Advertisement

ނިއު އަތުން މާޒިޔާ މޮޅުވީ "ރަނގަޅު ފުޓްބޯޅަ މެޗެއް" ކުޅެގެން: ހެނާންޑޭޒް

about 6 hours 0


ނިއު އަތުން މާޒިޔާ މޮޅުވީ "ރަނގަޅު ފުޓްބޯޅަ މެޗެއް" ކުޅެގެން: ހެނާންޑޭޒް

about 6 hours 0

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވި މެޗަކީ، "ރަނގަޅު ފުޓްބޯޅައެއް" ފެނިގެންދިޔަ މެޗެއް ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ދެ ވަނަ ހާފުގައި ނިއު އިން ނުކުމެ 2-2 އިން އެއްވަރުކުރިއިރު، މެޗުގެ ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ނިއު އަތުން 4-3 އިން މާޒިޔާ މޮޅުވެ، ފައިނަލަށް ދަތުުރުކޮށް، ތަށި ދިފާއުކުރުމުގެ ފުރުސަތު ހޯދީ އެވެ.

މެޗަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި، ހެނާންޑޭޒް ބުނެފައިވަނީ، މި ކަހަލަ ރަނގަޅު މެޗަކުން މޮޅުވުމުގެ ހިތްހަމަޖެހުން ބޮޑު ކަމަށާއި މެޗު ދިޔަ ގޮތަށް ބަލާއިރު، ފުރަތަމަ ހާފުގައި މާޒިޔާ އިން ދެ ގޯލު ޖަހައި، ދެ ވަނަ ހާފުގައި، ސަމާލުކަން ގެއްލުނު ވަގުތުތަކެއްގައި ގޯސްތަކެއް ހެދިގެން އެ ޓީމު ކޮޅަށް ދެ ގޯލު ވަނީ ކަމަށެވެ.

"ދެ ވަނަ ހާފު ފަށައިގެން އެ މީހުން (ނިއު ރޭޑިއަންޓް އިން) ހަތަރު ކުޅުންތެރިން އެޓޭކަށް ލައިގެން ކުޅެން ފެށިއިރު، އަހަރެމެންނަށް ރިއެކްޓް ކުރެވުނީ ފަހުން، ދެން، ދެ ވަނަ ގޯލަކީ އަހަރެމެންގެ މިސްޓޭކެއް. މިއީ، ފުޓްބޯޅަ. އަހަރެމެން ފުރަތަމަ ހާފުގައި ގޯލުތައް ޖެހީ، ދެ ވަނަ ހާފުގައި އެ މީހުން ގޯލު ޖެހީ، މިއީ، މި މުބާރާތަށް ރަނގަޅު މެޗެއް. ގައުމީ ފުޓްބޯޅަ ޓީމަށް ވެސް ފައިދާކުރާނެ މެޗެއް. އެއީ ވަރަށް އަވަހަށް ގައުމީ ޓީމުުގެ މެޗެއް ވެސް އެބައޮތް،" ހެނާންޑޭޒް ބުންޏެވެ.

އަންގާރަ ދުވަހު ކުޅޭ ފައިނަލުގައި މާޒިޔާއާ ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ސެމީ ފައިނަލުގައި، ބުރު ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުންނެވެ.

"އަހަރެން އުންމީދު ކުރަނީ ވަރަށް ރަނގަޅު ފުޓްބޯޅަ މެޗެއް އެ މެޗުގައި ވެސް ފެންނާނެ ކަމަށް. ކުޅުންތެރިންގެ ރަނގަޅު ކުޅުން ފެންނަ ވާދަވެރި މެޗަކަށް. ދެން، އެ ތަނުން ކޮންމެ ޓީމެއް މޮޅުވިޔަސް، މަރުހަބާ ކިޔަން ތައްޔާރު،" ފައިނަލުގައި ޖެހޭނެ ޓީމަކާ ބެހޭގޮތުން ސުވާލުކުރުމުން ހެނާންޑޭޒް ބުންޏެވެ.

މާޒިޔާއާ ހަވާލުވި ފަހުން ހެނާންޑޭޒް ވަނީ، އެ ޓީމަށް މެއި މަހުގެ އެފްއޭއެމް ލީގު ކަޕާއި އެފްއޭ ޗެރިޓީ ޝީލްޑާއި ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. މި ހުރިހާ ކަމެއް ހާސިލްކުރީ މެޗަކުން ބަލިނުވެ އެވެ.

ހެނާންޑޭޒް ބުނީ، ހަގީގަތުގައި މިއީ ވަރަށް ބުރަކޮށް މަަސައްކަތްކޮށްގެން ހާސިލްކުރެވޭ ކަމެއް ކަމަށާއި އުންމީދަކީ މި ގޮތުގައި ފައިނަލަށް ނުކުމެ އެ މެޗުގައި ވެސް ކާމިޔާބު ހޯދުން ކަމަށެވެ.

ފައިނަލަށް ނުކުންނައިރު މާޒިޔާ އަށް ލިބޭނެ ހިތްހަމަޖެހުމަކީ، އިދިކޮޅަށް ކުޅެން ނުުކުންނަ ޓީމަކަށް ވުރެން އިތުރު އެއް ދުވަސް ރިކަވަރީ އަށް ލިބޭނެތީ ކަމަށް ކޯޗު ހެނާންޑޭޒް ވަނީ ބުނެފަ އެވެ.