ސިންގަޕޫރުގައި ހުންނަ ޝެލްގެ ރިފައިނަރީއެއް: ސިންގަޕޫރުން ޑީސަލާއި ޖެޓް ފިއުލް އާއި ޕެޓްރޯލް އެތެރެކުރޭ --- ފޮޓޯ: ރޮއިޓާސް
އެމެރިކާ-އިރާނު ހަނގުރާމައާ ގުޅިގެން ހަކަތައިގެ ބާޒާރަށް އަންނަ ލޮޅުންތަކާ އެކީ ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު ވެސް ވަރަށް ބޮޑަށް އުފުލެން ފަށައިފި އެވެ.
ހަކަތައިގެ އަގުތައް މޮނީޓާކުރާ އޮއިލް މެރިން ޖާނަލްގައިވާ ގޮތުގައި މިއަދު ބާޒާރު ހުޅުވިއިރު، ސިންގަޕޫރު ޑީސަލް ފީފާއެއް ލިބެން ހުރީ 177 ޑޮލަރަށެވެ. ސިންގަޕޫރު ޑީސަލް މި ވަގުތު ވިއްކަމުން އަންނަނީ އަރަބި ގަލްފު ޑީސަލް އަގުތަކަށް 25 ޑޮލަރުގެ ޕްރީމިއަމްއެއް ލައިގެންނެވެ. މިހާރު އަރަބި ގަލްފު ޑީސަލް ފީފާއެއްގެ އަގު އުޅެނީ 150 ޑޮލަރުން މަތީގަ އެވެ.
މިއީ ފީފާއެއް ބާޒާރުން ގަނެގެން އާގުބޯޓަށް އަރުވާއިރު ޖެހޭ އަގު (ފްރީ އޮން ބޯޑު/އެފްއޯބީ) އެވެ. ކޮންމެ ފީފާއެއްގައި ހުންނަނީ 159 ލީޓަރެވެ. މިހެންކަމުން މިހާރު ދުނިޔޭގެ ބާޒާރުގައި ޑީސަލް ލީޓަރެއް ގަންނަން ޖެހޭ އަގު މި އުޅެނީ 14.50ރ. އާއި 17.43ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ޑީސަލް ފީފާއެއް ބާޒާރުން ގަންނަން ލިބޭ އަގުގެ ތެރެއަށް އިންޝުއަރެންސް އާއި ފްރައިޓާއި ޑިއުޓީ އާއި ތެޔޮ ވިއްކާ ވިޔަފާރިތަކުގެ މާކަޕް ލުމުން ލީޓަރެއްގެ 19ރ. އަށް ވުރެ ބޮޑެވެ. މިއީ މި ވަގުތު ރާއްޖޭގައި ޑީސަލް ލީޓަރެއް ވިއްކަމުން އަންނަ ކަމުގައިވާ 17.54ރ. އަށް ވުރެ ދޮޅު ރުފިޔާ އިތުރު އަދަދެކެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި، އެ އަގަށް ވުރެ ދަށްކޮށް އެސްޓީއޯއަށް ތެޔޮ ވިއްކަން މަޖުބޫރުވާނަމަ މި ހަރަދޫ ފޫބައްދަން ޖެހޭނީ ސަރުކާރުންނެވެ.
އަދަދު އިން އެއްކުރި މައުލޫމާތުން ދައްކާ ގޮތުގައި ހަނގުރާމަ ފެށުމުގެ 10 ދުވަސް ކުރިން ސިންގަޕޫރުން ޑީސަލް ވިއްކަމުން ދިޔައީ ފީފާއެއް 80 ޑޮލަރަށެވެ. ހަނގުރާމަ ފެށުމުގެ ކުރީ ދުވަހު އެ އަގު ވަނީ 90 ޑޮލަރަށް އުފުލިފަ އެވެ. މިހެންކަމުން މިހާރު އަގު މި ވަނީ ގާތްގަނޑަކަށް ދެ ގުނަ އުފުލިފަ އެވެ.
މާހިރުން ބުނާ ގޮތުގައި ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި ހަނގުރާމަ ހުއްޓާލައި، އާންމު ހާލަތަށް ނޭޅިއްޖެ ނަމަ އަގުތައް އަތުފަތު ނުޖެހޭ ހިސާބަށް ދިޔުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިއާ އެކީ ތަކެއްޗާއި ހިދުމަތްތަކުގެ އަގު އުފުލި، މުޅި ދުނިޔެއަށް އިންފްލޭޝަން ކާރިސާއެއް ބޯމަތިވެފައިވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި އިކޮނޮމިސްޓުން އަންނަނީ އިންޒާރު ދެމުންނެވެ.
Comment