about 20 hours 0
އަމަން ހަލީމް
ބިމު އަޑިން ތެޔޮ ނަގާ ރިގުތަކެއް: ޑިމާންޑާ އެއްވަރަށް މި ވަގުތު ތެޔޮ ނުލިބޭ --- ފޮޓޯ: ސްޓޮކްފޮޓޯ
about 20 hours 0
ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ ސަޕްލައިކުރާ މެދުއިރުމަތީގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން މަޖުބޫރުވުމާއި، ހޮރުމޫޒު ކަނޑުއޮޅި އެކީ ކަހަލަ ގޮތަކަށް ބަންދުވެފައި އޮތުމާ ގުޅިގެން ހަތަރު އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް އަރައިފި އެވެ.
ހަކަތައިގެ އަގުތައް ޓްރެކްކުރާ އޮއިލްޕްރައިޒް އިން ދައްކާ ގޮތުގައި މިއަދު ބާޒާރު ހުޅުވިއިރު، ތެލުގެ އަގު ވަނީ 100 ޑޮލަރު ފަހަނައަޅާ ގޮސްފަ އެވެ. މި ހަބަރު ޝާއިއުކުރަން ވެގެން ބެލިއިރު، މުޅި ދުނިޔޭގައި ބެންޗުމާކެއްގެ ގޮތުގައި ބަލައި ބްރެންޓް ކްރޫޑު ތެޔޮ ފީފާއެއްގެ އަގު ހުރީ 108 ޑޮލަރަށެވެ.
ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ކުވައިތަށް މިކަން ކުރަން މަޖުބޫރުވީ ހޮރުމޫޒު ކަނޑުއޮޅިން ދަތުރު ނުކުރެވޭތީ ތެޔޮ ބޭރުކުރެވޭނެ ގޮތެއް ނެތިގެންނެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދެ ގައުމުގެ ސްޓޯރޭޖުތައް ހަލުވިކަމާއެކު ފުރެމުން އަންނާތީ، އޮތް ހަމައެކަނި ގޮތަކީ ތެޔޮ އުފެއްދުން މަދުކުރުމެވެ.
ސައުދީ އަރަބިއާއިން އަންނަނީ ހޮރުމޫޒު ކަނޑުއޮޅި ބޭނުންނުކުރެވޭތީ އެ ގައުމުގެ ތެޔޮ އެކްސްޕޯޓުތައް ރަތް ކަނޑުގެ ބަންދަރުތަކަށް ޑައިވާޓުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި އެ ގައުމުގެ ތެޔޮ އުފައްދާ އިންފްރާސްޓްރަކްޗަރުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން ސައުދީއަށް ވެސް ވަނީ ތެޔޮ އުފައްދާ މިންވަރު މަދުކުރަން މަޖުބޫރުވެފަ އެވެ.
މީގެ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ކުރިން އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނަށް ހަމަލާ ދޭން ފެށިއިރު ތެޔޮ ފީފާއެއްގެ އަގު ހުރީ 75 ޑޮލަރުން ތިރީގަ އެވެ. އެ ފަހުން އިރާނުން ދިން ހަމަލާތަކާ އެކީ މެދުއިރުމަތީގެ ދެން ހުރި ހުރިހާ ގައުމުތައް ވެސް މި ހަނގުރާމަ ތެރެއަށް ވައްދާފައިވާއިރު، ހަނގުރާމަ ނިމޭނެ ދުވަހެއް ނޭނގެ އެވެ.
މާހިރުން ބުނަނީ އެމެރިކާއިން ބުނާ ގޮތަށް ފަސް ހަފުތާއަށް މި ހަނގުރާމަ ދެމިގެން ގޮސްފި ނަމަ ފީފާއެއްގެ 150 ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި، ހަނގުރާމަ ނިމުމުގެ އަލާމާތެއް ނުފެންނަހާ ހިނދު، އަގު އުފުލުމުގެ ސިލްސިލާއަށް ނިމުމެއް ނާންނާނެ ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.
މިއާ ގުޅިގެން މުޅި ދުނިޔެއަށް އިންފްލޭޝަން ކާރިސާއެއް ކުރިމަތިވުމުގެ ބިރު ވަނީ އުފެދިފަ އެވެ. މި ވޭތުވީ ހަފުތާގެ ތެރޭގައި ދަތުރުފަތުރާއި މުދާއުފުލުމުގެ އަގުތައް ހިމެނޭހެން ގިނަ މުދަލާއި ހިދުމަތްތަކުގެ އަގު ވަނީ ކުއްލިއަކަށް މައްޗަށް ޖެހިލާފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ޖުމްލަކޮށް ހުރިހާ ދާއިރާއަކުން އަގު އުފުލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މަޝްރަހު ދިރާސާކުރާ މީހުން އަންނަނީ ބުނަމުންނެވެ.
Comment