Advertisement

އިރާނުގެ އާ ސުޕްރީމް ލީޑަރު އައްޔަން ކުރުމުގެ މަސައްކަތް ނިމެނީ

8 މާރިޗު 2026 - 20:28 0


އިރާނުގެ އާ ސުޕްރީމް ލީޑަރު އައްޔަން ކުރުމުގެ މަސައްކަތް ނިމެނީ

8 މާރިޗު 2026 - 20:28 0

އިޒްރޭލާއި އެމެރިކާއިން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އަވަހާރަވި އިރާނުގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީގެ ބަދަލުގައި އާ ސުޕްރީމް ލީޑަރަކު އައްޔަން ކުރުމުގެ މަސައްކަތް ފަހު މަރުހަލާއާ ހަމައަށް ގޮސްފި އެވެ.

އިރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްގެ ތިން އިލްމުވެރިއަކު އެ ގައުމުގެ ސްޓޭޓް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ، ސުޕްރީމް ލީޑަރަކަށް ހޮވާނެ ބޭފުޅަކާމެދު ކޮމިޓީގެ މެންބަރުންނަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް ކޮމިޓީއިން އަދި ހާމައެއް ނުކުރެ އެވެ.

އެ ކޮމިޓީގައި ހިމެނޭ އިލްމުވެރިއެއް ކަމަށްވާ މުހައްމަދު މަހުދީއާ ހަވާލާދީ އައިއާރްއެންއޭ ޓީވީ އިން ބުނީ، އާ ލީޑަރު ހޮވަން ކޮމިޓީގެ މެޖޯރިޓީ ލިބިފައިވާ ކަމަށެވެ. އެހެންކަމުން، އާ ލީޑަރަކަށް ހަމަޖައްސަން ނިންމި ނަމާމެދު، އެ ކޮމިޓީގައި ހިމެނޭ ބައެއް މެންބަރުން ހިތްހަމަނުޖެހޭ ކަމަށް ބެލެވެ އެވެ.

އިރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްގައި ހިމެނެނީ 88 މެންބަރުންނެވެ. އެއީ އަށް އަހަރުގެ ދައުރަކަށް ސީދާ ރައްޔިތުން އިންތިހާބު ކުރާ މެންބަރުންތަކެކެވެ. ނަމަވެސް އިންތިހާބުގައި ވާދަ ކުރެވޭނީ ގާޑިއަން ކައުންސިލުން ކެންޑިޑެސީ ފާސްކޮށްގެންނެވެ.

ގާޑިއަން ކައުންސިލުގައި ތިބެނީ 12 މެންބަރުންނެވެ. އެއީ ސުޕްރީމް ލީޑަރު އައްޔަން ކުރާ ހަ މެންބަރުންނާއި އުއްތަމަ ފަނޑިޔާރު އައްޔަން ކުރައްވާ ހަ މެންބަރުންނެވެ. އެކަމަކު އިރާނުގެ އުއްތަމަ ފަނޑިޔާރަކީ ސުޕްރީމް ލީޑަރު އައްޔަން ކުރައްވާ ބޭފުޅެކެވެ. އެހެންކަމުން ގާޑިއަން ކައުންސިލުގައި އޮންނާނީ 100 ޕަސެންޓް ސުޕްރީމް ލީޑަރުގެ ކޮންޓްރޯލެވެ.

އިރާނުގެ ސުޕްރީމް ލީޑަރަކު އައްޔަން ކުރުމާ ހަމައަށްދާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމުގައި އޭނާގެ ބަހެއް ނެތުމުން ނުރުހުން ފާޅުކޮށްފަ އެވެ. ޓްރަމްޕު ބޭނުންވަނީ ވެނެޒުއޭލާގެ އާ ލީޑަރު އައްޔަން ކުރުމުގައި އެމެރިކާއަށް ލިބުނު ފަދަ ފުރުސަތެއް ހޯދުމަށެވެ.

ޓްރަމްޕު އެންމެ ބޮޑަށް ޖެހިލުންވަނީ އަވަހާރަވި އަލީ ހާމަނާއީގެ ދަރިކަލުން މުޖުތަބާ ހާމަނާއީ އާ ސުޕްރީމް ލީޑަރަކަށް އައްޔަން ކޮށްފާނެތީ އެވެ. އެކަމަކު، ހުޅަނގުގެ ނޫސްތަކުން ބުނެފައި ވަނީ ސުޕްރީމް ލީޑަރުގެ މަގާމަށް އައްޔަން ކުރާނީ މުޖްތަބާ ހާމަނާއީ ކަމަށް ބެލެވޭ ކަމަށެވެ.