ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން މާލެ ސިޓީއަށް ހުށަހަޅާ މެނިފެސްޓޯ ރޭ ލޯންޗުކޮށްފި އެވެ.
އާޓިފިޝަލް ބީޗުގައި އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ލޯންޗުކުރީ "އަމާނާތްތެރި ހިދުމަތް، މާލެ ސިޓީގެ ވިންދު" މެނިފެސްޓޯ އެވެ. މި މެނިފެސްޓޯގައި މައިގަނޑު ތިން ދާއިރާއަކުން ގިނަ ވައުދުތަކެއް ވަނީ ހިމަނާފަ އެވެ.
މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ވައުދުތައް
- ހުޅުމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު މާލޭގެ އިހުތިސާސްގައި ހިމެނުން
- ރިވޯލްވިން ހައުސިން ފަންޑެއް ގާއިމުކޮށް، ގޯތިގެދޮރުގެ މައްސަލައަށް ހައްލު ހޯދައިދިނުން
- މާލެ ސިޓީގެ ބައުވެ ނައްތާލަންޖެހިފައިވާ އިމާރާތްތައް ނައްތާލުމުގައި ފަސޭހަކޮށްދިނުން
- ސިޓީ ކައުންސިލުގައި ޓްރެފިކް މެނޭޖުމަންޓު ޔުނިޓެއް ގާއިމުކުރުން
- މަލްޓިޕާޕަސް ޕާކިން ބިލްޑިން ތަރައްގީކޮށް، "ގެދޮށު ޕާކިން" ތައާރަފުކުރުން
- ކުނި އުކާލުމުގައި ފަސޭހަ އަދި އަގުހެޔޮ ނިޒާމެއް ގާއިމުކުރުން
- ފްލީ މާކެޓެއް ތައާރަފުކުރުން
- ލަފާފުރާ ސަރަހައްދުތަކަށް ޖާގަ އިތުރުކޮށް ދަތުރުވެރިންނަށް ބޭނުންވާ ހިދުމަތްތައް ތަރައްގީކުރުން
- އާސާރީ ތަންތަން ބެލެހެއްޓުން ކައުންސިލުގެ ދަށަށް ގެނައުން
- އަލަތު ކައިވެނީގެ ވަލީމާހިލޭ ބޭއްވޭނެ އިންތިޒާމެއް ގާއިމުކުރުން
- އުމުރުން ދުވަސްވީ މީހުންނަށް ނާސިން ހޯމް ފެސިލިޓީ ގާއިމުކުރުން
- ވޯކްއިން ޑޭކެއާ ސެންޓަރެއް ގާއިމުކުރުން
- ޑިޖިޓަލް ލައިބްރަރީގެ ހިދުމަތް ތައާރަފުކުރުން
- މާރުކޭޓުގައި ހުންނަ ތަކެތި ޑިޖިޓަލްކޮށް ފެންނާނެ ނިޒާމެއް ގާއިމުކުރުން
މީގެ އިތުރުން ވެސް އެކި ދާއިރާތަކުން މާލެ ސިޓީ ކުރިއެރުވުމަށް ގިނަ ވައުދުތަކެއް އެމްޑީޕީން ވަނީ މެނިފެސްޓޯގައި ހިމަނާފަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަނީ މިހާރު ވެސް އެ މަގާމުގައި ހުންނެވި އާދަމް އާޒިމް އެވެ.
Comment