about 2 hours 0
ސާއިފް ޝިޔާދު
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގެ އިންފޮމޭޝަން ސްކްރީނުގައި ގިނަ ފްލައިޓުތަކެއް ކެންސަލް ވެފައިވާކަން ދައްކާފައި ----
about 2 hours 0
މެދުއިރުމަތީގައި އިއްޔެ ފެށި ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ބެލެވޭއިރު ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ ތެރެއިން 35 ޕަސެންޓު މީހުންނަށް އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރާ މައިގަނޑު ދެ ޓްރާންސިޓް ހަބް ކަމުގައިވާ ދުބާއީ އާއި ދޯހާގެ އެއާޕޯޓުތަކުގެ އޮޕަރޭޝަންތައް ވަނީ ހުއްޓާލާފަ އެވެ.
ހަމައެހެންމެ، މެދުއިރުމަތީގެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ވަނީ އެއްކޮށް ހުއްޓާލާފަ އެވެ. އެމިރޭޓްސް، ގަތަރު އެއާވޭސް، އެތިހާދު، ފްލައި ޑުބާއީ ފަދަ އެއާލައިންތަކަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއާލައިންތަކެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯރިގު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ޓޫރިޒަމަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ދެތިން ދުވަހު މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ޓޫރިޒަމަށް އަަސަރުކުރާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.
"މިދިޔަ މަހުގެ އެވެރެޖަކީ 8،800 އޭ، އޭގެ 30، 35 ޕަސެންޓު. އެވަރު އިމީޑިއެޓްލީ މަދުވުމެއް ނޫން. އެފެކްޓުވެގެންދާނެ އެވަރު، އިތުރު ގޮތްތައް މި ހޯދަނީ،" ތޯރިގު ވިދާޅުވި އެވެ.
ސަރުކާރުގެ އުންމީދަކީ ވީހާވެސް އަވަހަށް މި ހަނގުރާމަ ނިމި ދަތުރުތައް އަލުން ފެށިގެންދިޔުން ކަމަށް ތޯރިގު ވިދާޅުވި އެވެ. ޓޫރިޒަމަށް ކުރާ އަސަރު ވީހާވެސް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތޯރިގު ވިދާޅުވި އެވެ.
މިއަދު ވެސް މެދުއިރުމަތިން ރާއްޖެއަށް އަންނަ އޮތް ގިނަ އަދަދެއްގެ ފްލައިޓުތައް ކެންސަލް ކުރި އެވެ. ރާއްޖޭން ފުރަން ތިބި އެތައް ޓޫރިސްޓުންނެއް ވެސް ވަނީ މިކަމުގެ ސަބަބުން ރާއްޖޭގައި ތާށިވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment