެ އެވެ. އެކަމަކު، އެމެރިކާގެ އަސްކަރިއްޔާގެ ތަހުގީގުން ބުނެފައި ވަނީ ސްކޫލަށް "މިސައިލް ފޮނުވުނީ" މާ ކުރީގެ ޑޭޓާތަކަކަށް ބިނާކޮށް ކަމަށެވެ.
އިރާނު ހަނގުރާމަ ފެށިތާ 12 ދުވަސް ފާއިތުވިއިރު، އެމެރިކާއިން ހީކުރިހާ ފަސޭހައިން އިރާނުނ ބައްޔެއް ނުވި އެވެ. އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުން އިރާނުން ހަމަލާދީފައި ވަނީ އެމެރިކާގެ އަސްކަރިއްޔާ ހަރަކާތްތެރިވާ ގައުމުތަކަށާއި އިޒްރޭލަށެވެ.
އިރާނުން މިހާތަނަށް ވަނީ ސައުދީ އަރަބިއްޔާ އާއި ކުވެއިތާއި އުރުދުން އާއި ޔޫއޭއީ އާއި ގަތަރު އަދި އޮމާނަށް ހަމަލާ ދީފަ އެވެ. އެއާއެކު، ދުނިޔޭގެ ދަތުރުފަތުރައް ބުރޫއަރައި، ތެލުގެ އަގު ބޮޑުވެ، ދުނިޔޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ.
އިރާނުން އެންމެ ވަރުގަދައަށް ހަމަލާ ދިނީ އިޒްރޭލަށެވެ. އިޒްރޭލުން ބޮޑާވެގެން އުޅުނު ޑިފެންސް ސިސްޓަމް އަޔަން ޑޯމަށް ނުކުޅަދާނަ މިންވަރަށް އިރާނުން ދަނީ ހަމަލާ ދެމުންނެވެ. އެކަމަކު، އިޒްރޭލަށް ލިބެމުންދާ ގެއްލުންތައް ސެންސަރު ކުރުމަށް އެ ގައުމާއި ހުޅަނގުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
Comment