އެމެރިކާ އާއި އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި އިރާނަށް ހަމަލާ ދިނުމަށް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފި އެވެ.
މި ހުއްދަ ދިނީ ހޮރުމޫޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދޭ އީރާނުގެ މިސައިލް މަރުކަޒުތަކަށް ހަމަލާ ދިނުމަށް ކަމަށް އިނގިރޭސި ސަރުކާރުން ބުނެ އެވެ.
ޑައުނިން ސްޓްރީޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ބޮޑުވަޒީރު ކިއެ ސްޓާމާގެ ކެބިނެޓު އިއްޔެ މަޝްވަރާކުރީ ބައްދަލުކުރެއްވީ އީރާނުން ހޯރުމޫޒު ކަނޑުއޮޅި ބަންދުކޮށްފައިވާ މައްސަލައާ ގުޅޭގޮތުންނެވެ.
"އިނގިރޭސި މަރުކަޒުތައް ބޭނުންކުރުމަށް އެމެރިކާއަށް ދީފައިވާ އެއްބަސްވުމުގެ ތެރޭގައި، ހޯރުމޫޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދިނުމަށް ބޭނުންކުރާ މިސައިލް މަރުކަޒުތައް ނައްތާލުމަށް އެމެރިކާއިން ހިންގާ އޮޕަރޭޝަންތައް ހިމެނޭ،" ބަޔާނުގައިވެއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގަޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާ ދެކޮޅަށް ހަމަލާދިނުމަށް އިނގިރޭސި މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދީގެން އިނގިރޭސި ރައްޔިތުންގެ ފުރާނަ ނުރައްކަލުގެ ތެރެއަށް އެ ގައުމުގެ ސަރުކާރުން ހުށަހަޅަމުން ގެންދާ ކަމަށެވެ.
މި ހަފްތާގެ ކުރީކޮޅު ސްޓާމާ ވިދާޅުވީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ ކަމަށެވެ. އަދި އީރާނަށް ހަމަލާދިނުމަށް އިނގިރޭސި މަރުކަޒުތައް ބޭނުންކުރުމަށް އެމެރިކާއިން އެދުނު އެދުމަށް އޭނާ ފުރަތަމަ އިންކާރުކުރެއްވީ، އެފަދަ އަސްކަރީ ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ފިޔަވަޅެއްކަން ކަށަވަރުކުރަން ބޭނުންވާތީ ކަމަށް ސްޓާމާ ވިދާޅުވި އެވެ.
ނަމަވެސް، މެދުއިރުމަތީގައި ތިބި އިނގިރޭސިވިލާތުގެ އެކުވެރި ގައުމުތަކަށް އީރާނުން ހަމަލާދިނުމާ ގުޅިގެން ބޮޑުވަޒީރު ވަނީ ނިންމުން ބަދަލުކުރައްވާފަ އެވެ. އެގޮތުން އާރުއޭއެފް ފެއާފޯޑް އަދި އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް މިހާރު ވަނީ ދީފަ އެވެ.
އެއާއެކު އިރާނުން ވަނީ ރޭގެ ވަގުތެއްގައި ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ފޮނުވާލާފަ އެވެ.
އިނގިރޭސިވިލާތުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، މި ހަނގުރާމައާ މެދު އާންމުންގެ މެދުގައި ތާއިދު ކުޑަ އެވެ.
Comment